ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން މަޓީން ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު އުމަރު (އެމްޔޫ) މަނިކު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މުހައްމަދު އުމަރު މަނިކުގެ ފަހުގެ އުންމީދަކަށް ވީ މިސްކިތެއް: މިނިސްޓަރު ޝަހީމް

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރިން މިސްކިތެއް ބިނާކުރައްވަން ސިޓީއެއް ފޮނުއްވި. ބިން ވެސް ވާނީ ހަމަޖައްސާފައި

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ފަހުގެ އުންމީދަކީ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އުމުރުން 78 އަހަރުގައި މުހައްމަދު އުމަރު މަނިކު އަވަހާރަވީ ހާލުދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުން، މިއަދު ރާއްޖެއަށް ފަތިހުގެ ވަގުތެއްގަ އެވެ.

މުހައްމަދު އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ޝަހީމް ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި އެވެ.

ބުނީ ކީކޭ؟ - ޝަހީމް ވިދާޅުވީ މުހައްމަދު އުމަރު މަނިކަކީ ދީނީ، އިޖުތިމާއީ، އަދި ތައުލީމީ ކަންކަމުގެ އިތުރުން މީހުން ބިނާކުރަން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން މިސްކިތްތައް ބިނާކުރަން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މުހައްމަދު އުމަރު މަނިކު ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށެވެ.

"އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން. ސިޓީއެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަޖައްސަވައި ދެއްވުމަށް އެދިލައްވާފައިވޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭން އެކަމަށް ބިން ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ތަފްސީލް - ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް މުހައްމަދު އުމަރު މަނިކު އަދާކުރެއްވި އެވެ.

ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ މުހައްމަދު އުމަރު މަނިކުގެ ހިދުމަތް އެންމެ ފަހުން ލިބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކަށެވެ. އެގޮތުން:

  • މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވި

  • އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވި

  • 2013 އިން ފެށިގެން މިދިޔަ ޖެނުއަރީ މަސް ނިމެންދެން އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި

މުހައްމަދު އުމަރު މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ގައި ޝަރަފުވެރި ކަމުގެ އިނާމު ހާސިލްކުރައްވައިފަ އެވެ. 

ކޮމެންޓް (1)

ބޮޑު އެއްމިސްކިތަށް ވަކާލާތުކުރާ މީހެއް

31 އޯގަސްޓު 2025
ދިވެހި ވިޔަފާރިވެރިން ކީއްވެތަ އަބަދު މިސްކިތް އަޅަން މިއުޅެނީ. މިރާއްޖޭގައި މިހާރުވެސް މިސްކިތްތައް މާގިނަ. އަމިއްލަ މީހެއްގެ ޚަރަދުގައި މިސްކިތް އަޅައިފއްޔާ އިމާމު މީހާގެ މުސާރާއާއި ފެނާއި ކަރަންޓުގެ ކަރަދު މަހުން މަހަށް ދައުލަތަށް ދައްކާގޮތަށް ނޫނީ ހުއްދަދީގެން ނުވާނެ. ދައުލަތުން މިޚަރަދުތަކާ ޙަވާލުވާންޖެހޭ އެއްވެސް ސަބަބެއް ނެތް. ކޮންމެ ދެފިޔަވަޅަކުން މިސްކިތެއް އެއީ ދީނުގަ އޮންނަ ގޮތެއް ނޫން. ގިނަ މިސްކިތުން މީހުން ބައިބައިކުރުން ހުއްޓާލާ. އެންމެން އެއްތަނަކަށް ޖަމާކުރަންވީ. އެއީ ދީނުގަ އޮންނަ ގޮތް. މިރާއްޖޭގައި އަމިއްލ މީހެއްގެ މިސްކިތް ފިޔަވައި ދެމެހެއްޓެނިވި ޞަދަގާތެއް ކޮބާ؟ ކޮބާ ޔަތީމު ޚާނާއެއް. ކޮބާ މަދަރުސާއެއް. މިކަހަލަ އެތައް ކަމެއް
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް