މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއް: މި ދުވަސްވަރު މާލެ ސަރަހައްދަށް ވައި ގަދަ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

މާދަމާ އިން ފެށިގެން ވައި މަޑުވެ، މޫސުން ރަނގަޅުވާނެ: މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވޭ
4 ޖެނުއަރީ 2022

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވައި ގަދަ ނަމަވެސް، މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ރޭ ވަނީ ސަމާލުވުމަށް އަންގައިފަ އެވެ. އެ ސަރަހައްދުތަކަށް ރޭ ވަނީ:

  • ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހިފައި

  • ވިލާގަނޑުގައި 35 މޭލަށް ވައިގަދަވި 

  • ކަނޑުތައް ގަދަ

ބުނީ ކީކޭ؟ - މެޓް އޮފީހުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މެދުރާއްޖެތެރެއަށް މިއަދު ވެސް ވައި ގަދަ ކަމަށެވެ. އެގޮތުން:

  • މެދު ރާއްޖެތެރޭގައި ގަޑިއަކު 12 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ 

  • ދެކުނަށް ވެސް ވައި ގަދަ 

  • އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވޭ

"މޫސުން އާންމުކޮށް ރަނގަޅު. މާދަމާ އިން ފެށިގެން ވައި ވެސް މަޑުވެ، މޫސުން އިތުރަށް ރަނގަޅުވަމުން އަންނާނެ ކަމަށް ލަފާކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

އުދައެރުން އެކަށީގެންވޭ

މެޓުގެ އޮފިޝަލް ވިދާޅުވީ މި ދުވަސްކޮޅު ދިޔަވަރު ބޮޑު ވާތީ ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އުދަ އަރާނެކަމަށް ލަފާކޮށް މެޓުން ރޭ ދަންވަރު ވަނީ އެލާޓެއް ނެރެފަ އެވެ. ނަމަވެސް، އެއްވެސް ރަށަކަށް އުދަ އެރިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް މެޓުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް