ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލިސް)

ޖަލްސާތަކުގައި މެންބަރުން ޓައި ނޭޅުމަކީ މަޖިލީހުގެ ކަރާމަތަށް އަސަރު ކުރާނެ ކަމެއް: މަޖިލިސް ރައީސް

މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު ހެދުން ތުރުކުރައްވާނެ އުސޫލު ލިޔުމަށް ތިރިކުރުމަށް އެ މައްސަލަ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުއްވާނެ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވި

ރައްޔިތުންގެ މަޖިީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި ނޭޅުމަކީ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތަށް އަސަރު ކުރާނެ ކަމެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ބައެއް މެންބަރުން ޓައި ނާޅާ ވަޑައިގަތުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ އެގޮތަށް އެކަން ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ތަފްސީލް - މަޖިލިސް ރައީސް ވަނީ ރަސްމީކޮށް ހެދުން އަޅައިގެން ޖަލްސާތަކަށް ވަޑައިގަތުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެއީ އަބަދު ވެސް އަމަލު ކުރަމުން އަންނަ އުސޫލު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ބައެއް އިއްޒަތްތެރި މެންބަރުން ޓައި ނާޅުއްވާ ވަޑައިގެން ތިއްބެވީމާ އަޅުގަނޑު ހަމަ ދަންނަވާލަން، އެހެން ނަހައްދަވާށޭ އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ހިފެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމް ކަމެކޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރަސްމީކޮށް މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެން ދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް."

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ވެސް އަބްދުއްރަހީމް ވަނީ ބައެއް މެންބަރުން މިއަދު ޓައި ނާޅާ ވަޑައިގެންފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ:

  • މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގައި ވަކި އުސޫލެއް ނެތް ނަމަވެސް މަޖިލީހަށް ހާޒިރުވާއިރު ރަސްމީކޮށް ހެދުން އެޅުމަކީ ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލު

  • މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެ ނަމަ ފުރަތަމަ ބަލާނީ މަޖިލީހުގެ ނިންމުންތަކުންނާއި އަމަލު ކުރަމުން އަންނަ އުސޫލުތަކަށް ކަމަށް ގަވައިދުގައިވޭ

  • އެ އުސޫލަކީ މަޖިލީހުގެ ގަވައިދުގެ ބައެއް ކަމަށް ވެސް ބަޔާންކޮށްފައިވޭ

  • އެ އުސޫލަށް ބިނާކޮށް މެންބަރުން ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުވާއިރު ހެދުން އަޅާނެ ގޮތުގެ އުސޫލަކަށް ވެސް އަންނަނީ އަމަލު ކުރަމުން

  • ޖަލްސާއަށް ހާޒިރުވާއިރު މެންބަރުން ހެދުން އަޅަމުން އައި އުސޫލަށް މެންބަރުން ހިލާފުވާނަމަ އެކަމަށް ރިޔާސަތުން ގޮތެއް ނިންމަން ޖެހިދާނެ

"އެއީ މަޖިލީހުގެ ގަވައިދުގެ ބައެއް ރަސްމީކޮށް ހެދުން އަޅައިގެން އައުމަކީ. ގަވައިދާ ހިލާފުވެއްޖެ ނަމަ ދެން ރިޔާސަތުން އަމަލު ކުރަން ޖެހޭ ގޮތަކަށް މީގެ ފަހުން އަމަލު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަދި މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު ހެދުން ތުރުކުރައްވާނެ އުސޫލު ލިޔުމަށް ތިރިކުރުމަށް އެ މައްސަލަ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާނެ ވާހަކަ ވެސް ދަންނަވަން."

ރިޔާސަތުން އެ ގޮތަށް ވިދާޅުވުމުން މަޖިލީހުގެ ތަޅުމުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ކޮންމެ ދުވަހަކު ޓައި ނޭޅޭނެ ކަމަށާއި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.


ކޮމެންޓް (1)

ގޮނު

15 ސެޕްޓެމްބަރު 2025
ޓާއީ އެޅުމަކީ މިހާރު މުޅި ދުނިޔެއިންވެސް ނެތެމުންދާ ޝަގާފަތެއް. ބޭރުގެ ނޫސް ޗެނަލްތަކަށް ބަލާލުމުންވެސް އެކަން ފާހަގަވާނެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ވެރިންވެސް ޓައީ ނާޅުއްވާ އުޅުއްވުން ދަނީ އިތުރުވަމުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް