ސަފާ ބްރޯޑްކޮމްގެ ރައީސް: އެ ކޮމިޝަނުން ވެސް ބިލާ މެދު ކަންބޮޑުވޭ.
މަޝްވަރާ، ދިރާސާނުކޮށް މީޑިއާ ކޮންޓްރޯލް ބިލް ހުށަހެޅުމުން ބްރޯޑްކޮމްގެ ކަންބޮޑުވުން
މީޑިއާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މިހާރު އަދާކުރާ ކޮމިޝަންތަކާ މަސްލަހަތުވެރިންނާ މަޝްވަރާކުރުމެއް ނެތި އަދި ދިރާސާ ވެސް ނުކޮށް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހަށް ހުށަހެޅުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ބިލް ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގް ވަނީ އެ ބިލް ޑްރާފްޓްކުރުމުގެ މަރުހަލާގައި އެ ކޮމިޝަނާ މަޝްވަރާކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ތަފްސީލް - ސަފާ ވިދާޅުވި ގޮތުގައި މިފަދަ ބިލެއް އެކުލަވާލައި ހުށަހެޅުމުގެ ކުރިން ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުން މުހިންމު ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ކަންކަން ނިންމުމުގެ ކުރިން ފުޅާދާއިރާއެއްގައި ދިރާސާކުރުން ކަމަށް ވެސް ސަފާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވަނީ ބިލުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ. އޭނާ ފާހަގަކުރެއްވި ކަންބޮޑުވުންތަކަކީ:
-
ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރާ އަދަދުތައް ކަނޑައަޅާފައިވަނީ ދިރާސާއެއް ނުކޮށް؛ ނޫސްވެރިންނަށް މުސާރަ ލިބޭވަރާއި މީޑިއާތަކުގެ އާމްދަނީއަށް ބަލައިގެން އެ އަދަދުތައް ކަނޑައަޅަން ޖެހޭނީ
-
އެހެން ގައުމުތަކުގަައި މީޑިއާ ރެގިއުލޭޓް ކުރަން އޮންނަ ގޮތް ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށޭނަ ގޮތަކީ ކޮބައިތޯ ބެލުން؛ އަދި ސެލްފް ރެގިއުލޭޓަރީ ނިޒާމަކާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭ
-
މީޑިއާތަކާއި އޯޓީޓީ ޕްލެޓްފޯމްތައް ވެސް ބެލެހެއްޓުން އެއްކޮމިޝަނަށް ގެންނައިރު އެއީ ވެސް އެންމެ ކުރަން ރަނގަޅު ކަމެއްތޯ ދިރާސާކުރަން ޖެހޭ ކަމަށް ވިދާޅުވި
"އަޅުގަނޑުމެން އެދެނީ މިވަރުގެ ބިލަކަށް މަޝްވަރާކޮށް އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާނޭ،" ސަފާ ވިދާޅުވި އެވެ. އޭނާ ވަނީ އެ ބިލާ މެދު މީގެ ކުރިން ވެސް އެ ކޮމިޝަންގެ ކަންބޮޑުވުންތައް ހުރުމުން، ތިން ސިޓީއެއް މަޖިލީހަށް ފޮނުވިކަން ވެސް ފާހަގަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ބިލްގައި ވެސް އަޅަން ހުރި ވަރަށް ގިނަ ފިޔަވަޅުތައް އަދި ކަންކަމަކީ ވެސް ބްރޯޑްކޮމްގެ ގާނޫނުގައި މިހާރު ވެސް ހިމަނާފައިވާ ކަންކަމެވެ. އެހެން ނަމަވެސް:
-
އެކަންކަން ތަންފީޒުނުވަނީ ބަޖެޓާއި ވަސީލަތްތައް މަދުވުމުން ކަމަށް ސަފާ ވިދާޅުވި
-
އާ ކޮމިޝަނެއް ހެދި ނަމަވެސް ބަޖެޓާއި ވަސީލަތްތައް ނުލިބޭ ނަމަ ގާނޫނު ތަންފީޒު ނުކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވި
"ގާނޫނަކަށް ވަކި ވެގެނެއް ތަންފީޒެއް ނުއެއް ކުރެވޭނެ ކަންކަން ހުރި ގޮތުން،" ސަފާ ވިދާޅުވި އެވެ.
ބައެއް މިސާލުތައް ނަންގަވަމުން އޭނާ ވިދާޅުވީ، ކޮމިޝަނުން ބްރޮޑްކާސްޓަރުންގެ ކޮންޓެންޓް މޮނީޓާކުރަން އެކަށީގެންވާ ނިޒާމެއް ގާއިމްކުރަން ބަޖެޓަށް އެދޭތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ބަޖެޓް ނުލިބި އެކަން ރަނގަޅަށް ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.
"މުވައްޒަފުންގެ މުސާރަދީ ދީ ހަދާފައި ކަމެއް ކުރަން މީޑިއާ ކުރިއަރުވަން ވެސް މި އޮންނަނީ 400،000 އެއްހާ ރުފިޔާ،" ސަފާ ވިދާޅުވި އެވެ.
ކޮމިޝަންގެ މެންބަރު މޫސާ ރިލްވާން ވިދާޅުވީ ބިލް އޮތް ގޮތުން އިދާރީ ފިޔަވަޅެއްގެ ގޮތުން ލައިސަންސް ހިފެހެއްޓޭއިރު އެކަން ކުރުމުގެ ސަބަބުން މީޑިއާތަކެއް އެކީ މަރުވެގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މިފަދަ ބިލެއް އަންނައިރު މީޑިއާތައް ޒިންމާދާރުކުރުމުގެ އިތުރަށް މީޑިއާތައް ކުރިއަރުވައި ފެންވަރު ރަނގަޅުކުރަން ވެސް ކަންކަން ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާތައް މަރުވެގެން ދާގޮތަކަށް ނޫން މިކަން ކުރަން ޖެހޭނޭ ކަމަށް ދެކެނީ،" ރިލްވާން ވިދާޅުވި އެވެ.
ދެން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކޮމިޝަންގެ މެންބަރުން ވިދާޅުވީ އެ ބިލް ޑްރާފްޓް ކުރުމުގައި ވެސް އެއްވެސް ވަރަކަށް ކޮމިޝަންގެ ލަފައެއް ނުހޯދާ ކަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށް ވެސް ވިދާޅުވި އެވެ. އެ ބިލް އިސްލާހުކުރަން އިތުރު ވަގުތަށް އެ ކޮމިޝަނުން ކޮމިޓީގައި ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި ބްރޯޑްކޮމްއިން ހިޔާލުފާޅުކުރުމުން ކޮމިޓީ މެންބަރުންގެ ފަރާތުން އިތުރު ސުވާލެއް ބްރޯޑްކޮމްގެ މެންބަރުންނާ ކުރިމަތިކޮށްފައެއް ނުވެ އެވެ. އެ ހިސާބުން ކޮމިޓީ ނިންމާލީ އެވެ.
ކޮމެންޓް (2)
ސާޖި
މުޙައްމަދު ބިން ޢާދިލް