ހއ. ތުރާކުނު މަތިން ނަގާފައިވާ ފޮޓޯއެއް

ހއ. ތުރާކުނު

ވެއްޓިދާނެތީ ބިރުހީވި ރުއް ކަނޑާ ވައްޓާލެވުނީ ވެސް ގޭގެ މައްޗަށް

ވައިބާރު ދުވަސްތަކުގައި ގޭގެ މައްޗަށް ރުއް ވެއްޓިދާނެ ކަމުގެ ބިރު އޮވޭ، އެކަމަކު ރުއް ކަނޑާ ވައްޓާލެވުނީ ވެސް ގޭގެ މައްޗަށް
3 ސެޕްޓެމްބަރު 2025
1

މީގެ ފަސް އަހަރު ކުރިން، ހއ. ތުރާކުނު އަހުމަދު މުހައްމަދު، އޭނާގެ އަލަތު ގެ އެޅީއްސުރެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށް ވެފައި އޮތީ ޖެހިގެން އޮތް ހުސް ބިމުގައި ހުންނަ ރުކެވެ. ފަހުން އައިސް އެ ރުކުގެ ވަރުދެރަވެ، ގެއާ ދިމާލަށް ތިރިވުމާ އެކު ދެން އޭނާގެ ބިރަކަށްވެފައި އޮތީ ގަދަ ދުވަސްވަރެއްގައި ގޭގެ މައްޗަށް ރުއް ވެއްޓުމެވެ. އެހެންވެ، އެ ރުއްކަނޑައި ދިނުމަށް ރަށުގެ ކައުންސިލްގައި އޭނާ އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

"އެކަމަކު ވީގޮތަކީ ކައުންސިލަށް އެ ރުއް ކަނޑާ ވައްޓާލެވުނީ ވެސް ގޭގެ މައްޗަށް،" އަހުމަދު ބުންޏެވެ.

"ގޭގެ ވަށާފަރުން ބަޔަކާއި ފުރާޅުން ބައެއް މިހާރު އެއޮތީ ގޮސްފައި."

އަހުމަދު ބުނި ގޮތުގައި އަންނަ ކޮންމެ ކޮޅިގަނޑެއްގައި، އެ ރުއް އޭނާގެ ގޭގެ މައްޗަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެ އެވެ. އެ ފަދަ ދުވަސްތަކުގައި ގޭގައި ތިބެން ޖެހިލުންވެ އެވެ. އެހެންވެ، ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ބިމުގައި ހުންނަ އެ ރުއް ކަނޑާލުމަށް އެދި، ސިޓީ ފޮނުވިތާ މަހެއް ވެއްޖެ އެވެ.

އަހުމަދު ބުނިގޮތުގައި ރުއްކަނޑާލީ، ކައުންސިލުން ފޮނުވި ބައެކެވެ. އެކަމަކު ސާޅީހަކަށް ފޫޓު ދިގު އެ ރުކުގައި ވާ އައްސައި، ކަނޑާލަން އުޅުމުގެ ތެރޭގައި ވާބުރިވެ، ވެއްޓުނީ ފުރާޅުން ބައެއް ދާގޮތަށް، ގޭގެ ކުރިމައްޗަށެވެ.

އޭނާ ބުނީ ރުއް ވެއްޓުނު އިރު ގޭގައި އަންހެނަކާއި ކުޑަކުއްޖަކު ވެސް އުޅޭ ކަމަށެވެ. އެ ހާދިސާގައި އެ ދެމީހުން ސަލާމަތްވީ ހަނިގޮތަކަށް ކަމަށް ބުންޏެވެ.

"އަޅުގަނޑަށް މިހާރު މި ޖެހިފައިވަނީ ފުރާޅުން ބައެއް ނަގަން. ކައުންސިލުން ބުނީ އެކަމަށް ދާ ހަރަދު ދޭނެ ކަމަށް." އަހުމަދު ބުންޏެވެ.

ކޮމެންޓް (1)

ތެފައާސާ.

3 ސެޕްޓެމްބަރު 2025
"ވެއްޓޭން ހުރި އެއްޗެއް ވެއްޓޭނެއެވެ. ގެންދަވާނީ އޭގެ ފަހުންނެވެ."
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް