ސަން ކުންފުނިތަކުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު: ސިޔާމްގެ ކުންފުނިތަކުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުނުވި. (ފޮޓޯ/ ރައީސް އޮފީސް)

ސަން ކުންފުނިތަކަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރާނެތޯ ޕީޖީން ދިރާސާކުރަނީ

ޕީޖީ އޮފީހުން ބުނީ ސަންގެ ދެ ކުުންފުންޏަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވި މައްސަލާގައި އިސްތިއުނާފްކުރުމާ މެދު ގޮތެއް ނިންމާނީ ރިވިއުގެ މަސައްކަތަށް ފަހު ކަމަށް
2 އޮކްޓޯބަރު 2025
1

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރާނެތޯ ދިރާސާކުރަމުންދާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން މިދިޔަ މަހު ސަންގެ ދެ ކުންފުންޏަށް ކުރި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކުރިކަން އެ ކޯޓުންނާއި ޕީޖީ އޮފީހުން ވެސް ޔަގީންކޮށްދެ އެވެ. ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އަދި ހުކުމް އަޕްލޯޑްކޮށްފައެއް ވެސް ނުވެ އެވެ.

ތަފްސީލް - ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރާނެތޯ ސުވާލުކުރުމުން ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރު ސުލްތާނާ އާދަމް 'ދައުރު'އަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ނިންމުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި އިސްތިއުނާފްކުރުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.

"މި ވަގުތު [އެ މައްސަލަ] ރިވިއުކުރުމުގެ މަސައްކަތުގައި ވީ. އަދި ވަކި ނިންމުމެއް ނުނިންމަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ސުލްތާނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދެ ކުންފުންޏެއްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފުރަތަމަ ގެންދިޔައީ އެކުގަ އެވެ. ނަމަވެސް ވަކި ހިސާބަކުން ކޯޓުން ޔާމީނުގެ ބައާއި ސަންގެ ދެ ކުންފުނީގެ ބައި ގެންދިޔައީ ވަކިވަކިންނެވެ.

މިދިޔަ ޖޫން މަހު ސަންގެ ދެ ކުންފުނީގެ ބައިގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރިކަން މިދިޔަ މަހުގެ ކޯޓުގެ ޝެޑިއުލްތަކުން ފެންނާކަށް ނެތެވެ. ނަމަވެސް ހުކުމްކޮށްފައިވާކަން މިހާރު ވަނީ އެނގިފަ އެވެ.

މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ދައުވާތައް ގެންދިޔައީ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދިއުމުން ކަމަށް ބުނެ އެވެ.

މައްސަލައިގެ ހުލާސާ

ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް 9 ސެޕްޓެމްބަރު 2015ގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ.

މި މުއާމަލާތާ ގުޅިގެން ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި:

  • 29 މޭ 2016 - ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޔާމީންގެ އެންގުމަށް، ރިޒާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން ސަން ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވޭ

  • 31 މޭ 2016 - ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކައިގެން، މި ޗެކް ސަން ކޮންސްޓްރަކްޝަންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި

  • 7 ޖޫން 2016 - އެ ފައިސާ ސަން އިންވެސްޓްމަންޓްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 'އިންހައުސް ފަންޑް ޓްރާންސްފާ'އެއްގެ ގޮތުގައި ޖަމާކުރި

  • 7 ޖޫން 2016 - މި ފައިސާއަށް އިތުރު 1،000 ޑޮލަރު އެއްކުރުމަށް ފަހު، ޖުމްލަ 1.18 މިލިއަން ޑޮލަރު 'އިންޓަ ކޮމްޕެނީ ފަންޑް ޓްރާންސްފަ'އެއްގެ ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަކޮށްފައިވޭ

ކޮމެންޓް (1)

ާތަރަތަރަރާޖާ

2 އޮކްޓޯބަރު 2025
ވެލިދޫ ދ.އ.މ. ޢައްބާސްގެ ޓްވީޓްތައް ނުފެންނަނީ މިކަމެއް އުޅޭތީދޯ. ހުސް އެއްކަހަލަ މީހުން. ބޭނުންވާކަމެއް ކޮށްދޭން ބުނެފިއްޔާ މިވެރިން ވިކޭނެއެވެ. ތިވަރުގެ މީހުން މާގަދަ މީހަކަށް ވެގެން އުޅޭނެ ކަމެއްނެތެވެ. އާޚިރުގައި ފަޟީހަަތްވަނީ ތިމާއެވެ. ތިމާގެ ނަފުސެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް