ގަަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގުރައިދޫގައި ހިންގި އޮޕަރޭޝަނުގައި މީހުންނާ ސުވާލުކޮށް، ބައެއް މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންނަނީ

2 ލައްކައެއްހާ ބިދޭސީން؛ އެ މީހުންގެ ނުގަވައިދު ވިޔަފާރިތައް ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މުޅި ރާއްޖޭގައި މިއަދު އެ އޮޕަރޭޝަން ފަށާނެ
21 ސެޕްޓެމްބަރު 2025
4

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ގާތްގަނޑަކަށް ދެ ލައްކައަށް އަރާފައިވާ ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ފ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެ އަތޮޅު ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައިދެއްވާފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކުރިއާ ބަލާއިރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އެ މީހުންގެ އަދަދު ދެ ލައްކައާ ގާތްކުރާ ކަމަށާއި މިއީ ކުރިން ނޭނގޭ މައުލޫމާތެއް ކަމަށް ވިދާޅުވި އެވެ.

ވ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ފުލިދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - އެންމެ ފަހުން 2022 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުގައި، އޭރު ރާއްޖޭގެ އާބާދީ 515،132އަށް އަރާއިރު، ބިދޭސީންގެ އަދަދު އުޅެނީ 132،493ގަ އެވެ. އެހެންވެ، އެ އަދަދު ދެ ލައްކައާ ގާތްކޮށްފައި މިވަނީ، އެންމެ ތިން އަހަރުގެ ތެރޭގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުޅޭ ބިދޭސީންގެ މިހާ ތަފްސީލީ ހިސާބެއް ލިބިފައި މިވަނީ، ބިދޭސީންގެ މައުލޫމާތު ހޯދުމަށް މި ސަރުކާރުގައި ފެށި 'ކުރެނގި އޮޕަރޭޝަން' އިންނެވެ. ބިދޭސީންގެ ބަޔޯމެޓްރިކްސް ނުވަތަ ފޮޓޯ އަދި އިނގިލީގެ ނިޝާން ނެގުމާއި ގާނޫނާ އެއްގޮތަށް އުޅޭތޯ ބެލުމަށް ފެށި އެ އޮޕަރޭޝަނުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 178،000އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އުޅޭކަން. މިއޮތް ހުރިހާ ދުވަސްވީއިރު މިކަން ނޭނގޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • މީގެ ކުރިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓު ކުރަނީ ނަމަކަށް 

  • އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،600 މީހުން ވަނީ ޑީޕޯޓުކޮށްފައި

  • މިއީ ވަރަށް ބޮޑު އަދަދެއް ކަމާއި ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ހޯދައިގެން ގިނަ މީހުން ޑީޕޯޓު ކުރާނެ

ރައީސް ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ނުގަވައިދުން ހިންގާ ވިޔަފާރިތަކަކީ ވެސް ދިވެހިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންވެ، އެ ވިޔަފާރިތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޮޑު އޮޕަރޭޝަނެއް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން އެބަފެނޭ ހާއްސަކޮށް މާލެ އާއި އާބާދީ ބޮޑެތި ރަށްރަށުގައި، މަގަށްވާ ގޮތަށް، ކުޑަތަންކޮޅެއް ހުޅުވައިގެން ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރިތައް ހިންގާތަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 'ކުރެނގި އޮޕަރޭޝަން' އިން އެ ފަދަ ތަންތަނުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ، އެ ތަންތަން ބަންދުކޮށް، ވިޔަފާރިތައް ހުއްޓުވުމަށް މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހާއްސަ އޮޕަރޭޝަނެއް ފައްޓަވާނެ ކަމަށެވެ.

ކޮމެންޓް (4)

ބޯޑަރ

22 ސެޕްޓެމްބަރު 2025
ކޮބާތަ ބޯޓެއްގަ މަސައްކަތް ކުރާ ފުޓުބޯޅަ ކުޅުންތެރިޔާ؟ މިފަދަ ކިތައް ކިތައް މީހުން މިގައުމުގަ އެބައުޅޭތަ؟ މީހަކު ގައުމަށް އެތެރެވެ، ކިތަންމެ ދުވަހެއް ވިޔަސް މިގައުމުގެ ބޯޑަރ ސިސްޓަމަށް އެނގުމެއް ނުވޭ. އަމުދުން މީހުންގެ އަދަދު ގުނާވެސް ނުލެވޭ.
1 0

ސަމީރު

21 ސެޕްޓެމްބަރު 2025
މާލޭގަ 70% ވިޔަފާރި ކުރަނީ ދިވެހިން ނަމުގަ ބަންގާޅިން. ޢެކަން އެގުނަސް މި ސަރުކާރަކުން ނުހުއްޓުވާނެ. މުޅިންވެސް ދަޅަ ދައްކަނީ.
1 0

މުޖާ

21 ސެޕްޓެމްބަރު 2025
ގާނޫނާ ހިލާފަށް މީހުން އެތެރެވަނީ އަތްޕަތުރޭއަށް ސީދާ ފައިސާދީގެން. ދެން މިބުނަނީ ވާވަރު ވެއްޖެޔޯ. ހިނގާށޭ ރީސެޓު ކޮށްލަން.
6 0

ތެފައާސާ.

21 ސެޕްޓެމްބަރު 2025
މުޅިންވެސް އޮޕަރޭޝަން ފެއްޓުންތޯ އޮތީ؟ ކުރިން ފައްޓަވައިގެން އުޅުއްވާ އެއްވެސް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމަވައިލެއްވުމެއް ނެތްތޯ؟
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް