ބ. ކުޑަރިކިލު މަގެއްގެ މަތި: އިއްޔެ ރޭ ކަނޑުވެ މަރުވީ އެ ރަށުގެ މީހެއް.
ކަނޑުވެ މަރުވީ އުމްރާގެ އުފަލުގައި ސަލާމް ކުރަން ރަށަށް ދަނިކޮށް
މިދިޔަ އަންގާރަ ދުވަހުގެ ރޭ 9 ޖެހި އިރު، މާލެއިން ރަށަށް ދާ ދޯންޏަކަށް އަހުމަދު ޝިހާމް އެރީ ހަޔާތުގައި ކުރާ ފުރަތަމަ އުމްރާ ދަތުރަށް ފުރުމުގެ ކުރިން އާއިލާގެ މީހުންނާ ބައްދަލުކޮށްލައި ސަލާމްކޮށްލުމެވެ. އުމުރުން 74 އަހަރުގެ ޝިހާމް ރާވާފައި އޮތީ ރަށުގައި ތިބި ދަރިންނާ ބައްދަލުކޮށްލައި ގާތް މީހުންނާއި އެކުވެރިންނަށް ޖާފަތެއް ދިނުމެވެ.
އެކަމަކު ތަގުދީރުގައި ލިޔެވިފައި އޮތީ އެހެން ގޮތެކެވެ. ކާފަދަރިފުޅާއި ފިރިހެން ދެ ދަނބިދަރިންނާއި އިތުރު މީހަކާ އެކު ކުރި އެ ދަތުރުގެ ވަކި ހިސާބަކުން، އެ ސަޕްލައި ދޯނި ގިރިއަކަށް އަރައި ބަންޑުން ޖަހާލީ އެވެ. ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރެއިން މީހުންނަށް ދެން ފެނުނީ ޝިހާމްގެ ފުރާނަ ނެތް ހަށިގަނޑެވެ.
ކ. ތުލުސްދޫ ކައިރީ އޮންނަ ގިރިއަކަށް އިއްޔެ ރޭ އަރައި ބަންޑުން ޖަހާލީ ބ. އަތޮޅު ރިސޯޓަކަށް މުދާ ގެންދާ ސަޕްލައި ދޯންޏެކެވެ. އެ ދޯނީގައި އެ ވަގުތު ތިބީ އެ އަތޮޅު ކުޑަރިކިއްޔަށް ނިސްބަތްވާ އާއިލާ އެކެވެ. އެ އެންމެން ކަނޑުވެ، އުމުރުން ދުވަސްވެފައިވާ ޝިހާމް އެ ހާދިސާގައި މަރުވުމާ އެކު މުޅި ރަށަށް ވެސް ލިބިފައިވަނީ ބޮޑު ހިތާމައެކެވެ.
"އެއީ ރަށުގެ ވަރަށް ބޮޑު ހިދުމަތްތެރިއެއް. މި ވަގުތު މާލޭގައި ދިރިއުޅުނަސް، ވަރަށް ގިނައިން ރަށަށް އައިސްގޮސް އުޅޭނެ،" ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް ވިދާޅުވި އެވެ.
"މި ފަހަރު އޭނާ އެ އަންނަން އުޅުނީ އާއިލާއާ އެކުވެރިންނާ ސަލާމްކޮށްލައި ޖާފަތެއް ދިނުމަށް."
އެތަކެއް ދުވަހެއްގެ އުއްމީދަށް ފަހު އުމްރާއަށް ދެވޭތީ ޝިހާމް ހުރީ އުފަލުންނެވެ. އަންނަ މަހު މައްކާއަށް ދިޔުމަށް ފައިސާ ދައްކައި ހުރިހާ ތައްޔާރީއެއް ހުރީ ވެފަ އެވެ. އޭނާ ބޭނުންވީ ރަށުގައި ތިބި ގާތް މީހުން ވެސް އެ އުފަލުގައި ބައިވެރި ކުރާށެވެ. އެކަމަކު އަނެއް ދުވަހު އާއިލާއަށް ދެކިލަން ލިބުނީ ޝިހާމްގެ ފުރާނަ ނެތް ހަށިގަނޑެވެ.
ހަންނާން ވިދާޅުވި ގޮތުގައި، އިއްޔެ މެންދުރު ނަމާދަށް ފަހު މާލޭގައި ޝިހާމްގެ ޖާނާޒާ ބޭއްވި އިރު، ރަށަށް ވެސް ވެރިވެފައިވަނީ އާދަޔާހިލާފު މަޑުމޮޅިކަމެކެވެ. ރަށުގެ އިޖްތިމާއީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުނު ޝިހާމްގެ މި ކުއްލި ވަކިވުމުން އެންމެންނަށް ވެސް ލިބުނީ ސިހުމެކެވެ. މަގުމަތީގެ އެކި ތަންތަނުގައި މީހުން މަޑުކޮށްލައިގެން ތިބެ، ހިތާމައާ އެކު ވާހަކަ ދައްކަމުން ދިޔަ އެވެ. އެއްވެސް މީހަކަށް އެ މަރު ގަބޫލު ކުރާކަށް ފަސޭހައެއް ނުވި އެވެ.
އިއްޔެ ރޭ މޫސުން ގޯހެއް ނޫނެވެ. އެކަމަކު އޭގެ ކުރީ ދުވަހު އެ ދޯންޏަށް ހިލަ ބަރުކޮށްފައި އޮތުމާ އެކު، ގިރިއަކަށް އެރުމުން ދޯނި ފަސޭހައިން އަރި އަޅާލައި ބަންޑުން ޖަހާލީ ކަމަށް ހަންނާން ވިދާޅުވި އެވެ.
ދޯނި ދުއްވަން ހުރީ ޝިހާމްގެ ދަނބިދަރިއެކެވެ. ދެން ވެސް ތިބީ ދަރިންނެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި ބައްޕަ ގެއްލި ދިޔުމުން، އާއިލާއަށް ވެސް ލިބިފައިވަނީ ފުން ހިތާމައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
މީހާ