މިއަދު ހެނދުނު އައި ކޮޅިގަނޑުގައި އައްޑޫ މަރަދޫފޭދޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލާފައި (ފޮޓޯ/މިޝްކާތު ފައުންޑޭޝަން)
ހަމަ އެންމެ 10 މިނިޓް؛ ދެން ފެނުނީ ފުރާޅުތައް މަގުމަތިން
މިއަދު ހެނދުނު ގާތްގަނޑަކަށް 8:40އާ ހަމައަށް އައްޑުއަށް އޮތީ ގަދައަށް އަވިދީފަ އެވެ. އޮފީހުގައި އިންނަވާފައި، މަރަދޫފޭދޫ ކައުންސިލަރު ހާލިދާ މުހައްމަދު ކާރުގައި މަގުމައްޗަށް ނުކުންނެވީ އަމިއްލަ ކަމަކު އެވެ. ނަމަވެސް މަގުގެ ވަކި ހިސާބަކުން ފެނިވަޑައިގެންނެވީ ކަޅު ވިލާގަނޑަކުން ހަތަރު އުދަރެސް ބައްދާލިތަނެވެ.
އެ ވިލާގަނޑުގެ ވައިގަދަ އެވެ. ކާރު ވެސް ކުރިއަށް ނުދުއްވިގެން ޖެހުނީ މަޑުކޮށްލައިގެން އިންނަވާށެވެ. ހާލިދާގެ ބަހުން ނަމަ، ގަދަ ވަޔާއި ބޯވާރޭ ވެހެން ފެށުމާ އެކު، 'ކައިރީގައި އިން މީހާ ވެސް ވަކިނުވެ' އެވެ. އެކަމަކު އައިހާ އަވަހަށް އެ ވިލާގަނޑު ފައިބައިގެން ހިނގައްޖެ އެވެ.
"ހަމަ ކުޑައިރުކޮޅެއް ވާނީ. ޔަގީނުން ވެސް ދިހަ މިނިޓަށް ވުރެ ގިނައެއް ނުވާނެ. ދެން އަޅުގަނޑުމެންނަށް ރިޕޯޓުތައް ލިބެން ފެށީ ބައެއް ގެތަކުގެ ފުރާޅުތައް އެއްލައިލައިގެން އުޅޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭރު އޮތީ، ކުރިން ވެސް އޮތް ގޮތަށް ގަދައަށް އަވިދީފަ އެވެ. ހާލިދާ ވިދާޅުވި ގޮތުގައި ލިބުނު ގެއްލުން ކައުންސިލުން އަންދާޒާކުރި ވަރަށް ވުރެ ބޮޑެވެ. ރަށުގެ ހިނަވާގޭގެ ފުރާޅު އޮތީ މާ ދުރުގައި ހުރި އެހެން ގެއެއްގެ މައްޗަށް އެއްލާލައިފަ އެވެ. އެއް ގޭގެ ފުރާޅު އެއްކޮށް އެއްލާލި އިރު އެހެން ގެއެއްގެ ފުރާޅުގެ އެއްބައި އޮތީ މަގުމަތީގަ އެވެ. އިތުރު ގެތަކުގެ ފުރާޅުން ވެސް ބައިތައް ފެނުނީ މަގުމަތިންނެވެ.
ވިލާގަނޑު ފޭބުމަކާ އެކު މަގުމައްޗަށް ނުކުތް މީހުން ތިބީ ހައިރާންވެފަ އެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް އެކަކު ވެސް ހިޔެއް ނުކުރެ އެވެ.
ބައެއް ގެތަކުގެ މަގުމަތީ ފާރުތައް ވަނީ ވެއްޓިފަ އެވެ. ބޯގަންވިލާ ގަސް ފަދަ ބޮޑެތި މާގަސްތައް ވެސް މަގުމައްޗަށް ވެއްޓިފަ އެވެ. މަގުތަކުގެ މަތީ އޮތީ ކުނިބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އޮކްސިޖަން ދޭ ފުޅިއަކަށް ވެސް ގެއްލުން ވެގެން ކައުންސިލަށް ގުޅި އެވެ.
"ލިބުނު ގެއްލުންތައް އަދި އެއްކޮށް ބަލާ ވެސް ނުލެވިގެން މިއުޅެނީ،" ހާލިދާ ވިދާޅުވި އެވެ.
"ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ގެއްލުމެއް ލިބިފައި މި ވަނީ."
އޭނާ ވިދާޅުވި ގޮތުގައި މި ވިލާގަނޑުގެ އަސަރު އައްޑޫގެ އެހެން ރަށަކަށް ކުރިކަން އެނގިފައެއް ނުވެ އެވެ.