މީޑިއާ ކޮންޓްރޯލު ބިލު ފާސްކުރަން ކޮމިޓީން ބޭއްވި ބައްދަލުވުމަށް ވަނުމަށް ނޫސްވެރިން މަޖިލީހުގެ އިދާރާގައި؛ ބިލު ފާސްކުރީ ނޫސްވެރިން ކޮމިޓީއަށް ނުވައްދާ
ކަންބޮޑުވުންތަކަށް ބެލުމެއްނެތި މީޑިއާ ކޮންޓްރޯލު ކުރާ ބިލު ކޮމިޓީން ފާސްކޮށްފި
ނޫސްވެެރިންނާއި މީޑިއާތަކާ ބެހޭ ތަޖުރިބާކާރުން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ފާޅުކުރި ކަންބޮޑުވުންތަކަށް ނުބަަލައި މީޑިއާ ކޮންޓްރޯލު ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފުރަތަމަ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޮތީ ބިލަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ދިނުމެވެ. އެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ތިން ހުށަހެޅުއްވުމެއް ހުށަހެޅުއްވި އެވެ.
މީކާއިލް ހުށަހެޅުއްވީ:
-
ބިލަށް އަލަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާތީ ދިރާސާކުރަން 6 އޮކްޓޫބަރުގެ ނިޔަލަށް ވަގުތު އިތުރުކުރުމަށް
-
ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައެއް ހޯދަން
-
ބިލުގެ ގިނަ މާއްދާތަކެއް އުނިކުރަން
އެކަމަކު، އެއިން އެއްވެސް ހުށަހެޅުމަކަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ތާއީދެއް ނުކުރައްވަ އެވެ. އެ ބައްދަލުވުމުގައި ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުން ތިއްބަވަނީ އެންމެ ދެ މެންބަރުންނެވެ. އެއީ މީކާއިލްގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް އެވެ.
ތަފްސީލް - އެއަށްފަހު، އެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް އޮތް ގޮތަށް ފާސްކުރަން އެ ކޮމިޓީގެ މުގައްރިރު، ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ރިޒާ ހުށަހެޅުއްވި އެވެ.
އާންމުކޮށް ހުޅުވާލައިގެން ބޭއްވި އެ ބައްދަލުވުމުގައި އޭރު ނޫސްވެރިން ވެސް ތިއްބެވެ. ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ހުށަހަޅާފައިވާ ޕެޓިޝަނާ މެދު ގޮތެއް ނުނިންމާ ބިލު ފާސްކުރަން އުޅުމުން، އެ ވަގުތު އެ ތަނުގައި ތިބި ނޫސްވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
އެހާ ހިސާބުން ކޮމިޓީ ބައްދަލުވުން ހޫނުވެ، އިތުރަށް ކުރިއަށް ނުގެންދެވިގެން އެ ބައްދަލުވުން މެދުކަނޑާލީ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެ ބައްދަލުވުން އަލުން ފެށީ ނޫސްވެރިން ނުވައްދަ އެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އިސްލާހުތައް ފާސްކުރަން ވޯޓަށް އަހާ ކޮމިޓީގެ އަގުލަބިއްޔަތުން އެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކު ބިލު ފާސްކުރި އެވެ.
#CTRLBillBeyrukurey#CTRLEhNukureveyne pic.twitter.com/0w9cn50bjt
— #CTRLBillBeyrukurey (@nefrofarou) September 15, 2025
މަޖިލީހުގެ އިދާރާގައި އެ ވަގުތު ތިބި ނޫސްވެރިން ބުނި ގޮތުގައި، ކޮމިޓީ މެދުކަނޑާލުމަށް ފަހު، 5 ޖަހާއިރު އަލުން ފަށަން އޮތް އެ ބައްދަލުވުމަށް ނޫސްވެރިން މަޖިލީހަށް ދިއުމުން، ރިސެޕްޝަން ސަރަހައްދުގައި މަޑުކުރުވާފައި ތިބީ އެވެ. އަދި ނޫސްވެރިން ނުވައްދާ އެ ބައްދަލުވުން ނުފަށާނެ ކަމަށް ބުނި ކަމަށާއި އޭގެ ކުޑައިރުކޮޅެއް ފަހުން ބައްދަލުވުން ނިންމާލިކަން އެންގި ކަމަށް އެ ނޫސްވެރިން ބުންޏެވެ.
އެނގުން މުހިންމު - ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބިލު ބޭރުކުރަން ގޮވާލަމުން ދަނިކޮށް، ބިލަށް ކުދިކުދި އިސްލާހުތަކެއް ގެނެސް ކޮމިޓީން މިއަދު ފާސްކުރިއިރު، އެ ބިލަށް އަަލަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި އޮތީ ބިލާ މެދު އިތުރަށް ކަންބޮޑުވާން ޖެހޭ ގޮތަށެވެ.
އޭގެ ތެރޭގައި، މި ބިލުގެ ދަށުން އުފައްދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ މެންބަރުން އައްޔަންކުރަން ރައީސްއަށް ބާރުދީފައި އޮތް އޮތުން އުނިކުރުމަށް ފަހު، އެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އިސްލާހު ގެނެސްފައިވެ އެވެ.
މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލާ މެދު ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ފެށުނީއްސުރެ އޮތީ، މިނިވަން ހިޔާލާއި މިނިވަން ފިކުރަށް ހުރަސްއަޅައި ސަރުކާރުގެ ބާރުގެ ދަށަށް މީޑިއާތަކާއި ސޯޝަލް މީޑިއާ ވެސް ލެވޭނެ ފަދަ ގޮތަކަށް ބިލު ފަރުމާ ކޮށްފައިވާތީ އެވެ.
ކޮމިޝަންތަކަށް މެންބަރުން އައްޔަންކުރުމުގެ ބާރު ސީދާ ރައީސްއަށް ނުލިބޭ ގޮތް ހެދިއަސް، މަޖިލީހަކީ ސަރުކާރުގެ މެޖޯރިޓީ އޮވެގެން، ސީދާ ސަރުކާރުގެ ނުފޫޒު އޮވެގެން ކަންކަން ކުރަމުން އަންނަ ތަނަކަށް ވާތީ، މަޖިލީހަށް އެ ބާރު ދިނުމުން އެ ކަންބޮޑުވުމަށް އެއްވެސް ފަރުވާއެއް ނުލިބޭނެ އެވެ.
ކޮމެންޓް (6)
ލޯމާފާނު
މުޙައްމަދު އަލް ޢާދިލް - ދޮވެމި ކަލަމިންޖާ
ފަރިވާ
މާކް ޒަކާބާރގް
ބަގުޑި
ތެފައާސާ.