ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުހައްމަދު އުމަރު މަނިކު - (ފޮޓޯ/ރައީސް އޮފީސް)

ސްކޮލާޝިޕް ދެއްވާފައި އެމްޔޫ މަނިކު އެދިވަޑައިގަތީ ގައުމަށް ހިދުމަތްކުރަން އެނބުރި އަންނަން

މުހައްމަދު އުމަރު މަނިކުގެ މި ވާހަކަ ފޭސްބުކްގައި ހިއްސާކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރުގެ މަގާމެއްގައި މި ވަގުތު ހުންނެވި ހުސައިން ރަޝީދު

އުމުރުން އެންމެ 24 އަހަރުގައި ރާއްޖެއަށް ޓޫރިޒަމް ގެންނެވުމުގެ އިސް ސަފުގައި ހުންނެވި، މިއަދު އުމުރުން 78 އަހަރުގައި ދުނިޔެ ދޫކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ) މަނިކު ގައުމަށް އޮތް ލޯބި ދަނީ ސޯޝަލް މީޑިއާގައި އެކި މީހުން ކުރަމުންދާ ޕޯސްޓްތަކުން ވެސް އެނގެމުންނެވެ.

ވީ ކިހިނެއް؟ - މީގެ 53 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މަނިކު އަވަހާރަވީ އަލާސްކަންފުޅެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުންނެވެ.

މުހައްމަދު އުމަރު މަނިކުގެ ހިދުމަތްތަކަށް އެތައް ބަޔަކު ތައުރީފުކޮށް ސޯޝަލް މީޑިއާގައި ލިޔަމުންދާއިރު އެއިން އެއް ބޭފުޅަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ހުސައިން ރަޝީދެވެ.

ބުނީ ކީކޭ؟ - ހުސައިން ރަޝީދު ފޭސްބުކްގައި ލިއުއްވާފައިވާ ގޮތުގައި، ތައިލެންޑްގައި އޭނާ ތައުލީމު ހާސިލްކުރެއްވި ދުވަސްވަރު ރައްކާކުރެވިފައިވަނީ އެންމެ ދިރާސީ އަހަރަކު އެ ތަނުގައި ހުންނަވައިގެން ތައުސީލު ހާސިލުކުރެވޭނެ ވަރަށް ކަމަށެވެ.

"ފުރަތަމަ ޑިގުރީގެ ބާކީ ދެ އަހަރު އަދި މާސްޓާސް ޑިގުރީއަށް އިތުރު ދޮޅު އަހަރު ދުވަހުގެ ކިޔެވުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެކި މީހުން ކައިރީގައި އެދުނިން. އެތައް ދޮރަކު ޓަކި ޖެހި ނަމަވެސް ދޮރު ހުޅުވައި ދިނީ އެމްޔޫ މަނިކު އެކަނި،" ހުސައިން ރަޝީދު ވިދާޅުވި އެވެ.

މުހައްމަދު އުމަރު މަނިކު: އޭނާ އަކީ ޓޫރިޒަމްގެ އެއްބާނީ

ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ފަދަ މަގާމުތައް ވެސް ފުރުއްވާފައިވާ ހުސައިން ރަޝީދު ވިދާޅުވީ މަނިކު އޭނާއާ އަމިއްލަފުޅަށް ބައްދަލުކުރައްވައި އިލްތިމާސްކުރެއްވި ހަމައެކަނި ކަމަކީ ތައުލީމު ހާސިލްކުރެއްވުމަށް ފަހުގައި ގައުމަށް ހިދުމަތްކުރައްވަން ވާނެ ކަމަށެވެ.

"އޭނާގެ ހަމައެކަނި އެދުމަކީ ވަރަށް އާދައިގެ ނަމަވެސް ވަރަށް ބޮޑު އެދުމެއް. ކިޔެވުން ނިންމައި ގައުމަށް ހިދުމަތް ކުރުމަށް އެނބުރި ރާއްޖެ އަންނާށޭ. އެއީ އެންމެ ދުވަހަކަށް ވިޔަސް އެންމެ ރަނގަޅޭ،" ހުސައިން ލިއުއްވާފައިވެ އެވެ.

ހުސައިން ވިދާޅުވީ ކާމިޔާބުކަމާ އެކު ތައުލީމު ހާސިލްކުރެއްވުމަށް ފަހު އެނބުރި ވަޑައިގެން މަނިކާ ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވާފައިވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑަށް ލިބުނު ކޮންމެ ކާމިޔާބީއެއް ބިނާވެފައި ވަނީ، އެމްޔޫ މަނިކުގެ ދީލަތިކަމާއި ދުރުވިސްނުމާއި ގައުމާއި މުޖުތަމައަށް ޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގެ މައްޗަށް،" ހުސައިން ވިދާޅުވި އެވެ.

ކޮމެންޓް (2)

ޤަވްމަށް ޚިދުމަތްކުރެވޭނީ ޤައުމަށް އައިސްގެން

31 އޯގަސްޓު 2025
ހާލުގައި ޖެހުނު ދުވަހު އެހީވެދީ ކުރެއްވި ވަސިއްޔަތް ހަނދާން ނައްތާލާ، ޤައުމު މަތިންވެސް ހަނދާން ނައްތާލާ ޤައުމަށް ޚިދުމަތް ނުކޮށް ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރެއްގެ ގޮތުގައި ތިޔަ ހުރީ ކީއްވެތޯ ސުވާލުކޮށްލަން؟
4 0

ޙަކީމް

31 އޯގަސްޓު 2025
@ޤަވްމަށް ޚިދުމަތްކުރެވޭނީ ޤައުމަށް އައިސްގެން އަމިއްލަ މަސްލަހަތަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް