އެމްއެންޔޫ އާއި އީ-ވޭސްޓް ހެކަތޯންގެ ބައިވެރިން. (ފޮޓޯ/އެމްއެންޔޫ)
އެމްއެންޔޫން އިލެކްޓްރޯނިކް ކުންޏާ ބެހޭ ހެކަތޯންއެއް ބާއްވަނީ
ރާއްޖޭގައި އިލެކްޓްރޯނިކް ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒުވާނުން މެދުވެރިކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވާ އީ-ވޭސްޓް ހެކަތޯން، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން މިއަދު އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދިރާގު، އެންވަޔަރަންމަންޓް މިނިސްޓްރީ، ވެމްކޯ، އައިއީއީއީ މޯލްޑިވްސް ސަބްސެކްޝަން އަދި އައިސީއީއެސްޓީ 2025އާ ގުޅިގެން މި ހެކަތޯން ބާއްވަނީ މި މަހު 28 އިން އަންނަ މަހު 7 އަށެވެ.
މި ހެކަތޯންގައި:
-
މި މަހު 25ގެ ނިޔަލަށް ބައިވެރިވެވޭނެ
-
މި އޮންލައިން ފޯމު މެދުވެރިކޮށް ބައިވެރިވެވޭނެ
ތަފްްސީލް - މި ހެކަތޯނުގެ މައިގަނޑު މަގްސަދަކީ، އެމްއެންޔޫން ބުނި ގޮތުގައި، ރާއްޖޭގައި އިތުރުވަމުންދާ އިލެކްޓްރޯނިކް ކުނީގެ މައްސަލައަށް އަމަލީ، ފުޅާކުރެވިދާނެ އަދި އުފެއްދުންތެރި ހައްލުތައް ހޯދުމެވެ.
މީގެ އިތުރުން، ދިވެހި ޒުވާނުންގެ މެދުގައި އާ އީޖާދުތައް ކުރުމާއި ތިމާވެށްޓަށް ޒިންމާދާރުވުމުގެ ރޫހު އާލާކުރުމަށް މި ހެކަތޯނުން މަގުފަހިކޮށްދޭނެކަން އެ ޔުނިވަސިޓީން ފާހަގަކުރި އެވެ.
މި ހެކަތޯނުގައި ބައިވެރިވުމަށް:
-
ހައިސްކޫލް، ކޮލެޖު އަދި ޔުނިވަސިޓީ ދަރިވަރުންނާއި އާ އީޖާދުތައް ކުރާ ޒުވާނުންނާއި ތިމާވެށްޓަށް ލޯބިކުރާ ފަރާތްތަކަށް ވަނީ ދައުވަތު ދީފައި
-
ބައިވެރިންނަށް 3 އިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ އެކި ދާއިރާތަކުގެ ޓީމުތަކުގައި މަސައްކަތްކުރެވޭނެ
-
މި ޓީމުތަކުގައި ޓެކްނޮލޮޖީ، ޑިޒައިން، އިންޖިނިއަރިން އަދި ދެމެހެއްޓެނިވި ގޮތްތަކުގެ ހުނަރުތައް އެއްކޮށް، އީ-ވޭސްޓް ރީސައިކަލްކުރުމާއި އަލުން ބޭނުންކުރުމާއި އާންމު ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ މުހިންމު މައްސަލަތަކަށް އަމާޒުކޮށް މަސައްކަތްކުރާނެ
މި ހަފްތާގެ ހަރަކާތުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:
-
ތިމާވެށީގެ ދެމެހެއްޓެނިވި ގޮތްތަކާއި ކުނި މެނޭޖްކުރުމާއި އާ އީޖާދުތަކާ ބެހޭ މާހިރުން ކުރިއަށްގެންދާ ވޯކްޝޮޕްތަކާއި ޓީމުތަކަށް އައިޑިއާ ނެރުމާއި ތަރައްގީކުރުމުގެ މަރުހަލާގައި އެހީތެރިވެދޭ މެންޓަޝިޕް ސެޝަންތައް ހިމެނޭ
-
ބައިވެރިންނަށް ރާއްޖޭގެ ކުނި މެނޭޖްކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެ
-
ހެކަތޯން ނިންމާލުމުގެ ގޮތުން، ބައިވެރިން އެ މީހުންގެ ހައްލުތައް ފަނޑިޔާރުންގެ ޕެނަލަކަށް ހުށަހަޅައި ފައިނަލް ޕްރެޒެންޓޭޝަންތައް ދޭނެ
މި މުބާރާތް ކާމިޔާބުކުރާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމުގެ އިތުރުން، އެ ޓީމުތަކުގެ އުފެއްދުންތެރިކަމާއި އަމަލީ ގޮތުން ކުރެވިދާނެ މިންވަރާއި ފުޅާކުރެވިދާނެ މިންވަރާއި ތިމާވެށްޓަށް ކުރާނެ އަސަރަށް ބަލައި އެކަން ފާހަގަކުރާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.