މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ހިދުމަތުގެ ޕްރޮގްރާމް ފަށައިފި؛ ރައީސް ވިދާޅުވީ މިއީ ގައުމު ބިނާ ކުރުމުގެ މުހިންމު ސަފްހާއެއް ކަމަށް
ކިޔަވައި ނިމޭ ތަނުން ޒުވާނުން ސިފައިންގެ ހިދުމަތަށް ވައްދަން ކުރިއަށް ގެންދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ގައުމު ބިނާ ކުރުމުގެ މުހިންމު ސަފްހާއެއްގެ ފެށުން ކަމަށެވެ.
ވީ ކިހިނެއް؟ - 300އަށް ވުރެ ގިނަ ބައިވެރިންނާ އެކު މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ޅ. މާފިލާފުށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސް މުއިއްޒެވެ.
ތަފްސީލު - އެ ރަސްމިއްޔާތުގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ވިދާޅުވީ ވަރަށް ޒުވާން އުމުރުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ޒުވާނުން ނިންމި ނިންމުމަކީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ފެށުމަށް އެ މަނިކުފާނު ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަ ގޮތުގައި ހާސިލުވާނީ ޒުވާނުން ބިނާ ކުރެވިގެން ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ފަށައިގަތް މި މަސައްކަތަކީ އިރާދުކުރެއްވީތީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއް. މި މުނާސަބަތުގައި މި ކަމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
"50 ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށް ވުރެ ވެސް ގައުމު ދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަވެެރި، ޒުވާނެއް ބިނާ ކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވީމަ، މިއަދު މި ފެށިގެން މި ދަނީ ވަރަށް ތާރީހީ ކަމެއް. ގައުމު ބިނާ ކުރުމުގެ ވަރަށް މުހިންމު ސަފްހާއެއް ފެށިގެން މި ދިޔައީ."
އޭގެ އިތުރުން ރައީސް ވިދާޅުވީ:
-
މި ޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅު ވާނެ؛ ބައިވެރިންގެ މުސްތަގުބަލަށްޓަކައި ވެސް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދާނީ ވަރަށް މުހިންމު ތަމްރީނުތަކެއް
-
މި ޕްރޮގްރާމްގެ ދެވަނަ ފިޔަވެއްސަށް ދާއިރު، މި ބައިވެރިންނަކީ އަޅުގަނޑުމެން އުންމީދު ކުރާ ފަދަ ބަޔަކަށް ވާނެ
"ތިޔަކުދިން ވެގެންދާނީ މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ، އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާ އެކު ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ބާރުވެރިވެފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވި އެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް ރައީސް ދެއްވި ޔަގީންކަމަކީ ސަރުކާރުން އެ ބައިވެރިންނަށް ވަރަށް ގާތުން، ރަނގަޅަށް ކަންތައް ކޮށްދޭނެ ކަމުގެ ޔަގީންކަމެެވެ. އަދި އެ ބައިވެރިންގެ މޫނުތަކުން މި ޕްރޮގްރާމްއަށް ޝައުގުވެރިވެފައިވާ މިންވަރު އެ މަނިކުފާނަށް ވަޒަން ކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ އެ ވިސްނުން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. ރައީސް އޭރު ވިދާޅުވި ގޮތުން:
-
އެ ޕްރޮގްރާމުގައި ބައިވެރިވެގެން އަސްކަރީ ތަމްރީނު ހޯދަން ޖެހޭނެ
-
ތަމްރީނު ހޯދައިގެން ޕްރޮގްރާމު ނިންމާ މީހުން ސިފައިންގެ ނުވަތަ ފުލުހުންގެ އޮފިސަރަކަށް ބަދަލުވާނެ
-
މީގެ ނަތީޖާއަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ސަލާމަތީ ބާރުތަކަށް ގާތްގަނޑަކަށް 5000އެއްހާ އޮފިސަރުން އިތުރުވުން
-
މި ޕްރޮގްރާމު ހިންގުމަށް މި އަހަރުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ހާއްސަ ކުރާނެ؛ އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ އަދަދުގެ ބަޖެޓެއް އެ ޕްރޮގްރާމަށް އިތުރު ކުރާނެ
ކޮމެންޓް (3)
ތެފައާސާ.
ކޮމޮޑަސް
ކޮމިޑަސް