މޭރީ މަރުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، މީގެ ކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި

މޭރީގެ މަރު

ލަމްހާ ބަންދުކުރާވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން އެސެސްމަންޓެއް ހަދަން އަނެއްކާ ވެސް ދައުލަތަށް އަންގައިފި

މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ މިހާރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބަަލަން އެކަމާ ގުޅޭ އެސެސްމަންޓެއް ހަދައި ހުށަހެޅުމުން ކަމަށް

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަލުން ބަންދުކުރަންޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ހަދަން އެންގި ރިސްކް އެސެސްމަންޓް ދައުލަތުން ނުހަދާ އޮތުމުން އެކަމަށް ދެ ވަނަ ފުރުސަތެއް މިއަދު ކްރިމިނަލް ކޯޓުން ދީފި އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު މިއަދު ވިދާޅުވީ އޭނާ ބަންދުކުރުމާ މެދު ގޮތެއް ކަނޑައެޅޭނީ އެ އެސެސްމަންޓަށް ބެލުމަށް ފަހު ކަމަށެވެ.

ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023ގަ އެވެ. އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުން ގޯސްކަމަށް ނިންމައި އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން އަންގައިގެން ލަމްހާ ބަންދުކޮށްފައިވެ އެވެ. 

އޭގެފަހުން:

  • ކްރިމިނަލް ކޯޓުން މިފަހުން އަނެއްކާ ވެސް ވަނީ އޭނާ ބަންދުން ދޫކޮށްލާފައި 

  • ލަމްހާ ބަންދުކޮށްދިނުމަށް މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން އަނެއްކާ ވެސް އެދިފައިވޭ 

  • މައްސަލަ ބައްލަވާ ގާޒީ ފާއިޒް އެ ދުވަހު ވަނީ އޭނާ ބަންދުކުރަންޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ރިސްކް އެސެސްމަންޓެއް ހަދައި، ހުށަހެޅުމަށް ދައުލަތަށް އަންގާފައި

ތަފްސީލް - މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ފާއިޒް ވިދާޅުވީ އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައިި ވިޔަސް، މިއަދާ ހަމައަށް ވެސް އެކަން ކޮށްފަނުވާ ކަމަށެވެ.

އެ އެސެސްމަންޓް ނުހަދާ އޮތީ ކީއްވެތޯ ސުވާލުކުރުމުން ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވީ އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

ދައުލަތުގެ އެ ވާހަކަަތަކާ ގުޅިގެން ފާއިޒް ވިދާޅުވީ އެ އެސެސްމަންޓް ހަދަން އެންގީ، ލަމްހާ ބަންދުން ދޫކޮށްލާފައި ހުންނަތާ މިހާރު ދުވަސްތަކެއް ވެފައިވާތީ، އަލުން އޭނާ ބަންދުކުރަން ޖެހޭ ނަމަ، ދޫކޮށްލާފައި ހުރުމުގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތީ ކިހާ މިންވަރަަކަށްތޯ ޔަގީން ކުރުމަށް ކަމަށެވެ. އެކަން ޔަގީންކުރެވޭނީ ބަންދުން ދޫކޮށްލާފައި ހުރި މުއްދަތުގައި ލަމްހާގެ އަމަލުތައް ހުރި ގޮތެއް ބަލައިގެން ކަމަށް ގާޒީ ވިދާޅުވި އެެވެ.

ދެން ވެސް ޝާމާ ވިދާޅުވީ:

  • ލަމްހާ ބަންދުން ދޫކޮށްލާފައި ހުރީ ފުލުހުންގެ އެކްޓިކް މޮޮނިޓަރިންގައެއް ނޫން ކަމަށްވާތީ އެސެސްމަންޓެއްގެ ގޮތަށް އެކަން ހުށަހެޅެން ނެތް  ކަމަށް

  • އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނުރައްކާ އޮތް މިންވަރަށް ލަމްހާ ދޫކޮށްލާފައި ހުރުމަކީ މިހާރު ވެސް މުޖުތަމައުއަށް ނުރައްކާ އޮތް ކަމެއް ކަމަށް ގަބޫލުކުރަން

ރައްދުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ލަމްހާ ބަރާބަރަށް މޮނިޓާކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށާއި އޭނާއަކީ ބޭރަށްދާ މީހެއް ނޫން ކަމަށެވެ. އަދި މިހާތަަނަށް ބޭރަށް ދިޔަ ދެ ފަހަރު ވެސް ދިޔައީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވި އެވެ. 

ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ލަމްހާގެ ފުށުން ނުރައްކާއޮތް ކަމަށް ދެކޭ ނަމަ ޝަރީއަތުން ހަދަން އެންގި އެސެސްމަންޓް ދައުލަތުން ހެއްދެވީސް ކަމަށެވެ. އެކަން ނުކޮށް އޮތީ ނުރައްކާ އޮތް ކަމަށް ދައުލަތަށް ވެސް ގަބޫލުނުކުރެވޭތީ ކަމަށް ޝާއިރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައުލަތުން ލަމްހާ ބަންދުކުރަން ބޭނުންވި ނަމަ އެސެސްމަންޓެއް ހެދީސް. އެވަރަށް މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ނަމަ އެެސެސްމަންޓް ހަދާފައި އޮންނާނީ. އަނެއްކޮޅުން ކޯޓުން މިގޮތަށް އަންގާ އެންގުމަކީ ކޯޓުގެ އަމުރެއް،" ޝާއިރު ވިދާޅުވި އެވެ.

ލަމްހާ ބޭރަށް ނުކުންނަނީ ފުލުހުންގެ ހުއްދަ ހޯދައިގެން މޮނިޓަރިންގެ ދަށުން ކަމަށް ދިފާއުން ބުނާތީ ރައްދުގައި ދައުލަތުން ބުނީ، އެއީ ލަމްހާ އަމިއްލަ އިސްނެގުމުގައި ކުރަމުންދިޔަ ކަމެއް ކަމަށާއި ފުލުހުން ބަރާބަރަށް މޮނިޓާކުރައްވައިގެން ކުރައްވަމުންދިޔަ ކަމެއް ނޫން ކަމަށެވެ. އަދި ބަންދުގައި ދޫކުރާ މީހުން އެކްޓިވްލީ މޮނިޓާކުރާނެ ކެޕޭސިޓީއެއް ވެސް ފުލުހުންގެ ނެތް ކަމަށް ޝާމާ ވިދާޅުވި އެވެ.

މީގެ އިތުރުން، ލަމްހާ އެއްބާރުލުން ނުދޭ ކަމަށް ދައުލަތުން ވިދާޅުވާ ސަބަބު ސާފުކޮށްދެއްވަމުން ޝާމާ ވިދާޅުވީ:

  • މޭރީ މަރާލި ދުވަހު ލަމްހާ އެގޭގެ ތެރެއަށް ވަތްކަމަށް އެނގޭ ހެކިތައް ދައުލަތުގައި އެބަހުރި

  • އެކަމަކު އެގޭގެ އެތެރެއަށް ނުވަންނަ ކަމަށް ބުނެ ކަނޑައެޅިގެން ތަހުގީގަށް ދޮގު ހަދަމުންދިޔަ

  • ލަމްހާ ހަނުހުރީ އެގޭގެ ތެރެއަށް ވަންނަ ފުޓޭޖު ދެއްކުމުން

  • މި ކަންކަމަކީ ފެންނަހުރި ހަގީގަތްތަކަށް ކަނޑައެޅިގެން ދެކޮޅު ހަދާ އެއްބާރުލުން ނުދިނުން

އެކަމުގެ ރައްދުގައި ވަކީލު ޔާމީން ވިދާޅުވީ އެ ފުޓޭޖުން ފެންނަނީ ލަމްހާ ނޫން ކަމަށް ދައުލަތުން ހުށަހެޅި ފޮރެންސިކް އެނަލިސްޓު ވެސް މީގެ ކުރިން ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުން ކުރާ ތުހުމަތަކަށް ދެކޮޅު ހެދުމުން އެއީ އެއްބާރުލުން ނުދިނުން ކަމަށް ނުބެލެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގާޒީ ވިދާޅުވީ ލަމްހާ ބަންދުކުރުމާ މެދު ގޮތެއް ނިންމެން އޮތީ ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ. އެކަން ކަށަވަރުކުރަން ހަދަން އެންގި އެސެސްމަންޓް ދައުލަތުން ނުހަދާ އޮތުމުން، އެކަމަށް އިތުރު ފުރުސަތެއް މިއަދު ދެއްވި އެވެ.

"އެ އެސެސްމަންޓް ހުށަހެޅުމުން ޝަރީއަތުން [ލަމްހާ ބަންދުކުރުމާމެދު] ގޮތެއް ކަނޑައަޅާނީ. ދެން އެ އެސެސްމަންޓް ހުށަނޭޅޭ ނަަމަ ތަހުގީގުކުރި ފަރާތް ހާޒިރުކޮށް އެފަރާތުން ދެކޭގޮތެއް ބެލުމަށް ފަހު އިތުރު ގޮތެއް ކަނޑައަަަޅަންޖެހޭ ނަމަ އެގޮތް ކަނޑައަޅާނީ،" ގާޒީ ފާއިޒް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ ދިފާއުގެ ހެކިބަސް ނެގުމަށެވެ. މި އަޑުއެހުމުގައި ހެކިބަސް ނެގުން އެއްކޮށް ނިމިފައިވާތީ ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ހެއްކާބެހޭގޮތުން ވާހަކަދެއްކުމެވެ. 

އެނގުން މުހިންމު - 19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށް ބުނާ މައްސަލާގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ވެސް ދައުވާ ވަނީ އުފުލައިފަ އެވެ.

މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ތިން ދައުވާ އެެއް ކުރެ އެެވެ. އެއީ:

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން. ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން، މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާ ދުރާލާ ރާވައިގެން އަދި މޭރީ މަރާލުމަށް މާވިންއަށް ލަމްހާ އެހީތެރިވެދީފައިވޭ

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން. ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މޭރީ މަރާލުމަށް ދުރާލާ ތައްޔާރުވެ، އައިޖީއެމްއެޗުން ބޭރުކުރުން މަނާ ކޮންޓްރޯލް ބޭސްތަކެއް ލަމްހާ ގެއަށް ގެންގޮސްފައިވޭ؛ އެ ތަކެތި ލަމްހާގެ ކޮޓަރި ތެރެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނޭ

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ

  • ދައުވާތައް ސާބިތުވެއްޖެ ނަމަ، ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ

ކޮމެންޓް (1)

ކެތްކޮށްލާ

9 އޮކްޓޯބަރު 2025
ކޮންމެގޮތެއްވިއަސް ދެން 10އަހަރުޖަލުގައި ހުންނާކަށް ނުޖެހޭނެ. މިމަހު4އަހަރުވާނެ. އަދި ތިމައްސަލަ ނިމޭނެދުވަހެއްނޭގެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް