މީގެ ކުރިން ބޭއްވި ޕީސީއޯއެސް ސެމިނާރެއްގެ ތެރެއިން (ފޮޓޯ/ފާޓިލިޓީ ސަޕޯޓް ކޮމިޔުނިޓީ)
ޕީސީއޯއެސްއަށް ހޭލުންތެރި ކުރުމަށް ސެމިނާއެއް ބާއްވަނީ
ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، މުޖުތަމައު ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ، 'ފާޓިލިޓީ ސަޕޯޓު ކޮމިޔުނިޓީ'ން އިސްނަގައިގެން ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕީސީއޯއެސްއަށް ހޭލުންތެރި ކުރުވުމަށް ސެމިނާއެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޕީސީއޯއެސް އެވެއާނެސް ސެމިނާ 2025ގެ ނަމުގައި މި ސެމިނާ ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހަކީ ޕީސީއޯއެސްއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ މަސް ކަމަށް ވާތީ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
މި ސެމިނާ އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު، ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގަ އެވެ.
ތަފްސލް - ޕީސީއޯއެސްއަކީ ދަރިމައިވާ އުމުރުގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ އެ ޖަމިއްޔާ އިން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ޕީސީއޯއެސް ތަޖުރިބާ ކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދު ވެސް ހަނދާން ބަހައްޓަންވާނީ ޕީސީއޯއެސްއަކީ އުމުރަށް ދިގު ދެމިގެންދާ ބައްޔެއްކަން. ފުރާވަރު އުމުރުން ފަށައިގެން މިކަމާ ބެހޭ މައުލޫމާތު ހޯދައި އާއިލާ ބިނާކުރަން ރޭވުން އަދި ބަލީގެ އަލާމާތްތައް ދެނެގަތުމަށްޓަކައި މެޑިކަލް ޕޮރޮފެޝަނަލްސް އާ ބައްދަލުކުރުން އެއީ ވަރަށް މުހިއްމު ކަމެއް،" އެ ޖަމިއްޔާގެ ބާނީ އާޝާ ހުސެން ވިދާޅުވި އެވެ.
-
ޕީސީއޯއެސް ސެމިނާ ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ޕެނަލް ޑިސްކަޝަންއެއް ހިމެނޭ ގޮތަށް
-
މި ޕެނެލް ޑިސްކަޝަންގައި މައުލޫމާތު ހިއްސާކުރާނީ 'އަންޑަސްޓޭންޑިން އެންޑް މެނޭޖިން ޕީސީއޯއެސް'، މި މައުލޫއަށް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ:
-
ޑރ. މުހައްމަދު ޝިރުހާން - ކޮންސަލްޓަންޓް ޕިޒިޝަން އަދި އެންޑޯކްރޮނޮލޮޖިސްޓް، ޓްރީ ޓޮޕް ހޮސްޕިޓަލް
-
ޑރ. ލީނާ ސަލީމް - ކޮންސަލްޓަންޓް އޮބްސްޓުރޭޓިކްސް އެންޑް ގައިނަކޮލޮޖީ، އޭޑީކޭ ހޮސްޕިޓަލް
-
ޑރ. އަނީތާ ގޯރް - ލީޑިން އިންފާޓިލިޓީ ސްޕެޝަލިސްޓް، ޓްރީ ޓޮޕް ހޮސްޕިޓަލް ފާޓިލިޓީ ސެންޓަރު
-
އާއިޝަތު ޝިފާނާ ވަޖީހު - އޭސީއީ ސެޓިފައިޑް ޕާސަނަލް ޓްރެއިނާ އަދި ހީޓް ހެލްތު އެންޑް ފިޓްނަސްގެ ސީއީއޯ
-
މަރިޔަމް ތައިމާ މުއްހަމަދު އުޝާމް - އައިޖީއެމްއެޗު އަދި ސެނަހިޔާގެ ޑައިޓިޝަން
ސެމިނާގެ ބައިވެރިންނަށް ޕީސީއޯއެސްއާ ގުޅޭ ގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ފުރުސަތު ލިބޭނެ އެވެ.
-
ސެމިނާގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ބައިވެރިއަކަށް 3 ލޭޒާ ހެއާ ރިމޫވަލް ސެޝަނެއް ލިބޭނެ
-
3 ބައިވެރިއަކަށް ސެލޫން ފެމިނާ އިން ފޭޝިއަލް ޕެކޭޖު ލިބޭނެ
ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ނަސްލު އުފެއްދުމުގެ އުމުރުގެ ކޮންމެ ހަ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެކަކު ދަރިމައިނުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހެ އެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގޮތުން މުޖްތަމައު ހޭލުންތެރިކޮށް، އެކަމާ ގުޅޭ ސިއްހީ ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ، ދަރިމައިވުމުގެ އުނދަގޫ ތަހައްމަލުކުރާ ފަރާތްތަކަށް އެކި ގޮތް ގޮތުން އެހީތެރިވެ ހިތްވަރުދިނުމަށް 2021 ވަނަ އަހަރުން ފެށިގެން ހިންގާ ޖަމިއްޔާއެކެވެ.