އިހަވަންދޫ ސްކޫލުގެ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންތަކެއް ސްކޫލުގައި: މި އަހަރު އޭލެވެލް ހަދާ ދަރިވަރުންގެ އަދަދު ގިނަ
އޭލެވެލް ކްރައިޓީރިއާއަށް ގެނައި ބަދަލާ އެކު ދަރިވަރުންގެ އަދަދު އިތުރުވެއްޖެ
އޭލެވެލްއަށް ދަރިވަރުން ވައްދާ ކްރައިޓީރިއާއަށް ބަދަލު ގެނައުމާއެކު މި އަހަރު މަތީ ސާނަވީއަށް ކިޔަވަން ޝައުގުވެރިވި ދަރިވަރުންގެ އަދަދު އިތުރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ އޭލެވެލްގެ ކިޔެވުން މިއަދު ވަނީ ފަށާފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި، މި އަހަރު 3،000އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލް ކިޔަވަ އެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު، %49 ގިނަަ އަދަދެކެވެ.
ތަފްސީލް - މީގެ ކުރިން އާއްމުކޮށް، ކޮންމެ އަހަރަކު ވެސް 7،000އަށް ވުރެ ގިނަ ދަރިވަރުން އޯލެވެލް ނިންމާއިރު އޭގެ ތެރެއިން މަތީ ސާނަވީއަށް ކިޔަވަން ޝައުގުވެރިވަނީ 2،000އެއްހާ ދަރިވަރުންނެވެ.
ވީހާ ވެސް ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިދިޔަ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ސާނަވީން ޖާގަދޭ ކްރައިޓީރިއާ ދަށްކޮށްފަ އެވެ.
އެގޮތުން، އާ އުސޫލުގެ ދަށުން، އޭލެވެލް ކިޔެވޭނެ ތިން މަގެއް ވަނީ ފަހިކޮށްފަ އެވެ. އެއީ:
-
އެކަޑަމިކް ސްޓްރީމް؛ އެއީ އޯލެވެލްގައި ވަކި އަދަދެއްގެ މާއްދާތަކުން ސީ ގްރޭޑަށް ވުރެ މަތި ލިބިފައިވުން. މި ގޮތަށް ބަލާއިރު ވެސް ކުރިއަށް ވުރެ ދަރިވަރުންނަށް ލުއިކޮށްދީފައިވޭ
-
ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ކިޔެވުން
-
މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް ފުރިހަމަކުރުން
އޭގެ އިތުރުން، އޭލެވެލްއަށް ކިޔަވައިދޭ ރަށްރަށުގެ ސްކޫލުތަކުގައި ޖާގަ އޮތް ނަމަ، ޝަރުތު ހަމަނުވާ ނަމަ، މިނިސްޓްރީގެ ހުއްދައާ އެކު ކިޔެވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މި ޝަރުތުތަކާ މި އަހަރު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. އެއާ އެކު، އިތުރު ރަށްރަށުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއި ސީއެޗްއެސްއީގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށުން ވެސް، ދަރިވަރުން އިތުރުވި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
ޝަފީއު ވިދާޅުވީ އޭލެވެލްގެ މަގްސަދަކީ ހަމައެކަނި ދެލިގަނޑުން ދަސްކުރުން އެކަނި ނޫންކަމަށާއި އެއީ ވަޒީފާގެ މާހައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްގީ ކުރުމަށް ވަރަށް މުހިއްމު ދެ އަހަރު ކަމަށެވެ.