ހދ. ނެއްލައިދޫ ސްކޫލުގެ ދަރިވަރުން، ކައުންސިލްގެ ޕިކަޕެއްގައި މިއަދު ސްކޫލަށް ދަނީ

ވިއްސާރަ

ނެއްލައިދޫ ކުދިން މިއަދު ސްކޫލަށް ދިޔައީ ކައުންސިލްގެ ޕިކަޕުގައި

ފަތިހުއްސުރެ ވެހެން ފެށި ވާރޭ، މެންދުރު ފަހު މެދުކަނޑާލި އިރު، ރަށުގެ ދެކުނު ފަޅި އޮތީ 'އަޑީގައި' ކަމަށް އެ ރަށުން ބުނޭ
16 އޮކްޓޯބަރު 2025
3

ރޭ ފަތިހުއްސުރެ ހދ. ނެއްލައިދުއަށް ކުރަމުން ދިޔަ ވިއްސާރަ ހުއްޓާނުލުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ، ދަރިވަރުން ސްކޫލަށް ގެންދިޔުމަށް އެ ރަށު ކައުންސިލާއި އާއްމުންގެ ތެރެއިން ބަޔަކު ނުކުމެއްޖެ އެވެ.

ވީ ކިހިނެއް؟ - މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ވެފަ އެވެ. ނެއްލައިދޫގެ ގިނަ ގެތަކަށް ވެސް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.

ހދ. ނެެއްލައިދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވ (ފޮޓޯ/ވިފާން)

ތަފްސީލް - ނެއްލައިދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ދަރިވަރުން ހެނދުނު ސްކޫލަށް ދާން ތައްޔާރުވި އިރު، ރަށުގެ ދެކުނު ފަޅި އޮތީ އެއްކޮށް 'އަޑީގަ' އެވެ. ބޯކޮށް ވާރޭވެހި، ގެތަކަށް ގެއްލުން ލިބުނު ނަމަވެސް ކިޔެވުން ކެންސަލް ނުކުރާތީ، ސްކޫލަށް ދާން މަޖުބޫރުވީ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ވިއްސާރައިގެ ތެރެއިން ބެލެނިވެރިންނަށް އެހީވީ، ރަށުގެ ކައުންސިލާއި ޕިކަޕް ފަދަ އުޅަނދު ގެންގުޅޭ ބައެއް އާއްމުންނެވެ. އޭގެ ވީޑިއޯ ސޯޝަލް މީޑިއާގައި އުޅޭއިރު، އެއިން ފެންނަ ގޮތުގައި ދަރިވަރުން ތިބީ ކުޑަ އަޅައިގެން، ޕިކަޕުގެ ތެރޭގަ އެވެ. ތިން ސަތޭކައެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލަށް، ބައެއް ކުދިން އުފުލީ، އެ އުޅަނދުތަކުގަ އެވެ.

ހދ. ނެެއްލައިދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާއިރު، ފެން ހިންދުމަށް ރަށުގެ މީހުން މަސައްކަތް ކުރަނީ (ފޮޓޯ/ވިފާން)

"އަޅުގަނޑު ހިތަށް އަރަނީ މާލެއަށް ވާރޭ ވެހޭއިރު ސްކޫލުތައް ބަންދުކުރެއޭ. ރަށެއްގެ ސްކޫލު ބަންދުކުރުމަށް ނާންގަނީ ކީއްވެގެންބާއޭ. މިތަނުގައި ކިޔަވާ ދަރިވަރުން ވެސް ހާދަ ހާލެއްގައޭ ސްކޫލަށް ގޮސް އަންނަން މި ޖެހުނީ،" އެ ރަށުގެ މީހަކު ޝަކުވާ ކުރި އެވެ.

ނެއްލައިދުއަށް ފަތިހު ވެހެން ފެށިވާރޭ މެދުކަނޑާލީ މެންދުރު ފަހު ދޭއްޖަހާކަންހާއިރު އެވެ. އޭރު މުޅި ރަށުގައި އޮތީ ފެންބޮޑުވެފަ އެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވީ ރަށުގެ ގިނަ ގެތަކަކަށް ފެންވަދެފައިވާއިރު، ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ގިނަ ގެތަކުގައި ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނު ހަލާކުވެ، ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ހދ. ނެެއްލައިދުއަށް ބޯކޮށް ވާރޭ ވެހި ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި (ފޮޓޯ/ވިފާން)

ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުން މިހާރު އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަމްޕު ބަހައްޓައިގެން ފެން ހިންދައި، ގެތަކުގައި ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށް އަލީފް ވިދާޅުވި އެވެ.

"މި ރަށަކީ މިގޮތަށް ގިނައިން ވާރޭވެހިއްޖެ ނަމަ އަބަދުވެސް ފެންބޮޑުވާ ރަށެއް. މި ފަހަރުގެ ހާދިސާ ވެސް އެމްއެންޑީއެފަށް ވާނީ ރިޕޯޓުކޮށްފައި. އެކަމަކު އެއްވެސް ފަހަރެއްގައި އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ އެހީތެރިކަމެއް ނުލިބޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހދ. ނެެއްލައިދުއަށް ބޯކޮށް ވާރޭ ވެހި ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި (ފޮޓޯ/ވިފާން)
ހދ. ނެެއްލައިދުއަށް ބޯކޮށް ވާރޭ ވެހި ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި (ފޮޓޯ/ވިފާން)

މިހާރު ވެސް ބަނަކޮށް އޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އިތުރަށް ވާރޭ ނުވެހިއްޖެ ނަމަ، ކުރިއަށް އޮތް ދެ ގަޑިއިރެއްހާއިރު ތެރޭގައި ފެންގަނޑު ހިނދޭނެ ކަމަށެވެ.

ނެއްލައިދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އެ ރަށުގެ ފެންގަނޑު ހިންދުމުގެ މަސައްކަތް އެމްއެންޑީއެފާއި ރަށުގެ މުއައްސަސާތަކާއި އާއްމުން ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް (3)

ކޮސް

17 އޮކްޓޯބަރު 2025
ތިރަށު ސުކޫލުގެ ޕުރިންސިޕަލަށް އޮންނާނެ ބާރު ، ތިޔަފަދަ ހާލަތެއްގާ ސުކޫލުގެ ކިޔެވުން ނުބާއްވަން.
0 0

އަހާބަލަ

18 އޮކްޓޯބަރު 2025
@ކޮސް ނޯވޭ. މިނިސްޓްރީއިން ހުއްދަ ދީފިއްޔާ އެކަން ކުރެވޭނީ
1 0

އަހުމަދޭ

16 އޮކްޓޯބަރު 2025
"މި ފަހަރުގެ ހާދިސާ ވެސް އެމްއެންޑީއެފަށް ވާނީ ރިޕޯޓުކޮށްފައި. އެކަމަކު އެއްވެސް ފަހަރެއްގައި އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ އެހީތެރިކަމެއް ނުލިބޭ،" ހިތަށް އަސަރުކޮށްފި. މިހެން މިކަން ހިނގާނަމަ ވަރަށް ބޮޑު މައްސަލައެއް. ކާރިސާތަކުގައި ސިފައިންގެ އެހީތެރިަކަން ލިބެންޖެހޭނީ ވަކި ރަށަކަށް ވަކި ބަޔަކަށް ނޫން
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް