ހއ. އިހަވަންދޫގައި އަޅާ ފާލަމުގެ ތްރީޑީ ކުރެހުމުގެ މަންޒަރުތައް. ރައްޔިތުންގެ ރުހުން ހޯދުމަށް މި ޑިޒައިން މިހާރު ވަނީ ހުޅުވާލާފައި
އިހަވަންދޫއިން ގަބޫލުކުރަނީ މިއީ އެންމެ ވަރުގަދަ ފާލަމަށް ވާނެ ކަމަށް
ދުރުން ބަލާލާއިރު، ސިފަވަނީ ބޮޑު މަސް ދޯންޏެކެވެ. އެ 'ދޯންޏާ' ކައިރިވެލާއިރު ދެ ފަރާތުގައި އަޅާފައި އޮންނަ ސިޑި ފެނެ އެވެ. އެ ސިޑިން އަރައި، އެތެރެއަށް ވަންނައިރު މަންޒަރު އޮންނަނީ ބަދަލުވެފަ އެވެ. މިހާރު ރެސްޓޯރެންޓަކާއި ފިނި މައިޒާނެކެވެ. ރަށަށް އަރާ މެހެމާނުން މަޑުކޮށްލާ ފިނިކުރި ލައުންޖެކެވެ.
އެހާ ހަމައިން ހއ. އިހަވަންދޫއަށް އެތެރެވެވުނީ އެވެ.
މިއީ އިވަންދޫ ކައުންސިލުން މިހާރު، ރައްޔިތުންގެ ހިޔާލަށް ހުޅުވާލާފައިވާ އެ ރަށުގެ އާ ފާލަން ހިމެނޭ ބަނދަރުގެ ކޮންސެޕްޓެވެ. މި ފާލަމަށް ރައްޔިތުން ރުހި، ކުރެހުމުގައި އޮތް ގޮތަށް ގާއިމުކޮށްފި ނަމަ، އެ ރަށު ކައުންސިލުން ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި އޮތް އެންމެ ރީތި، އެންމެ ވަރުގަދަ ފާލަމަކަށް އެތަން ވާނެ އެވެ.
"އަޅުގަނޑުމެންގެ އެވަރުގެ ބަޖެޓެއް އެބައޮތް. ކައުންސިލްގައި ދަރަންޏެއް ނެތް. ހެވީ ވެހިކަލްތައް އެބަހުރި. ދެން ކީއްވެތޯ ނުހެދެންވީ،" އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހުމަދު ރިލްވާން ވިދާޅުވި އެވެ.
'އަޅުގަނޑުމެންނަށް ކުޅަދާނަ މިންވަރަކުން، އެންމެ ފުރިހަމައަށް މިތަން ހަދާނީ،"
ރާއްޖޭގެ ގިނަ ރަށްތަކަށް އަރާއިރު މިހާރު އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ، ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެކެވެ. އިހަވަންދޫ ކައުންސިލްގެ ހިޔާލަކަށްވީ، އެ މޮނިއުމެންޓާއި ބަނދަރުގެ ފާލަން ގުޅުވާލުމެވެ. އިހަންވަދުއަކީ މުޅި އުުތުރަށް ވެސް މަޝްހޫރު މަސްވެރި ރަށަކަށްވުމުން، ރަށް ރަމްޒުކޮށްދޭން، މަސް ދޯންޏަކަށް ވުރެ މުނާސަބު އެއްޗެއް ކައުންސިލަކަށް ނުފެނުނެވެ.
އެހެންވެ، ރަށާ ކައިރިކޮށްލާއިރަށް ފުރަތަމަ ފެންނާނީ ދިރުނބާލީ، ބޮޑު މަސް ދޯންޏެކެވެ. ފާލަމުން ފައިބަން ޖެހޭނީ ދޯނީގެ ތެރެއަށެވެ. ދޯނީގެ އެތެރެ ޑިޒައިންކޮށްފައި ހުރީ، މެހެމާނުން މަޑުކޮށްލައިގެން ތިބެން، އެންމެ ފެންވަރު ރަނގަޅު ލައުންޖެއްގެ ގޮތަށެވެ. ބޮޑެތި ގޮނޑިޖަހައި، އަރާމުކޮށް ޖައްސާލައިގެން ތިބެވޭ ގޮތަށެވެ.
އެތަނުގައި ރެސްޓޯރަންޓެއް ވެސް ހިންގަ އެވެ. ދޯނީގެ މަތި ވެސް ޑިޒައިންކޮށްފައި ހުރީ، ހާމަ އުޑުމަތީގެ ރީތިކަމާއި ވައިގެ ހިތްފަސޭހަކަން ލިބޭނެ ގޮތަށް ރެސްޓޯރަންޓުގެ ބައެއް ގޮތަށެވެ.
މިއީ ހަގީގަތުގައި ވެސް ރާއްޖޭގެ އެހެން ރަށަކުން އަދި ނުފެންނަ ކަހަލަ ފާލަމެކެވެ.
މި ފާލަމާއެކު، މުޅި ބަނދަރު ޗާލުކޮށްލުމުގެ މަސައްކަތް ވެސް އެ ރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކައުންސިލުން އަންނަނީ ބަދަރުމަތީގައި ރުއްގަސް ޖަހައި ރީތިކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމޫނާއަށް ގެންގުޅޭ ތަސައްވުރަކީ މާލޭގެ ޖުމްހޫރީ މައިދާނެވެ. ފާލަމުން ފައިބައިގެން ވަދެވޭނީ މި މައިދާނުގެ ތެރެއަށެވެ.
"އިހަވަންދޫއަކީ މަސްވެރި ރަށެއްގެ އިތުރުން ވިޔަފާރީގެ ވެސް ހަބެއް. އުތުރުގެ ތިން އަތޮޅުން އަދި މި ހިސާބުގަނޑުގެ މައިރަށް، ކުޅުދުއްފުށިން ވެސް މީހުން ވިޔަފާރި ކުރަން އަންނާނެ. އެހެންވީމާ، ރަށަށް އަރާ މެހެމާނުންނަށް ވެސް އެންމެ ފުރިހަމައަށް މަރުހަބާ ކިޔޭނެ ފަދަ ގޮތަކަށް ބަނދަރު އޮންނަން އަޅުގަނޑުމެން ބޭނުންވީ،" ހަތަރު ހާހާ ގާތްކުރާ އަދަދަކަށް މީހުން އުޅޭ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.
މި ވަރުގަދަ ފާލަމާއި އޭގެ ކުރެހުން އަދި އޮތީ ކަރުދާހުގަ އެވެ. ދެން ކުރިއަށް ދާނެ ގޮތް އެނގޭނީ ރައްޔިތުންގެ ރުހުން އެކަމަށް ލިބިއްޖެ ނަމަ އެވެ. މި މަޝްރޫއަށް ދާނެ ހަރަދާއި އެއިން ލިބޭނެ މަންފާ ވެސް ޔަގީންކޮށް ބުނަން އެނގޭނީ އެއަށް ފަހުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
އެތަނުގެ އުއްމީދަކީ އަންނަ އަހަރުގެ މެދަކާ ހަމައިގައި އެތަން ހުޅުވައި، ރާއްޖެ ހައިރާންކޮށްލުމެވެ.