ގދ. ތިނަދުއަށް ކުރި ވިއްސާރައިގައި ގެއަކަށް ފެން ވަދެފައި (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

ވިއްސާރަ

ބޯކޮށް ވާރޭވެހި ތިނަދޫގައި ފެންބޮޑުވެއްޖެ

ބައެއް ގެތަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި
14 އޮކްޓޯބަރު 2025

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ދުވަސްވަރު ވަރަށް ވިއްސާރަ އެވެ. ހާއްސަކޮށް ރޭ ދަންވަރު، ތިނަދޫ ހިމެނޭ ހުވަދު އަތޮޅަށް އޮތީ ރީނދޫ އެލާޓް ނެރެފަ އެވެ.

ގދ. ތިނަދުއަށް ކުރި ވިއްސާރައިގައި ބައެއް ގެތަކަށް ފެން ވަދެފައި (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ހެނދުނު ބުނީ، ރެއިން ފެށިގެން މެދުކެނޑުމެއް ނެތި އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.

ގދ. ތިނަދުއަށް ކުރި ވިއްސާރައިގައި އެ ރަށުގައި ފެންބޮޑުވެފައި (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

ކައުންސިލުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުގައި ވަނީ ތަނބިކައްޓަށް ވުރެ މައްޗަށް ފެން ވަދެފަ އެވެ. ފެން ހިންދުމަށް ކައުންސިލުން ޕަމްޕު ބަހައްޓައި އަދި ވެލި ބަސްތާ ޖަހާތަން ވެސް އެ ފޮޓޯތަކުން ފެނެ އެވެ.

ތިނަދޫގައި ބޮޑުވި ފެން ހިންދުމަށް އެ ރަށު ބަޔަކު ވެލި ބަސްތާ ޖަަހަނީ (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

އެނގުން މުހިއްމު - ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މި ހަފުތާގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. މިހާރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އޮތީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް