އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭފުޅުން އިއްޔެގެ މަޖިލިސް ކޮމެޓީގައި (ފޮޓޯ/މަޖިލިސް)

ފެނަކައިގެ އޮޑިޓު ފެށިއިރު 3 ބިލިއަން ރުފިޔާގެ ޕީއޯ ސިސްޓަމްގައި ނެތް: އޮޑިޓާ ޖެނެރަލް

މީގެ ކުރީގެ އޮޑިޓުތަކުން ވެސް ކޮރަޕްޝަނާއި ވައްކަންތައް ފާހަގަވެފައިވާ ކަމަށާއި އޭގެ ތެރެއިން ހޯދުނީ ކިހާ ފައިސާއެއްތޯ ބަލަން ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވި

ފެނަކައިގެ ހާއްސަ އޮޑިޓުގެ މަސައްކަތް 2023 ވަނަ އަހަރު ފެށިއިރު ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާގެ އަގު ހުރި ޕާޗޭސް އޯޑަރު (ޕީއޯ) ސިސްޓަމަށް ނާޅާހުރި ކަމަށް އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ އެ ކުންފުނީގެ އޮޑިޓު ލަސްވީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

ތަފްސީލް - އޮޑިޓާ ޖެނެރަލް ވިދާޅުވީ ވޭސްޓޭޖާއި ފްރޯޑު ފަދަ ކަންތައް ހަމައެކަނި ހާއްސަ އޮޑިޓަކުން ނުހުއްޓުވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެއަށް ވުރެ މާ ފުޅާކޮށް އެބަހުރިހެން މައްސަލަތަކެއް. ހާއްސަކޮށް އެހެން ގައުމުތަކުގައި ވެސް މުޅި ގަވަނަންސް ރަނގަޅުކޮށްގެން މިކަންތައް ކުރެވެނީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ކުންފުނި ހިންގަން މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބޯޑާ ހަވާލުކުރާއިރު ބޯޑުގެ އަދި މެނޭޖިން ޑިރެކްޓަރުގެ ޒިންމާތައް ވެސް އެބަ ހުރިކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.

"ކުންފުންޏާ ބެހޭ ގާނޫނުން ވެސް އަދި ހާއްސަކޮށް ދައުލަތުގެ ކުންފުންޏަކަށް ވާތީ އިތުރު ޒިންމާތަކެއް ވެސް އެބަހުރި. އެބަހުރޭ އަޅުގަނޑުމެންގެ ތެރޭގައި އެހެން މުއައްސަސާތައް ވެސް. ޕީސީބީ އެބައޮތް ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެންބަރުން އައްޔަން ކުރުމުގެ ޒިންމާތަކެއް ހަވާލުކޮށްފައި،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"އަދި ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކަކީ މިނިސްޓްރީ އޮފް ފިނޭންސުން ސަބްސިޑީ ދީގެން ހިންގާ ތަންތަން. އެހެންވީމާ ސަބްސިޑީ ދޭއިރު މިނިސްޓްރީ އޮފް ފިނޭންސުން ބަލަން ޖެހޭ ކަންތައް ވެސް އެބަހުރި. އަދި މި ކުންފުނިތަކަށް ލޯނު ނަގާއިރު ލޯނަށް ގެރެންޓީ ދީގެން ބޭންކުތަކުން ލޯނު މި ދެނީ."

މީގެ ކުރިން ކުރި އޮޑިޓުތަކުން ވެސް ކޮރަޕްޝަނާއި ވައްކަންތައް ފާހަގަވެފައިވާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާލަން އެބަ ޖެހޭ އޭގެ ތެރެއިން ކިހާ ފައިސާއެއްތޯ އަޅުގަނޑުމެންނަށް ހޯދުނީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

މައްސަލަތައް ހައްލު ކުރުމަށް އޮޑިޓު އޮފީހުން ވެސް ކަންތައްތައް ހަރުދަނާ ކުރާނެ ކަމަށް ނިޔާޒީ ފާހަގަކުރެއްވި އެވެ.

"އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްވެއްޖެއްޔާ އޭގެން އެ ދައްކައިދެނީ އެތެރޭގެ އިންޓާނަލް ކޮންޓްރޯލާއި ގަވަނަންސްގެ ބައިވަރު މައްސަލަތައް ހުންނަކަން. އެހެންވީމާ ހިސާބު ކިތާބު ރަނގަޅަށް ބެލެހެއްޓުމަކީ، އެ އަޕްޑޭޓުކޮށް ބެލެހެއްޓުމަކީ ކުންފުނީގެ ހިންގުންތެރިކަން ހަރުދަނާވެ، ޖަވާބުދާރީވުން ހަރުދަނާވެ އަދި ވޭސްޓޭޖާއި ކޮރަޕްޝަން ފަދަ ނާޖައިޒު ކަންތައްތައް ވެސް މަދު ކުރުމަށް ހަމަ އެޅިގެންދާނެ ރަނގަޅު ކަންތައްތައް،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ނިޔާޒީ އިތުރަށް ވިދާޅުވީ:

  • ހާއްސަ އޮޑިޓަކަށް ވެސް މައުލޫމާތު ހޯދެނީ ޕްރޮޖެކްޓުތަކާ ގުޅޭ މައުލޫމާތު ރަނގަޅަށް ބެލެހެއްޓިގެން

  • ރެކޯޑު ކީޕިން ރަނގަޅަށް ނުބެލެހެއްޓޭތީ އޮޑިޓުގެ މަސައްކަތްތައް ލަސްވޭ

  • ކުރިއަށް އޮތް އަހަރު ތެރޭ ވެސް ހާއްސަ ގިނަ އޮޑިޓުތައް ކުރިއަށް ގެންދާނެ

އެނގުން މުހިއްމު - ފެނަަކައިގެ ހާއްސަ އޮޑިޓެއް މިދިޔަ ހަފްތާ އޮޑިޓު އޮފީހުން ވަނީ އާންމުކޮށްފަ އެވެ.

އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން:

  •  2021 އިން ފެށިގެން 2023ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވޭ؛ އޭގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވޭ

  • ކުންފުންޏަށް ބޭނުންވާ ތަކެތި ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމުގެއް ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވޭ؛ އޭގެ ތެރެއިން 439 (%65) އެއްބަސްވުމުގެ ދަށުން 1.37 ބިިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން

  • ރަށްރަށުގެ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް 2023ގެ ނިޔަލަށް 57 މަޝްރޫއުގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ އިރު އޭގެ ތެރެއިން ނުނިމި ހުރި 41 މަޝްރޫއު ނިންމަން އަދިވެސް ގާތްގަނޑަކަށް 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ

  • އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށް ވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ގޮތަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް