ޖިންސީ ގޯނާއާ ދެކޮޅަށް މީގެ ކުރިން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)
އަންހެން ކުއްޖަކު ފެންވަރަން ހުއްޓާ ވީޑިއޯ ކުރި މައްސަލައެއް ތަހުގީގު ކުރަނީ
އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ފާހާނާގައި ފެންވަރަން ހުއްޓާ ވީޑިއޯ ކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މެދުރާއްޖެތެރޭ ރަށެއްގައި މި ހާދިސާ ހިނގީ މިދިޔަ މަހު މެދު ތެރޭގަ އެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވާކަން ފުލުހުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.
ބުނީ ކީކޭ؟ - "ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ދިރިއުޅޭ ގޭގެ ފާހާނާގައި ފެންވަރަން ހުއްޓާ ވީޑިއޯކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 20 ސެޕްޓެމްބަރު 2025 ވަނަ ދުވަހު 12:07 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވޭ،" މި ހާދިސާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން."
މިކަން ހިނގިތާ މިހާރު ދެ ހަފްތާއެއްހާ ދުވަސްވީއިރު، މި ކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.
މި ހާދިސާގެ މައުލޫމާތު އެނގޭ އިތުރުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާ ފުލުހުން ސުވާލެއް ވެސް ނުކުރެ އެވެ. އަދި އޭނާގެ ފޯނު ވެސް ހިފަހައްޓާފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ޖަވާބެއް އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 180އަށް ވުރެ ގިނަ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން މިދިޔަ މަހު އެކަނި 21 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.