އަމީން: އޭނާގެ މައްޗަށް އުފުުލާފައިވާ ދައުވާތައް ހައިކޯޓުން މިއަދު ވަނީ ބާތިލުކޮށްފައި.
މުއްދަތު ހަމަވި ފަހުން ދައުވާކުރުމުން އަމީން ސަލާމަތް ވެއްޖެ
އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެނގުން މުހިންމު - އަމީނަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އޭނާ މިނިވަންކުރަން ހައިކޯޓުން އަމުރުކުރީ، ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ:
-
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
މައްސަލަ ފެށުނު ގޮތް - އަމީންގެ މައްޗަށް އުފުލި ދައުވާތައް ކުރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، ދައުވާ އުފުލުމުގައި އުނިކަމެއް އޮތްކަމަށް ބުނެ، ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން އަމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ނަމަވެސް ހައިކޯޓުގެ ރެޖިސްޓްރާ ނިންމީ އިސްތިއުނާފު ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ އެ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކުރި އެވެ. އެންމެ ފަހުން އަމީންގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށް، އެ މައްސަލަ ބަލަން އެންގި އެވެ.
އަމީންގެ ފަރާތުން ހައިކޯޓުގައި އެދުނީ:
-
އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ މައުޟޫއީ ގޮތުން ކުރިއަށްގެންދެވޭނެ ދައުވާތަކެއް ކަމަށް ނިންމި ނިންމުން ބާތިލުކުރުމަށް ހައިކޯޓުން މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން
ހައިކޯޓުގެ ނިންމުން - އެ މައްސަލައިގައި ހައިކޯޓުން މިއަދު ނިންމީ، އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫން ކަމަށެވެ.
ހައްޔަރުކުރި ގާނޫނާ ބަންދު އިތުރުކުރި ގާނޫނު ތަފާތު
އަމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ ހާއްސަ ގާނޫނެކެވެ. އެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގައި ބުނެފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުކުރާ މީހެއްގެ މައްޗަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް ތަންފީޒުކުރަން ހުރަސްނާޅާ ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ދެން ހިނގާނީ، ޖިނާއީ އިޖުރާއަތުގައި ބަޔާންކުރާ އުސޫލުތައް ކަމަށް ވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވެ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ މާއްދާގައި އެހެން އޮތުމުގެ ބޭނުމަކީ، ހާއްސަ ގާނޫނުގެ އިޖުރާއަތުތައް އޭނާގެ މައްޗަށް ހިނގުމަށް އޮތް ގައިދުކުރުން ދޫކޮށްލައި، އާންމު އިޖުރާއަތު ހިންގުމަށް މަގުކޮށުން ކަމަށެވެ.
އެހެންކަމުން، އަމީނަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ނަމަވެސް، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ އާންމު އިޖުރާއަތެއް ހިންގައިފި ނަމަ، ދެން ހިންގަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ އުސޫލުތައް ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
"އެއީ ކަމާބެހޭ އިދާރާތަކަށް ދޫކޮށްލެވިފައިވާ އިހްތިޔާރެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ދައުލަތާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޝަރީއަތުން ވެސް އެމައްޗަށް އަމަލުކުރުން ލާޒިމުވާ ގޮތެވެ." ހައިކޯޓުގެ ހުކުމްގައިވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާނަމަ، އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނީ ވެސް އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ހައިކޯޓުން ބުންޏެވެ.
އަމީންގެ ބަންދާމެދު ނިންމި ނިންމުން
އަމީން ހައްޔަރުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގަ އެވެ. ނަމަވެސް އަމީންގެ ބަންދާމެދު ގޮތް ކަނޑައަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. ފަސް ފަހަރަށް އަމީންގެ ބަންދު އިތުރުކުރީ ވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކަ އެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ، 5 ޑިސެމްބަރު 2019 ގަ އެވެ. ދައުވާ އުފުލުމަށްފަހު، 15 ޑިސެމްބަރު 2019 ގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. އެއީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
އަމީންގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާނަމަ، އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް އެ ގާނޫނުގެ ދަށުން ކަމަށް ވާނަމަ، ބަންދުގެ މުއްދަތު ވެސް އަންނަން ޖެހޭނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ހައިކޯޓުން ބުންޏެވެ. ނަމަވެސް މި މައްސަލައިގައި، އެންމެ ފުރަތަމަ ފަހަރަށް އަމީން ބަންދުކޮށްފައި ވަނީ ވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެވެ.
"އެހެންކަމުން، މުހައްމަދު އަމީންގެ މައްޗަށް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ އާންމު އުސޫލުތައްކަން އެއްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގެ އެވެ. ވުމާއެކު، މުހައްމަދު އަމީންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާ ގުޅިގެން ބުނެވިދިޔަ ބަންދަށްފަހު ހިންގޭ ތަހުގީގުތަކާއި، ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގެ އުސޫލުތައް ވެސް ތަރުތީބުވެގެން އަންނަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އުސޫލުގެ ދަށުން ކަމަށް ޝަރުއީ ގާނޫނީ ހަމަތަކުން ބަލަންޖެހެ އެވެ." ހައިކޯޓުގެ ހުކުމްގައިވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާކުރުމުގެ މުއްދަތު
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ):
"ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ."
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރުމުގެ މުއްދަތު
"އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ދަގުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ ނުވަތަ މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ."
މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ބުނެފައި ވަނީ، އުގޫބާތް ކަނޑައެޅޭ ގާނޫނުތައް މާނަކުރެވޭނީ ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ފައިދާވާގޮތަށް ކަމަށެވެ. އެހެންކަމުން. މި މައްސަލައިގައި ވެސް ގާނޫނީ ނައްސުތައް ތަރުޖަމާކުރަން ޖެހޭނީ މުހައްމަދު އަމީނަށް ފަހިވާގޮތަށް ކަމަށް ބަލަންޖެހޭ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
މުހައްމަދު އަމީނަކީ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވުނު ދުވަހުންފެށިގެން މިއަދާ ހަމައަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މެދުކެނޑުމެއްނެތި، ބަންދުގައި ހުރި ފަރާތެއްް ކަމަށާއި އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ފަރާތެއް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.
އެހެންކަމުން، މުހައްމަދު އަމީންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވުނު ދުވަސް ކަމަށްވާ، 24 އޮކްޓޫބަރު 2019 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލަން ޖެހޭނެ ކަމަށް ހައިކޯޓުން ބުންޏެވެ.
"އަދި ގާނޫނީ ގޮތުން މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރެވޭނެ އެންމެ ފަހު ތާރީހަކީ، 24 ނޮވެމްބަރު 2019 ގެ ސަރުކާރު ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ." ހުކުމްގައިވެ އެވެ.
ނަމަވެސް އަމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ، 5 ޑިސެމްބަރު 2019 ގައެވެ.
"ވީމާ، ދައުލަތުން މުހައްމަދު އަމީންގެ މައްޗަށް ކުޅަ ދައުވާތަކަކީ، ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވޭކަށް ނެތެވެ." ހުކުމްގައިވެ އެވެ.
ހައިކޯޓުގެ ކުރީގެ ގަޒިއްޔާއަކާ ހަވާލާދީ، ހައިކޯޓުން ބުނީ ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމެއް ކަމަށެވެ. ހައިކޯޓުގެ ހުކުމްގައި ބުނީ މި މައްސަލައިގައި ދައުލަތުން ހިލާފުވެފައިވާ އިޖުރާއަތަކީ ރަނގަޅު ކޮށްގެން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ އިޖުރާއަތެއްތޯ ބަލާއިރު، ދައުވާ ކުރުމުގެ މުއްދަތަކީ، އެ މުއްދަތު ފާއިތުވުމަށްފަހު ރަނގަޅު ކުރެވޭނެ އިޖުރާއަތެއް ނޫން ކަމަށެވެ.
އެހެންކަމުން، މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ކޯޓުގައި މައުޟޫއީގޮތުން ބަލައި ފައިސަލާކުރެވޭނެ ދައުވާތަކަކަށް ނުވާތީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލުގެންނަން ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ؛
-
އަމީންގެ މައްޗަށް ތަންފީޒުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުކަން އެއްވެސް އޮޅުމެއްނެތި ސާބިތުވާތީ
-
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީންގެ މައްޗަށް ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގޭތީ
-
މުހައްމަދު އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައި ވަނީ އެ މުއްދަތަ ފަހަނައަޅައި ދިޔަފަހުން ކަމަށްވާތީ
މުހައްމަދު އަމީނަކީ ކާކު؟
-
އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރޭ
-
ސަލްޓަން ޕާކްގައި ބޮން ގޮއްވި ކަމަށް ތުހުމަތުކުރެވޭ
-
ސަލްޓަން ޕާކްގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތުކުރުމުން ރާއްޖެ އިން ފިލި
-
އެމެރިކާ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ)ގެ ޓެރަރިސްޓް ލިސްޓްގައި ހިމެނޭ
-
އޯއެފްއޭސީގައި ހިމެނި ފުރަތަމަ ދިވެހި މީހާ
-
އަފްޣާނިސްތާނާއި ޕާކިސްތާނުގައި އައިއެސް އިން ހިންގާ ގޮފިތަކަށް އެހީވާކަމުގެ ތުހުމަތުކުރޭ