ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަތްމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

މ. އަތޮޅު

ރަތްމަންދޫ މީހުންނަށް އިހްތިޔާރެއް: އެހެން ރަށަކަށް ބަދަލުވާ ނަމަ އަހަރެއް ތެރޭ ގެދޮރު އަޅައިދޭނަން

ރަތްމަންދޫއިން މީހުން ފޭބުމާ މެދު އެ ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައި؛ ރައީސް ވިދާޅުވީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް
22 ސެޕްޓެމްބަރު 2025

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުން ނަމަ، އެއް އަހަރުދުވަހުގެ ތެރޭގައި އެ ރަށެއްގައި ގެދޮރު އަޅައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ މަނިކުފާނު އެ އަތޮޅު ރަތްމަންދުއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ރަށުން ފޭބުމާމެދު ތަފާތު ޝަކުވާތައް އެ މަނިކުފާނާ ހިއްސާ ކުރައްވާފަ އެވެ. އެއް ބަޔަކު ރަށުން ފައިބަން ބޭނުންވާއިރު އަނެއް ބަޔަކު އެކަމާ އިދިކޮޅެވެ.

ތަފްސީލް - ރަށުގެ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ، އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރާނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

"އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ހަރަދު ކުޑަ، ފައިދާކުރަނިވި އަދި ހަރުދަނާ ސިޔާސަތެއް. އެކަމަކު އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުން އެކަމަށް ބޭނުން ވުމާއި އަދިވެސް އެހެނިހެން ގިނަ ކަންކަން ގުޅިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށުން މީހުން ފޭބުމާއި ނޫނީ ތިބުމާ މެދު ގޮތް ކަނޑައަޅާނީ، ރަށުގެ އާބާދީގެ %80 ނިންމާ ގޮތެއްގެ މައްޗަށެވެ.

އެކަމަކު ރަތްމަންދޫގެ ގިނަ ބަޔަކު އެކަމަށް އެދޭ ނަމަ، އަމަލު ކުރައްވާނެ ގޮތުގެ އިހްތިޔާރުތަކެއް ވެސް އެ މަނިކުފާނު ކަނޑައެޅުއްވި އެވެ. އެގޮތުން:

  • ރަށުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގެއަކަށް ތިން ކޮޓަރީގެ ބޯހިޔާވަހިކަމެއް ދިނުން

  • ގޭގެ ތަޅުދަނޑި ހަވާލުކުރާނީ، ގެ އަޅާ ނިންމާފައި

  • މަޝްރޫއު ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނަށް ބަދަލުވެވޭނެ

  • ބަދަލުވާ އާއިލާތަކަށް މިހާރު ދޭ ބައި ލައްކަ ރުފިޔާ އަލުން ރިވައިޒްކޮށް ބޮޑުކޮށްދިނުން

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ އަސާސީ ހިދުމަތްތަކާއި ތައުލީމީ އަދި ސިއްހީ ގޮތުން ކުރިއަރާފައިވާ ތަނެއްގައި ރައްޔިތުން ދިރިއުޅުމުގެ ފުރުސަތު ދިނުމަށް ކަމަށާއި އެކަމަކު ބަދަލުވާނެ ރަށެއް ހިޔާރު ކުރާނީ ރައްޔިތުން ކަމަށެވެ.

އެނގުން މުހިއްމު - ރާއްޖޭގެ އެންމެ މީހުން މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަތްމަންދޫގެ އާބާދީއަކީ 240 ނަމަވެސް އެ ރަށުގައި ދިރިއުޅެނީ 80 ވަރަކަށް މީހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް