ފެނަކަ އިން އެންމެ ފަހުން އައްޑުއަށް ގެންދިޔަ ޖެނެރޭޓަރު ބެހެއްޓުމަށް މަސައްކަތް ކުރަނީ (ފޮޓޯ/ފެނަކަ)

އައްޑޫ

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން: ފެނަކަ

އެ ތަނުން ބުނި ގޮތުގައި، ރޭ އައްޑޫން ކަރަންޓު ދިޔައީ މީހަކު ކޭބަލަކަށް ގެއްލުން ދިނުމުން
6 ސެޕްޓެމްބަރު 2025

އައްޑުއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- އައްޑޫން އެކަށީގެންވާ ގޮތަށް ކަރަންޓު ނުލިބުމާއި އިރުއިރުކޮޅަކާ ކަރަންޓު ދިޔުމުގެ މައްސަލައަށް ދިގުލައިގެން ގޮސްފައިވާތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. އަދި އެކަމާ، އެ ހިދުމަތްދެމުން އަންނަ ފެނަކައަށް ކިޔަމުންދާ ފާޑުކިޔުންތައް ބޮޑެވެ.

އެކަމަކު ރޭ އައްޑޫން ކަރަންޓު ގޮސްފައިވަނީ، ފެނަކައިން ބުނި ގޮތުގައި، އެ ތަނުގެ މައްސަލައަކުން ނޫނެވެ.

ބުނީ ކީކޭ؟ - ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ މެންދަމު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ދިޔައީ ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އެއާ އެކު، މައި އިންޖީނު އެއްކޮށް ޑައުންވެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ގެއްލުންދޭން އުޅުނު މީހާއަށް ކަރަންޓުގައި ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ.

ފެނަކައިން ބުނީ:

  • މި ފަދަ އަމަލުތައް ހިންގުމުން ކުންފުނީގެ މުދަލަށް ގެއްލުންވާ ކަމަށް

  • އާއްމު ރައްޔިތުންނަށް ތަކްލީފު ލިބުމުގެ އިތުރުން އެކަމުގައި ބައިވެރިވާ އަދި ބައިވެރިނުވާ މީހުންގެ ފުރާނައަށް ގެއްލުން ލިބުން ބޮޑު

"އެހެންވެ، މި ފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރަމެވެ،" ފެނަކަގެ ނޫސްބަޔާނުގައި ބުންޏެވެ.

އެ ތަނުން ދެން ބުނީ، އައްޑުއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް