މުހައްމަދު އުމަރު މަނިކު: އޭނާ އަކީ ޓޫރިޒަމްގެ އެއް ބާނީ
ޓޫރިޒަމްގެ އެއްބާނީ މުހައްމަދު އުމަރު މަނިކު އަވަހާރަވެއްޖެ
މީގެ 53 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ސިންގަޕޫރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމުރުން 78 އަހަރުގައި އޭނާ އަވަހާރަވެފައި ވަނީ ހާލުދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުންނެވެ.
ތަފްސީލް - މަޝްހޫރު ނަމުން ނަމަ އެމްޔޫ މަނިކު އަވަހާރަވެފައިވާކަން މަޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ އަވަހާރަވީ ރާއްޖެއަށް ފަތިހުގެ ވަގުތެއްގަ އެވެ.
އެމްޔޫ މަނިކު ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް އެކި ފަރާތްތަކުން ގެންދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އޭނާގެ ޖަނާޒާގެ ތަފްސީލްތަކެއް އަދި ނޭނގެ އެވެ.
ތަފްސީލް - ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް މުހައްމަދު އުމަރު މަނިކު އަދާކުރެއްވި އެވެ.
ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ މުހައްމަދު އުމަރު މަނިކުގެ ހިދުމަތް އެންމެ ފަހުން ލިބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކަށެވެ. އެގޮތުން:
-
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވި
-
އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރެއްވި
-
2013 އިން ފެށިގެން މިދިޔަ ޖެނުއަރީ މަސް ނިމެންދެން އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި
މުހައްމަދު އުމަރު މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ގައި ޝަރަފުވެރި ކަމުގެ އިނާމު ހާސިލްކުރައްވައިފަ އެވެ.