'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީޑިއާ ކޮންޓްރޯލު ބިލާ ދެކޮޅަށް މާދަމާ މަޖިލިސް ދޮށަށް އެއްވަނީ

މަޖިލިސް ޗުއްޓީގައި އޮއްވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުމެއް ބާއްވައި މިއަދު ބިލު ފާސްކޮށްފައިވޭ؛ ދައުރުން ބޭރުން މާދަމާ ވެސް ޖަލްސާއެއް ބާއްވަން އޮތީ ނިންމާފައި
15 ސެޕްޓެމްބަރު 2025

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ ކޮންޓްރޯލު ބިލާ ދެކޮޅަށް މާދަމާ ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ، އަޑުއުފުލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް ޗުއްޓީގައި އޮއްވާ މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފަ އެވެ. ބިލަށް އާ އިސްލާހުތަކެއް ހުށަހަޅައި މި ބިލު މިއަދު ފާސްކުރީ ނޫސްވެރިން އެ ކޮމިޓީއަށް ނުވެސް ވައްދަ އެވެ.

ކޮމިޓީން މި ބިލު ފާސްކޮށްފައި ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއް މާދަމާ ވެސް ބާއްވަން މިހާރު ވަނީ ނިންމާފަ އެވެ. 

ތަފްސީލް - މިއަދު އާ އިސްލާހުތަކަކާ އެކު ކޮމިޓީން ފާސްކުރި ބިލު ވެސް އޮތީ ނޫސްވެރިންނާއި މީޑިއާތައް އަދި ސޯޝަލް މީޑިއާ ކޮންޓްރޯލުކުރެވޭ ގޮތަށް ހުރި މާއްދާތަކަށް ހައްލެއް ނުލިބޭ ގޮތަށެވެ.

މާދަމާ މަޖިލިސް ދޮށަށް އެއްވަނީ ބިލު ބޭރުކުރަން ގޮވާލަމުންދަނިކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކޮމިޓީން އެ ބިލު ފާސްކޮށްފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން، ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކާ އެކު މާދަމާ އޮންނަ މަޖިލީހުގައި އެ ބިލު ފާސްކޮށްފާނެތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

މި އެއްވުން އޮންނާނީ:

  • މާދަމާ ހެނދުނު 8:30ގައި މަޖިލިސް ދޮށުގައި

  • ވީހާ ވެސް ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވުމަށް އެމްޖޭއޭން އެދޭ

މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ގިނަ އާ އިސްލާހުތަކެއް ހުށަހަޅާފައިވާތީ އެ އިސްލާހުތައް ދިރާސާކުރަން އަންނަ މަހުގެ ނިޔަލަށް ވަގުތު އިތުރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އެވެ. އަދި އެ އިސްލާހުތަކަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައެއް ހޯދަން ވެސް މީކާއިލް ހުށަހެޅުއްވި އެވެ.

އެކަމަކު ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީގެ އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެއް ނުވެ އެވެ. މީކާއިލް ވިދާޅުވި ގޮތުގައި، ކޮމިޓީ ބައްދަލުވުން މެދުކަނޑާލުމަށް ފަހު، އެ ބިލު ފާސްކުރީ ވެސް އޭނާ އެ ކޮމިޓީގައި ނެތް ވަގުތު ބައްލަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް