ރައީސް މުއިއްޒު ވ. ރަކީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

ރަކީދޫގެ %80 މީހުން ބޭނުންވާ ނަމަ އެހެން ރަށަކަށް ބަދަލު ކުރަނީ

ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެ މީހުން މާލެ ކައިރިން ތަރައްގީ ކުރާ ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައި؛ ބައެއް މީހުން ވަނީ ކ. ތުލުސްދުއަަށް ބަދަލުވާން ބޭނުންވާކަން ވެސް ހާމަކޮށްފައި
20 ސެޕްޓެމްބަރު 2025

ވ. ރަކީދޫގެ %80 މީހުން ބޭނުންވާ ނަމަ، އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް ވަޑައިގަތް ރަކީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ރަށުގެ ރައްޔިތުން އެހެން ރަށާކަށް ބަދަލުވާން އެދޭތޯ ބެލުމަށް ކައުންސިލާއި ލޯކަލް ގަވަމެންޓު މިނިސްޓްރީ ގުޅިގެން ވޯޓެއް ނަގާނެ ކަމަށާއި ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށެވެ.

ތަފްސީލް - އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރަކީދޫގައި ދިރިއުޅޭ އާބާދީ އަކީ 76 އެވެ. އޭގެ ތެރޭ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މިހާރު އެ ރަށުގައި ދިރިއުޅެނީ 61 މީހުންނެވެ.

ރައީސް ރަކީދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ އެކު ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެ މީހުން މާލެ ކައިރިން ތަރައްގީ ކުރާ ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެެ. ބައެއް މީހުން ވަނީ ކ. ތުލުސްދުއަަށް ބަދަލުވާން ބޭނުންވާކަން ވެސް ހާމަކޮށްފަ އެވެ.

ރައީސް ވިދާޅުވީ %50 މީހުން އެދިގެން އަދި ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ނުކުރެވޭނެ ކަމަށާއި އެ ކަމަށް %80އަށް ވުރެ ގިނަ މީހުންގެ ތާއީދު އޮންނަންވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބަދަލުކުރި އެއްވެސް ރަށެއްގެ ރައްޔިތުން ބަދަލުކޮށްފައެއް ނުވާނެ، މީގެ ކުރިން ވެސް [އަޅުގަނޑު ހައުސިން މިނިސްޓްރީގައި އުޅުނު އިރު ވެސް]. އޭރުން ފެށިގެން ވެސް އަޅުގަނޑުމެން އަމަލު ކުރަމުން އަންނަ އުސޫލަކީ މަދުވެގެން %80 ރައްޔިތުން ތާއީދު ކުރަންވީ. ކުރާކަން ޔަގީން ކުރަން އެބަ. އެއީ އެ ނޫން ގޮތަކަށް އެކަން ކުރަން އުޅެފިއްޔާ އަޅުގަނޑު ހިތުން ރައްޔިތުންގެ ވިސްނުމާ ހިިލާފަށް އެ ކުރެވެނީ،" ރައީސް ވިދާޅުވި އެވެ.

ރަކީދޫ ރައްޔިތުން ބޭނުންވަނީ މާލެ ކައިރިން ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް ބަދަލުވާންތޯޯ ރަށުގެ %80އަށް ވުރެ ރައްޔިތުން ނިންމައިފި ނަމަ، އެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގައި ރަށުން ބޭރުގައި އުޅޭ ރަކީދޫގެ ރައްޔިތުންގެ ހިޔާލު ވެސް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވި ނަމަވެސް އެ ރަށުގައި ފަށާފައިވާ ގެސްޓްހައުސް ޓޫރިޒަމްގެ ވިޔަފާރިތައް ހުއްޓުމަކަށް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

"ސަރުކާރުން މި ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރާއިރު މި ރަށުގައި ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ ޓޫރިޒަމްގެ ވިޔަފާރިއެއް އޮތް ނަމަ، އެ ކަމަށް ވިސްނާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުންނަށް ގެއްލުންވާކަހަލަ އެއްވެސް ކަމެއް ކުރާކަށް،" ރައީސް ވިދާޅުވި އެވެ.

"އެ ގެސްޓުހައުސްތައް ވެސް ހިންގޭނެ ކޮންމެވެސް ފޯމިއުލާއެއްގައި ދާން ބޭނުންވަނީ. އެ ވިޔަފާރިތައް ހިންގާ ބޭފުޅުންގެ ވިޔަފާރިތައް ބަންދުކޮށްފައި ރަށުން ފައިބައިގެން ދާން ޖެހޭ ކަހަލަ ސިޔާސަތެއް އަޅުގަނޑުމެން ނުގެންގުޅޭނަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް