ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ (ފޮޓޯ/ރައީސް އޮފީސް)
ޗައިނާ ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައް ނިމިއްޖެ: ސަފީރު
ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭ މަޝްވަރާތައް ނިމިފައިވާ ކަމަށް ޗަައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް އިއްޔެ ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންގް ވިދާޅުވީ، ޗައިނާއަށް ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނި ފަސްކުރުމުގެ މަޝްވަރާތައް ދެ ގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ކުރިއަށް ގެންގޮސް، މަޝްވަރާތައް ނިމިފައިވާ ކަމަށެވެ.
ތަފްސީލް - އެ މަޝްވަރާތަކާ އެކު ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށް، ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސަފީރު އިއުލާނު ކުރެއްވި އެވެ.
މިއީ ޗައިނާ އިން ރާއްޖޭގެ މާލީ ހަމަޖެހުމަށްދޭ އަހަންމިއްޔަތު އެކަނި ނޫން ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ދޭ ސަޕޯޓެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވަނީ ރާއްޖޭގެ ތަރައްގީއަށް ޗައިނާ އިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ އެހީގައި އިތުރު މަޝްރޫއުތަކެއް ފެށޭނެކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސަފީރު ފާހަގަކުރެއްވީ:
-
ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑިޝިޕް ހޮސްޕިޓަލް
-
މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު
-
50 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫއު
ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި ޗައިނާ ސަފީރު ވިދާޅުވީ:
-
މިފަހުން ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު 11 އެމްއޯޔޫއެއްގައި ސޮއިކުރި
-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޗަނީޒް ޔުއާން އެކައުންޓު ތައާރަފުކުރުމަކީ ވިޔަފާރީގެ ދާއިރާ އިން ލިބުނު ކުރިއެރުމެއް
މި ސަރުކާރުން ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރައްވައި ސަފީރު ކޮންގް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް އިހުތިރާމު ކުރުމާ އެކު ޗައިނާ އިންް އަބަދު ވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޗައިނާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ ޝެޑިއުލަށް ބަދަލު ގެނެސްދެއްވުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ އަރިހުގައި، ދެ ގައުމުގެ ދެމެދު ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަތަކުގައި ދެންނެވި ކަމަށް ވިދާޅުވެފަ އެވެ.
ލޯނުތައް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭން ނުވަތަ ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެސް އޭރު ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ޖުމްލަ ބޭރު ދަރަނީގެ %20 އެވެ.