އެމްޔޫ މަނިކު: ދިވެހި ތާރީހުން ދުވަހަކު ވެސް ނުފޮހެވޭނެ ނަމެއް

އެމްޔޫ މަނިކު: ދިވެހި ތާރީހުން ދުވަހަކު ވެސް ނުފޮހެވޭނެ ނަމެއް

އުމުރުފުޅުން 78 އަހަރުގައި މިއަދު އަވަހާރަވި މުހައްމަދު އުމުރު މަނިކަކާ އެކު އެ ނިމުނީ މަސްވެރި ފަގީރު ގައުމަކުން ޓޫރިޒަމްގެ ދުނިޔޭގެ މަތީ ފެންވަރަށް ރާއްޖެ ގެންދިއުމުގެ އެއް ބާނީގެ ހިދުމަތުގެ ސަފުހާ. ނަމަވެސް ހަނދާންތަކަށް ނިމުމެއް ނެތް

"އެއީ ރާއްޖޭގައި އެއްވެސް އެއްޗެއް އޮތް ޒަމާނެއް ނޫން. ބޭންކެއް ނެތް، އެއާޕޯޓެއް ނެތް، ފޯނެއް ނެތް."

އެއީ 1970ގެ އަހަރުތަކުގައި ރާއްޖެ އޮތް ހާލަތު ސިފަކުރައްވަމުން މުހައްމަދު އުމަރު މަނިކު ވިދާޅުވި ބަސްކޮޅެކެވެ. އޭނާގެ އެ ސިފަކުރެއްވުން، ކުރީގެ އިންޓަވިއުއެއްގައި ގެންނެވީ ރާއްޖޭގެ ޓޫރިޒަމް ފެށި ދުވަސްވަރު އޭރުގެ ނިސްބަތުން ވެސް ރާއްޖޭގައި ޒަމާނީ އެއްވެސް ވަސީލަތެއް ނެތްކަން ދައްކަވާށެވެ.

ތާރީހީ އެ ދުވަހަކީ 22 ފެބްރުއަރީ 1972 އެވެ. އެއީ ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައި ކަމަށް ތާރީހީ ލިއުންތަކުން އެނގެން އޮތް ދުވަހެވެ. މަޝްހޫރު ނަމުން ނަމަ އެމްޔޫ މަނިކަކީ އޭރު އެންމެ 24 އަހަރުގެ ޒުވާނެކެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ބޭރުން ކިޔަވާ ވިދާޅުވެ، ސަރުކާރުގައި އައީ ވަޒީފާ ވެސް އަދާކުރައްވަމުންނެވެ. ޓޫރިސްޓުން ރާއްޖެ ގެނެސް، ރާއްޖޭގެ ރީތިކަން ޓޫރިޒަމަށް ހުޅުވާލި އެ ދުވަހު އޭގެ ފަހަތުގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެކަކީ އެމްޔޫ މަނިކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމުގެ ހަފްލާގައި މުހައްމަދު އުމަރު (އެމްޔޫ) މަނިކު (މ) އަހުމަދު ނަސީމް (ކ) އަދި ޗަމްޕާ ހުސެއިން އަފީފް (ފޮޓޯ/ރައީސް އޮފީސް)

ޗަމްޕާ ހުސެއިން އަފީފް، ކުރީގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އަދި އިޓަލީގެ ޓްރެވެލް އެޖެންޓެއް ކަމަށްވާ ޖޯޖް ކޯބިންއަކީ ދެން ތިއްބެވި ބޭފުޅުންނެވެ.

އެމްޔޫ މަނިކާއި އަފީފު އަދި ނަސީމަކީ ސްރީ ލަންކާގައި އެކުގައި ކިޔަވާ ވިދާޅުވި ބޭފުޅުންނެވެ. އެކުގައި ކުޅިވަރު ކުޅުއްވި ޒުވާނުންނެވެ. ނަސީމާއި އެމްޔޫ މަނިކުގެ އާއިލާގެ ތަނަވަސްކަން ބޮޑެވެ. އަފީފު ނިސްބަތްވެވަޑައިގަންނަވަނީ އޭރު މެދު ފަންތީގެ އާއިލާއަކަށެވެ.

ރާއްޖެއަކީ މަސްވެރި އަދި ފަގީރު ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ 'ރަންގަނޑެއް' ކަމަށް ލަފާކޮށް ޓޫރިޒަމަށް ހުޅުވާލުމަކީ އެ ބޭފުޅުން ގައުމަށް ކޮށްދެއްވި ކިހާ ވަރެއްގެ ބޮޑު ކަމެއްކަން މިއަދު ދިވެހިން ހެކިވާނެ އެވެ. ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުން ވަކިވަކި ރަށްރަށުގައި އެފަދަ އިންޑަސްޓްރީއެއް ނުހިންގޭނެކަން ނުވަތަ ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވާނެ ކަމަށް، ޔޫއެންޑީޕީގެ ރިޕޯޓެއްގައި އޭރު އޮތީ ބުނެފަ އެވެ. އެގޮތަށް އެ ލަފާ ސަރުކާރަށް ލިބުނަސް، އެމްޔޫ މަނިކުމެން ނުކުންނެވީ އެކަން ކުރެވިދާނެކަން ދައްކަވާށެވެ.

"ރާއްޖޭގައި ޓޫރިޒަމް ކާމިޔާބުނުވާނެ ކަމަށް ޔޫއެންޑީޕީގެ ތަޖުރިބާކާރުން ބުނީ އުމުރާނީ އެއްވެސް ވަސީލަތެއް، އެއްވެސް ހިދުމަތެއް ރާއްޖޭގައި ނެތީމާ،" އެމްޔޫ މަނިކު ވިދާޅުވެފައިވެ އެވެ.

ކުރުނބާ ވިލެޖްގައި ޖޯޖް ކޯބިން އޭނާގެ އަންހެން ދަރިފުޅަށް ކުރުނބައެއް ދޭ އިރު އަހުމަދު ނަސީމް ކައިރީގައި: ވިހަމަނާފުށީގައި ރިސޯޓް ހެދުމަކީ ޓޫރިޒަމްގެ އަސްލު ފެށުން -- ފޮޓޯ/ނަސީމްގެ ޓްވިޓާ

އިޓަލީގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ މައްޗަށް އެކުލެވުނު ފުރަތަމަ ޓޫރިސްޓް ގްރޫޕް ރާއްޖޭގައި ތަޖުރިބާކުރީ ދުނިޔޭގެ ރީތި ސުވަރުގެއެއްގެ ހިތްގައިމު މަންޒަރުތަކެވެ. ހުދު ދޮންވެލިގަނޑާއި ނަލަކަން ވިދަމުން ދިޔަ ތިލަ މޫދުތަކެވެ. ދުނިޔެއަށް ފޮރުވިފައި އޮތް ކަނޑު އަޑީގެ މުރަކައިގެ ބަގީޗާ އެވެ. މަސްތަކުގެ ދިރުންތަކެވެ.

ޓޫރިސްޓުންގެ ދެވަނަ ގްރޫޕް އޭގެ ނުވަ މަސް ފަހުން އައީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖަށެވެ. އެއީ ކޯބިން އާއި އަނެއް ތިން ބޭފުޅުންގެ ހިއްސާ އޮވެގެން ތަރައްގީކުރި ރާއްޖޭގެ ފުރަތަމަ ރިސޯޓެވެ. ފަހުން އެ ރިސޯޓް ވީ އެމްޔޫ މަނިކުގެ އާއިލީ ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ރިސޯޓަށެވެ.

އަބަދުވެސް އެމްޔޫ މަނިކު ކުރީގައި

ފަހުން އަފީފާއި އެމްޔޫ މަނިކު ހިމެނިވަޑައިގަތީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އިންވެސްޓަރުންގެ ތެރޭގަ އެވެ. އެކަމަކު އަފީފު އަބަދުވެސް އިސްކުރައްވަނީ އެމްޔޫ މަނިކެވެ. ޓޫރިޒަމް ދާއިރާގެ މުހިންމު ދުވަހެއްގެ އިންޓަވިއުއަކަށް ދެންނެވިޔަސް އަފީފު ފުރަތަމަ ވިދާޅުވާނީ އެމްޔޫ މަނިކު އެއްބަސްކުރުވުމަށެވެ.

އަފީފުގެ އެ އަހުލާގުން އެނގެނީ ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަ ދައްކާ ނަމަ އެމްޔޫ މަނިކު އިންނަވަން ޖެހޭނެ ކަމެވެ. ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލްއާ ގުޅިގެން 'ހަވީރު'ން ހެދި ރިޕޯޓަކަށް ދެ ބޭފުޅުންގެ އިންޓަވިއު އެކުގައި އަޅުގަނޑު ނެގީމެވެ. އެއީ ގައުމާ މެދު އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ލޯބި ވެސް އެނގުނު ވަގުތުކޮޅެކެވެ.

އެމްޔޫ މަނިކާއި އަފީފް: ޓޫރިޒަމްއާ ގުޅޭ ކަމެއް ނަމަ އަފީފް އަބަދުވެސް އިސްކަން ދެއްވަނީ އެމްޔޫ މަނިކަށް (ފޮޓޯ/ރައީސް އޮފީސް)

ޓޫރިޒަމް ފުޅާވުމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ނަން މަޝްހޫރުކުރަން ވެސް އެމްޔޫ މަނިކުގެ ދައުރު ވަރަށް ބޮޑެވެ. ޓޫރިޒަމް ކުރިއަށްދާ މިސްރާބާއި ލޮޅުންތަކުން އިންޑަސްޓްރީ ސަލާމަތްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ވެސް، ސަރުކާރަށް އެހީތެރިވާ އެއް ސިކުނޑިއަކީ އެއީ އެވެ. ރާއްޖޭގެ ފުރަތަމަ ފަސް ތަރީގެ ރިސޯޓަކަށް 2 އެޕްރީލް 1988ގައި ކުރުނބާ ހެދީ، އެ ކުރިއެރުމާއި ސިޔާސަތާ އެކުގަ އެވެ. 

ޓޫރިޒަމްގެ ފުރަތަމަ ވިޔަފާރިވެރިންގެ ކުރިމަތީގައި އެމްޔޫ މަނިކަކީ ދާއިރާގެ 'ބިޔަ ތަނބެކެ'ވެ. އޭނާއާ އެކު މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށްލުމަކީ އެއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އުފަލެކެވެ.

އެހީތެރިކަން ވެސް އެހާމެ ބޮޑު

ބައެއް ވިޔަފާރިވެރިންގެ އާންމު އެހީއާ ބެހޭ މާ ގިނަ މައުލޫމާތެއް އާންމެއް ނުކުރެ އެވެ. އެއީ އެކި ބޭފުޅުންގެ މިޒާޖާ ގުޅިފައި އޮންނަ ސިފައެކެވެ. އެހެންކަމުން ގިނަ މިހުންނަށް އެމްޔޫ މަނިކުގެ ދީލަތިކަމުގެ ވާހަކަ ވެސް ނޭނގެ އެވެ. އެކަމަކު ހަގީގަތުގައި އެތައް ބައެއްގެ މަތީ ތައުލީމާއި އިޖުތިމާއީ އެކި ދާއިރާތަކަށް އޭނާ ހޭދަކުރެއްވި އެވެ.

އޭގެ ބައެއް ކަންކަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ މިއަދު ހާމަކުރައްވައިފަ އެވެ.

"އެމްޔޫމަނިކަކީ ދީނީ އިޖްތިމާއީ ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް. މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއް،" ފޭސްބުކްގައި ލިއުއްވަމުން ޝަހީމް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ރަން ޔޫބީލް ރަސްމިއްޔާތުގައި އެމްޔޫ މަނިކު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރަށް ގެންދިޔަ އިރު އެމްޔޫ މަނިކު ވަނީ ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރައްވަން އެދިވަޑައިގެން ސިޓީއެއް ފޮނުއްވައިފަ އެވެ. އެ އެދިވަޑައިގެންނެވި ގޮތަށް ބިން ހަމަޖައްސައިދީފައި ވާނެ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

"މާތް ﷲ އެމަނިކުފާނަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާށި. އާމީން،" އެ ޕޯސްޓް ނިންމާލައްވަމުން ޝަހީމް ލިއުއްވި އެވެ.

ގައުމީވަންތަކަން ވަރަށް ބޮޑު

މީގެ 10 އަހަރު ކުރިން، 2015ގައި، އަޅުގަނޑު ހުރީ އެމްޔޫ މަނިކާއި އަފީފާ އެކު، ޓޫރިޒަމްގެ މައި ޖަމިއްޔާ މަޓީގެ އޮފީހުގެ މީޓިން ރޫމްގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލްއާ ގުޅިގެން 'ހަވީރު'އަށް ދެއްވި ވީޑިއޯ އިންޓަވިއުއަކަށް ފަހު އެވެ. އޭރު އެމްޔޫ މަނިކަކީ ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޗެއާމަން ވެސް މެ އެވެ.

އެކަމަކު އޭގެ ފަސް އަހަރު ކުރިން 2010ގައި އެމްޑީޕީގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް ދިނެވެ. އެއީ އެމްޔޫ މަނިކުގެ ހިތުގައި ޖެހުނު މައްސަލައެކެވެ. ކުޑަ ގައުމަކަށް ރާއްޖެ ވެފައި ބޭރުގެ ބޮޑު ކުންފުންޏަކަށް މައި އެއާޕޯޓް ދިނުމުގެ ގެއްލުން، ނުހަނު ބޮޑުކަން، އެ ދުވަހު ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުރި އޮފީހުގެ މަގުމަތީ ކުޑަދޮރުގެ ދޮރުފޮތިގަނޑު ކަހާލުމުން ވީއައިއޭ ރަނގަޅަށް ފެނެ އެވެ. އެއާޕޯޓަށް ބައްލަވާލައްވާފައި އޭނާ ވިދާޅުވީ އަހަރަކު 100 މިލިއަން ޑޮލަރުގެ ފައިދާއެއް ނެރެވެން އޮތް ދައުލަތުގެ މުދަލެއް ބޭރު ބަޔަކަށް ދޫކޮށްލުމަކީ މޮޔަ ނިންމުމެއް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް: ވީއައިއޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގީ އެމްޔޫ މަނިކު ޗެއާމަނަކަށް ހުންނަވައިގެން (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

އަހަރެމެން ދިވެހިންނަށް އެތަން ތަރައްގީކުރެވޭނެ ކަމާއި ތަރައްގީކުރާނެ ކަމަށް، އަޑަށް ބާރުލައްވާފައި ވިދާޅުވި އެވެ. އޭނާގެ އެ އަޑާއި ވާހަކަ ދެއްކެވި ޖޯޝްގެ އަސަރުތައް އަޅުގަނޑުގެ ހަށިގަނޑު ތެރޭގައި ވެސް ފެތުރުނެވެ. ރާއްޖޭގައި ބޭރު ބަޔަކު ވިޔަފާރިކުރަން އޭނާ ދެކޮޅުހެއްދެވީކީ ނޫނެވެ. އޭރު ވެސް އަދި މިހާރު ވެސް ދުނިޔޭގެ ބޮޑެތި އެތައް ކުންފުންޏަކުން ރާއްޖޭގައި ވިޔަފާރިކުރެ އެވެ. އޭނާގެ ދާއިރާ ޓޫރިޒަމްގެ މައިގަނޑު ކޮންޓްރޯލް ވެސް މިހާރު އޮތީ ބޭރު ކުންފުނިތަކުގެ އަތްމަތީގަ އެވެ. 

އެކަމަކު ވީއައިއޭއަކީ، އެމްޔޫ މަނިކުގެ ނަޒަރުގައި، ބޭރުގެ ކުންފުންޏަކަށް ދޫކޮށްލަން އެކަށީގެންވާ ކަހަލަ ގައުމީ މުދަލެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައި އޮތް ތަނެއް ކަމަށް، އޭނާ ގަބޫލުކުރެއްވި އެވެ.

މިހާރު ވީއައިއޭގެ ބޮޑު ތަރައްގީގައި ހިމެނޭ ހުރިހާ މަޝްރޫއުތަކެއް ހިންގީ އެމްޔޫ މަނިކުގެ ޗެއާމަންކަމުގަ އެވެ.

ޓޫރިޒަމްގެ އެއް ބާނީ މިއަދު، އުމުރުފުޅުން 78 އަހަރުގައި، އަވަހާރަވި އިރު، ރާއްޖޭގެ ޓޫރިޒަމް، އެންމެ 30 ކޮޓަރީ (60 އެނދު)ގެ ކުރުނބާ ވިލެޖުން، 172 ރިސޯޓް، 793 ގެސްޓްހައުސް، 15 ހޮޓެލް އަދި 145 ސަފާރީގައި 61،000އަށް ވުރެ ގިނަ އެނދު އެބަ ހުއްޓެވެ. އެއް ވިޔަފާރިވެރިއެއްގެ ހަޔާތްޕުޅުގައި މިއީ އޭނާ އިސްނެންގެވި ދާއިރާއަކުން ފެންނަ ބިޔަ ތަރައްގީއެކެވެ.

މަސްވެރި، ފަގީރު ގައުމަކުން މެދު ފަންތީގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނީ މީގެ 53 އަހަރު ކުރިން ރާއްޖޭގެ ގޮނޑުދޮށްތައް ހުޅުވާލުމުންނެވެ. އެހެންކަމުން ރާއްޖޭގެ ތާރީހުން އެމްޔޫ މަނިކުގެ ނަން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ އެވެ.

Social Media Share Buttons

އިތުރު އާޓިކަލް

އިތުރު އާޓިކަލް