ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް. ތަރިކައިގެ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުުސަތު މިހާރު ވަނީ ހުޅުވާލާފައި

މަތީ ތައުލީމު

ދިވެހި ތަރިކަ ކިޔަވައިގެން މާސްޓާސް ސެޓްފިކެޓް ހޯދުމުގެ ފުރުސަތު

40 ބައިވެރިންނަށް މި ސްކޮލަޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައި؛ ކޯހުގެ ފީ ދައްކައިދެނީ ސަރުކާރުން
23 ސެޕްޓެމްބަރު 2025

ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް، 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން އިއުލާންކުރި ގޮތުގައި، ދިވެހި ތަރިކައިގެ 'ސިގްނޭޗާ ރިސާޗު'ގެ ނަމުގައި ހުޅުވާލި މި ސްކޮލަޝިޕް ފުރިހަމަ ކުރުމުން، އިސްލާމީ ޔުނިވަސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލް ކުރެވޭނެ އެވެ.

ދިވެހި ތާރީހު ދިރާސާ ކުރާ ގައުމީ މަރުކަޒުން ބުނެފައިވާ ގޮތުގައި އެތަނުން ސްޕޮންސާ ކުރާ މި ސްކޮލަޝިޕްތަކުގެ މަގްސަދަކީ، ދިވެހި ތަރިކައިގެ އިލްމު އުފެއްދުމާއި ގާބިލް ތަރިކަވެރިންތަކެއް އުފެއްދުމެވެ.

ތަފްސީލް - އެ މަރުކަޒުން ބުނި ގޮތުގައި:

  • މި ސްކޮލަޝިޕް ފުރިހަމަ ކުރުމުން، އިސްލާމިކް ޔުނިވަސިޓީގެ ރިސާޗު އެންޑް ޕަބްލިކޭޝަންގެ މާސްޓާސް ޑިގްރީގެ ސެޓްފިކެޓް ލިބޭނެ 

  • ކުރަން ޖެހޭ ރިސާޗުގެ މުއްދަތަކީ ދެ އަހަރު 

  • އެ މަސައްކަތުގައި ކޮންމެ މަހަކު އެއް ފަހަރު، ދެ ދުވަހު، އެ މަރުކަޒަށް ހާޒިރުވެ، ދާއިރާއާ ގުޅުން ހުރި މަސައްކަތް ކުރަން ޖެހޭނެ

ތާރީހު ދިރާސާކުރާ ގައުމީ މަރުކަޒުން ބުނިގޮތުގައި ސްކޮލަޝިޕްގައި ދިރާސާކުރާ މައުލޫ ކަނޑައަޅާނީ އެ މަރުކަޒުންނެވެ. އަދި އޭގައި ބައިވެރިވާ ދަރިވަރުންނަށް، ތަރިކައިގެ ދާއިރާއިން ކޮންމެވެސް އެއް ފަންނެއް، ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ. އަދި ތަރިކައިގެ ދާއިރާގެ އިލްމީ، ދިރާސީ ފޮތްތައް ޝާއިއު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި ސްކޮލަޝިޕްގައި އެ މަރުކަޒުން އަދާކުރާނެ ޒިންމާތައް ވެސް ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން:

  • ފުރުސަތު ލިބޭ ދަރިވަރުންނަށް، މާސްޓާސް ކޯހުގެ ފީ ދައްކައިދިނުން

  • ސްކޮލަޝިޕްގެ ބައިވެރިން ދިރާސާ ކުރަން ޖެހޭ މައުލޫ ކަނޑައެޅުން

  • ކޮންމެ މަހަކު ދެ ދުވަހު، ރިސާޗު ރިޓްރީޓް ޕްރޮގްރާމް ރާވާ ހިންގުން

  • ބައިވެރިން ކިޔެވުމަށާއި ދިރާސާ މަސައްކަތް ކުރާނެ ތަނެއް ހަމަޖެއްސުން

މި ސްކޮލަޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7-9ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ނަމަ އެވެ. އަދި ބައިވެރިވުމުގެ ފުުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް