އިސްމާއީލް ޝަރީފް: އުމުރުގެ ބޮޑުބައި، ދީނީ އިލްމު ކުރިއެރުއްވުމަށް މަސައްކަތް ކުރެއްވި
ޝަރީފް: މަރު ތަންމަތީގައި ވެސް ދެއްކެވީ އިލްމު ފެތުރުމުގެ ވާހަކަ
އެއީ، އިސްމާއީލް ޝަރީފް މުހައްމަދު އަވަހާރަވުމުގެ ތިން ދުވަސް ކުރިން، މިދިޔަ ބުރާސްފަތި ދުވަހެވެ؛ ދީނީ އިލްމުވެރިޔާ މުހައްމަދު އަފްޒަލް، ޝަރީފަށް ގޮވާލެއްވުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ވަޑައިގެންނެވި އިރު ވެސް އޭނާގެ ހާލު ވަރަށް ދަށެވެ. އަޑު ވެސް ނުކުންނަވަނީ ކިރިޔާ އެވެ.
އެކަމަކު އެ ހާލުގައި އޮންނަވައިގެން ޝަރީފް ވާހަކަ ދެއްކެވީ، ދީނީ ތައުލީމް ފޯރުކޮށްދިނުމަށް މިސްރަށް ޒުވާނުން ފޮނުއްވުމަށް އޭނާ ގެންގުޅުއްވި ހުވަފެނާ ގުޅޭގޮތުންނެވެ.
"އަޅުގަނޑުގެ އަނބިދަރިންގެ ހާލު އެއްސެވުމަށް ފަހު ދެން ޝަރީފް ވިދާޅުވީ، މިތަނަށް އައޭ މިސްރުގެ ޑޮކްޓަރެއް. އޭނާ ކައިރިން އަހައިގެން މިސްރުގެ ކަންކަން ބެލޭނެ ލިންކެއް ނަމަވެސް ހޯދައިދޭނަމޭ،" އަފްޒަލް ވިދާޅުވި އެވެ.
"އޭގެ ފަހުން އިތުރު ވާހަކައެއް ނުދައްކަވާ. އެއީ އަޅުގަނޑާ ވެސް ވާހަކަ ދެއްކެވުނު އެންމެ ފަހު ފަހަރު."
އުމުރުން 90 އަހަރުގައި، މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަރީފް އަވަހާރަވީ އިއްޔެ އެވެ. އޭނާގެ ނަމާއި މަސައްކަތްތައް ގިނަ ބަޔަކަށް އެނގުނީ ވެސް އޭގެ ފަހުންނެވެ. އެކި އިލްމުވެރިންނާއި އެކި މަސައްކަތްކުރާ ތަފާތު އުމުރުގެ މީހުންގެ ވާހަކަތަކުން އެނގުނީ، ޝަރީފަކީ އާދަޔާހިލާފު ޝަހުސިއްޔަތެއް ކަމެވެ. ދީނީ އިލްމުވެރިއަކަށް ނުވިޔަސް، ދީނަށް އަދި ދީނުގެ އިލްމު ފެތުރެއްވުމަށް، ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ކަމެވެ.
'މަގުމަތިން ފެންނަން ފެށި ނަމޫނާ ޝަހުސިއްޔަތެއް'
އަފްޒަލް ވިދާޅުވި ގޮތުގައި، އޭނާއަށް ޝަރީފް ފެންނަން ފެށީ، ގަވައިދުން ނަމާދު ކުރަން ފަށައި މިސްކިތަށް ދާން ފެއްޓެވުމާއެކު އެވެ. އޭރު އޭނާއަކީ ޅަދޮޅު ޒުވާނެކެވެ. ޝަރީފްގެ ބޭރު ފުށުން އޭނާއަށް ފެނިވަޑައިގެންނެވީ، ވަރަށް 'ދީނީ ސިފަ'ތަކެކެވެ. ސާފުތާހިރު ހެދުމެވެ. ހުދު ތުނބުޅި އެކެވެ. މަޑުމަޑުން ހިނގާފައި މިސްކިތަށް ވަޑައިގަންނަވާތަން، އޭނާގެ ސިކުނޑީގައި ބިންވަޅު ނެގިފައި ވެ އެވެ.
ރަސްމީކޮށް އަފްޒަލްއާ ޝަރީފް ބައްދަލުވީ، އޭނާގެ ދިރިއުޅުން އައްޑުއަށް ބަދަލު ކުރައްވައި، ހިރާ ސްކޫލުގައި ކިޔަވައިދެއްވަން އުޅުއްވި އިރު އެވެ. އައްޑޫގައި އަފްޒަލް ހިންގެވި ކުޑަ ފިހާރައަކަށް ވަޑައިގެން، ސްކޫލަށް ބޭނުންވާ ސާމާނު ހަދިޔާ ކުރެއްވި އެވެ. އެ ދެއްވާފައި ވިދާޅުވީ 'އިސްލާމް ދީނަށް ލޯބިކުރާ ކުދިން އުޅޭތީ ވެވުނު އެހީއެއް ވަނީ' ކަމަށެވެ.
އޭގެ ފަހުން ދީނީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން، ގުޅުއްވާފައި އެގެއަށް ދައުވަތު ދެއްވި އެވެ. ޝަރީފްގެ ހަގީގީ 'މިޝަން' ހާމަ ކުރެއްވީ އެ ދުވަހެވެ.
ޝަރީފް އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ، ދީނީ އިލްމުވެރިޔާ، މަރްހޫމް ޖައުފަރު ފާއިޒާ އެކު ގުރުއާން ތަރުޖަމާ ކުރެއްވުމަށެވެ. އެއީ އެ ދެ ބޭފުޅުންގެ ގިނަ ދުވަސްވީ، އުއްމީދީ މަސައްކަތެކެވެ. ދިވެހި ބަހުން ޖައުފަރު ގުރުއާން ތަފްސީރު ކުރައްވައި، އަތުން ލިޔުއްވުމުން އޭގެ ކުށްފިލުއްވައި، ތަރުތީބު ކުރައްވައި، މީހުންނަށް ފަހުމްވާނެ ގޮތް ހައްދަވަނީ، ދިވެހި ބަހަށް ކުޅަދާނަ ޝަރީފެވެ.
ޖައުފަރުގެ ލިޔުން އެހެން މީހަކު ޓައިޕް ކުރުމުން، ބޮޑު ޕްރޮޖެކްޓަރަކުން އެ ލިޔުން ފާރަށް އަޅުއްވައިގެން ބައްލަވަ އެވެ. ކޮންމެ ލިޔުއްވުމެއް ވެސް އެތައް ފަހަރަކު، ތަކުރާރުކޮށް ބައްލަވަ އެވެ. ދެ އެކުވެރިން އެއާ ބެހޭގޮތުން މަޝްވަރާ ކުރައްވަ އެވެ.
އެކަމަކު އެ މަސައްކަތަށް ހުރަސް އެޅުނީ، 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ދެ ބޭފުޅުންނަށް ވެސް ކޮވިޑް ޖެހި ވަޑައިގެން، ވަރަށް ބޮޑަށް ބަލިވި އެވެ. އެކަމަކު ބަލިން އަރައިނުގަނެވި، ޖައުފަރު އަވަހާރަވީ އެވެ.
އެކުވެރިޔާ އަވަހާރަވި އިރު، ދެ ބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތް ނުނިމި އޮތުމުން ޝަރީފް ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަތެވެ. އެކަމަކު އިންސާނާ މަރުވުމަށް ފަހު ސަވާބު ލިބޭނެ ތިން ގޮތުން އެއްގޮތަކީ އިލްމެއް ދޫކޮށްފައި ދިޔުން ކަމަށްވުމުން، އާ ހިތްވަރަކާއެކު ޝަރީފް އަނެއްކާވެސް އެ މަސައްކަތް ފެއްޓެވީ އެވެ. އޭނާ އެ މަސައްކަތް ކުރެއްވީ، އަމިއްލަ ގޭގައި ހަދާފައި ހުންނަ އޮފީހުގަ އެވެ.
"ޖައުފަރު އަވަހާރަވި އިރު، ބާކީ ތަފްސީރުނުކުރެވި އޮތީ އަށް ފޮތް. އެކަމަކު އެ ވަރުގެ ކޮމިޓްމެންޓެއް ދެއްވޭނެ ބޭފުޅެއް ނުވީ. އެކަމަށް އަމިއްލަ ޖީބުން ވެސް ވަރަށް ހަރަދު ކުރެއްވި،" އަފްޒަލް ވިދާޅުވި އެވެ.
"ޝަރީފުގެ މަސައްކަތުގައި އެހެން ގިނަ ބަޔަކު ބައިވެރިވި. މުސާރަ ދީގެންނާއި ހިލޭ ވެސް ބައިވެރިވި."
ޖައުފަރު އަވަހާރަވި އިރު، ތަފްސީރުު ކުރެއްވިފައި އޮތީ، ގުރުއާނުގެ 22 ފޮތެވެ. ބާކީ އަށް ފޮތް ތަފްސީރު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އަފްޒަލް ދެން ނަސޭހަތްތެރިވެ ވަޑައިގަތީ، މިހާރު ނިމިފައިވާ ފޮތްތައް ޗާޕުކޮށްގެން ނެރުމަށެވެ. ވިޔަފާރިވެރިއެއްގެ އެހީގައި އެ ފޮތްތައް ޗާޕު ކުރުމާއެކު، ގުދަނުން އެ ނެރުމާއި ޓެލީ ޝީޓު ތައްޔާރުކުރުމާއި ބެހުމަށް އުޅަނދުތަކަށް ފޮތްތައް އެރުވުމުގައި ވެސް އަމަލީ ގޮތުން، އުމުރުން ދުވަސްވީ ޝަރީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ފަހަރު ޗާޕު ކުރި (3،000-5،000) ފޮތް ބަހާ ނިމުމުން، ޝަރީފަށް އުފަލުން ކީރިތި ކުރެއްވުނެވެ.
އަފްޒަލް ގާތު ޝަރީފް އެންމެ ގިނައިން އެދިވަޑައިގެންނެވި އެއް ކަމަކީ، 'ކުދި ބަޔަކު މިސްރަށް ގެންގޮސް' ކިޔަވައިދިނުމެވެ. ދުނިޔޭގައި ހުރިއްޔާ، އެކަމަށް ހަރަދު ކުރައްވާނެކަމަށް ވިދާޅުވި އެވެ.
އެންމެ ބޮޑަށް އާލާސްކަންފުޅާ އުޅުއްވި އިރު، އަފްޒަލް ހުންނެވީ ސައުދީ އަރަބިއްޔާ އާއި މިސްރުގަ އެވެ. އޭރު ވެސް ދަރިއަކު ލައްވައި ގުޅުއްވައި، އެކަން އޮތީ ކިހާ ހިސާބެއްގައިތޯ ގިނައިން ބައްލަވަ އެވެ. އެންމެ ފަހުން، އަވަހާރަވުމުގެ ތިން ދުވަސް ކުރިން، އަފްޒަލްއާ ބައްދަލުވި އިރު ވެސް ދެއްކެވީ ހަމަ އެ ވާހަކަ އެވެ.
"މަރުތަންމަތީގައި، އެ ހާލުގައި އޮންނަަވައިގެން ވެސް ދެއްކެވީ ދީނީ ތައުލީމީ ފެތުރެއްވޭނެ ގޮތުގެ ވާހަކަ،" އަފްޒަލް ވިދާޅުވި އެވެ.
އާދަޔާހިލާފު ޝަހުސިއްޔަތެއް، އެތައް މިސާލެއް ދެއްކެވި
ވިޔަފާރިވެރިއެއް ކަމަށްވާ އާމިރު މުސްތަފާއަށް ޝަރީފާ ބައްދަލުވީ މީގެ ދޮޅު އަހަރު ކުރިންނެވެ. ޖައުފަރު-ޝަރީފްގެ ގުރުއާން ތަފްސީރު މަޝްރޫއުން ފުރުސަތު ލިބުމުން، އޭނާ އޭގެ ބޭނުން ހިފި އެވެ. އެކަމަކު އެހެން ހުރިހާ ކަމަކަށްވުރެ، އޭނާގެ ސަމާލުކަން ފުރަތަމަ ވެސް އަތުލައިގަތީ އުމުރުން އޭރު 88 އަހަރުވެފައިވާ ޝަރީފްގެ ވިސްނުންތެރިކަމާއި ހުޝިޔާރުކަމާއި ބުއްދީގެ ކުޅަދާނަ ކަމެވެ.
އެ އުމުރުގެ މީހަކު އެހާ ހީވާގިވެ، ކަމެއްގައި މަޝްރޫއު އުޅޭތަން މީގެ ކުރިއަކުން އޭނާއަށް ފެނިފައެއް ނުވެ އެވެ. އެކަމަކު ޝަރީފްގެ ކުޑަ އޮފީހަށް އާމިރު ވަދެ، އެކުގައި މަސައްކަތް ކުރަން ފެށުމުން އޭނާއަށް ފެނުނީ ތަފާތު ޝަހުސިއްޔަތެކެވެ. ނަމޫނާ އެކެވެ.
"ފުރަތަމަ ފެނުނީމަ ވެސް ހިތަށް އެރީ އުމުރާ ބަލާއިރު ހާދަ ޝާޕްއޭ. އެހާ އިންޓެލިޖެންޓް، އެހާ އިންޓެލެކްޗުއަލް ބޭފުޅެއް އަދި ދިމައެއް ނުވޭ،" އާމިރު، 40، ބުންޏެވެ.
"އާއްމު ގޮތެއްގައި ފެންނަނީ އުމުރުން ދުވަސްވީމާ މީހުން ރިޓަޔާކޮށް، ރެސްޓް ކުރާތަން. އެކަމަކު ޝަރީފްބެ ކައިރިން ދަސްވި ގްރޭސްފުލީ އޭޖްވުމަކީ ކޮބައިކަން. އުމުރުން ދުވަސްވިޔަސް އަރާމުކުރަން ނޯވެ، ވަކި މަގްސަދެއްގައި ކުރިއަށް ދިޔުމުގެ މުހިއްމުކަން."
އާމިރަށް ޝަރީފްގެ ފަރާތުން ދަސްވި އަނެއް ސިފައަކީ، ގުޅުންތަކަށް އިހްތިރާމްކުރުމާއި އެ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަމެވެ. ކެއުމަށް ފޯރި ހުންނަ، އަދި އެކި ކަހަލަ ކާއެއްޗެހި ތަޖުރިބާ ކުރެއްވި ޝަރީފް، އޭނާގެ އޮފީހުގައި ގިނައިން ކެއުމުގެ ދައުވަތުތައް ބާއްވަ އެވެ. އެއިން ކޮންމެ ދައުވަތެއްގައި ވެސް ތަފާތު މޫނުތައް ފެނެ އެވެ. ރަށްރަށުން ވެސް އެކި ފެންވަރުގެ މީހުން އާދެ އެވެ. އުމުރަށް ސަމާލުކަން ނުދެއްވައި، ހީ ސަމާސާ ކުރެއްވި އެވެ.
މީހުންނާ ގިނައިން ފޯނު ކުރައްވާ ހާލުއަހުވާލު އައްސަވަ އެވެ. އާއިލާ އާއި މަސައްކަތާމެދު ސުވާލު ކުރައްވަ އެވެ. ސަމާލުކަމާއެކު، ދައްކާ ވާހަކަތައް އަޑު އައްސަވަ އެވެ. އެއަށް ވުރެ ގިނައިން މީހުންނަށް ހަދިޔާ ދެއްވި އެވެ.
"އެކުގައި އުޅޭ މީހުންނަށް ވަރަށް ގިނައިން ހަދިޔާ ދެއްވާނެ. ބައެއް ފަހަރު ވަރަށް އާދައިގެ އެއްޗަކަށް ވެސް ވެދާނެ. ރިހާކުރުފުޅިއެއް އަތަރުފުޅިއެއް ކަހަލަ އެއްޗެއް ވެސް. އެކަމަކު ހަދިޔާ ދެއްވުމަށް ވަރަށް ލޯބި ކުރެއްވި،" އާމިރު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި، ވަކިވެ ދިޔައިރު، ޝަރީފްގެ އެންމެ ބޮޑު އެއް މާޔޫސްކަމަކީ ފާސްކުރުމަށް އިސްލާމިކް މިނިސްޓްރީއަށްލި، ގުރުއާނުގެ ތިން ޖުޒު ހިމެނޭ ތިން ފޮތެއް ފާސްނުވެ އޮތުމެވެ. އެ ފާސްނުވެ، ދިގުލައިގެން ދިޔުމުން އޭގެ އަސަރު އޭނާއަށް ކުރެއްވި އެވެ. އެކަމަކު ދެން މަސައްކަތްކުރެއްވި، ހުއްދަ ލިބިފައި ހުރި ފޮތްތައް ޗާޕުކޮށް މީހުންނާ ހަމައަށް ނެރުން ކަމަށް ބުންޏެވެ.
ޝަރީފަށް މީހުން ކުރި އިހްތިރާމާއި ދިން ލޯބި، އިއްޔެ ފުރުގާން މިސްކިތުގައި ބޭއްވި އޭނާގެ ޖަނާޒާއިން ވެސް ފެނުނެވެ. ގިނަ އިލްމުވެރިންނާއި އާއްމުން ބައިވެރިވި އެ ޖަނާޒާއަށް ފަހު މުޅިން ވެސް އިވުނީ، އޭނާގެ ހެޔޮ ވާހަކަ އެވެ. އިލްމުފެތުރެއްވުމަށް ކުރެއްވި މަސައްކަތާއި އެކަމަށް ދެއްވި އަހައްމިއްޔަތުކަމުގެ ވާހަކަ އެވެ.
ހަގީގަތުގައި ވެސް ޝަރީފަކީ ނަމޫނާ ޝަހުސިއްޔަތެކެވެ.
ކޮމެންޓް (2)
އަހްމަދު
ހިތްފަހި