އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ

ފުލުހުން

ޖަވާބުދާރީވާން ފުރުސަތެއް ވެސް ނުދީ ނާޒިމް ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ދާއޫދު

ދާއޫދުގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވެދެފައިނުވާނެ ކަމަށާއި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ދީފައި

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ ފަރާތުން ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތަކެއް ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

އެ ކޮމިޓީއަށް ވިސްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބަލައި ނާޒިމް އިއްޔެ ވިދާޅުވީ، މިދިޔަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި ދާއޫދަށް ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެކަމާ ގުޅޭ ރިޕޯޓުގައިވާ ގޮތުން:

  • އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބި، 14.6 މިލިއަން ރުފިޔާގެ އެސެޓް ދާއޫދު ހޯއްދަވާފައިވާ ކަމަށް ތުހުމަތުކުރެވޭ

  • ދާއޫދަށް ކާކުގެ ފަރާތުންކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ މިދިޔަ ދެ އަހަރު ލިބިފައިވާ ކަމުގެ ތުުހުމަތުކުރެވޭ

  • ނޮވެމްބަރު 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާކުރަމުންދާކަމުގެ ތުހުމަތުކުރެވޭ

  • އެ ގޭގެ ކުލި ޖަމާވަނީ އެ ގެ ހަދަން އިންވެސްޓުކޮށްފައިވާތީ ކަމަށް ވިޔަސް، އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ފައިސާ ލިބުނު ގޮތެއް ނޭނގޭ

  • އިތުރު އެޕާޓްމަންޓެއް އެފްޑަބްލިއު ރެސިޑެންސްއިން 4 މިލިއަން ރުފިޔާއަށް ދާއޫދު ގަނެފައިވާކަމުގެ ތުހުމަތުކުރެވޭ

ބުނީ ކީކޭ؟ - އެ ވާހަކަތައް ދޮގުކޮށް ދާއޫދުގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ބަޔާނުގައި ވަނީ، ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައިނުވާނެ ކަމާއި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ދީފަ އެވެ.

އެގޮތުން ބުނީ:

  • އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައިނުވާކަން، ދައުލަތުގެ ފަރާތުން އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ 

  • އިދާރީ ތަހުގީގުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރިން ނިންމަވާފައިވާ ނިންމުންތަކާ ގުޅިގެން ޝަރުއީ މަރުހަލާގައި ނިންމަވާފައިވާ ނިންމުންތަކުން ދާއޫދުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެ

  • ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ޒިންމާދާރު އޮފިސަރަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާ މެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަކަށް ވާތީ މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް އިލްތިމާސްކުރަން 

  • ތުހުމަތު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ލައިވްކޮށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަމެއް ނޫން

  • ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތައް ވާންވާނީ ޒިންމާދާރުކަމާ އެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކާ ވާހަކަތަކަކަށް

ފާހަގަކޮށްލެވޭ ކަމެއް - މި ތުހުމަތުތައް ފެންމަތިވެފައިވަނިކޮށް ދާއޫދު އިއްޔެ ވަނީ ޗުއްްޓީ ނަންގަވާފަ އެވެ. ދާއޫދަކީ 2020 ވަނަ އަަހަރު ޕޮލިސް ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން ފަސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

އެކަމަކު 2022 ވަނަ އަހަރު ސިވިލް ކޯޓުން ޕޮލިސް ބޯޑުގެ ނިންމުން ގޯސްކަމަށް ނިންމުމުން ވަޒީފާ އަނބުރާ ދިނީ އެވެ. އޭރު ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓްގެ ރޭންކުގައި ހުންނެވި މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ ރޭންކަށް ބަދަލުކުރީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވަމުންގެންދަވަނީ ދާއޫދެވެ.

ކޮމެންޓް (1)

ސިކުނޑި

15 އޮކްޓޯބަރު 2025
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސިޔާސީ މީހުންގެ މައްސަލަ ބެލިކަމުގައި ވިޔަސް ފުލުހުންގެ މައްސަލަތައް މިގޮތަށް ބެލިގެން ނުވާނެ! މިހާރު ގަބޫލު ކުރެވޭ ނާޒިމު މަސައްކަތް ކުރަނީ ހަމަ ގަސްތުގައި ފުލުހުންގެ އަގު ވައްޓާލަންކަމަށް! ކޮންމެ ގޮތެއްވިޔަސް މައްސަލައެއްގެ ތުހުމަތެއް އޮތިއްޔާ އެ ކަމެއް ބަލާނެ! ޚާއްސަކޮށް މަރުގެ މައްސަލައެއްވިޔާ އެ ފައިލެއް ނުކުރެވޭނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް