މާރާމާޜީގައި ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު

އުދައްޔުގެ މަރު

އުދައްޔު މަރާލި ކަމަށް ޝަމީމް އާއި މާޒިންގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ

މި މައްސަލައިގައި މީގެ ތިން އަހަރު ކުރިން ވަނީ، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ވެސް ކުށް ސާބިތުވި ކަމަށް ހުކުމްކޮށްފައި

މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި، ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ވެއްޖެ އެވެ.

ވީ ކިހިނެއް؟- މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި، އުދައްޔު މަރާލި ކަމަށް ކުށް ސާބިތުވެފައިވަނީ:

  • އަހުމަދު ޝަމީމް، ރިހިފަރުދާގެ/ގއ. މާމެންދޫ

  • މުހައްމަދު މާޒިން، ގުލްފާމްގެ/ގއ. މާމެންދޫ

އެނގުން މުހިއްމު- މި މައްސަލައިގައި ދެން ހިމެނެނީ އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ. އެކަމަކު އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް އޭރު ވަނީ، 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިޔަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.

ދައުވާތަކާ މެދު ގޮތެއް ނިންމަވަމުން، ގާޒީ ފާހަގަކުރެއްވި ގޮތުގައި 17 އަހަރުގެ އުދައްޔު މަރުވި ހަމަލާދީފައި ވަނީ އެ ޒުވާނާ އެވެ. އޭނާއާ އެކު އެއް ޖަމާއަތެއްގެ ގޮތަށް، އެކަކު އަނެކަކަށް ވާގިދީ، އެހީތެރިކަން ދޭ އުސޫލުން މާޒިން އާއި ޝަމީމް އެކުގައި ބައިވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި:

  • މި ތިން މީހުން، 'ކޭވަނެބެއްޔާ' މަގާއި 'ކަތިއްބެއްޔާ' މަގާ ގުޅުނު ހަތަރު އަނގޮޅީގައި އެކުގައި މާރާމާރީ ހިންގަން އުޅުނު

  • ވަޅި އާއި ތޫނު އެއްޗެއް ހިފައިގެން އެ ތިން މީހުން ވެސް އުދައްޔުއާ މާރާމާރީ ހިންގި

  • އެހެންވެ، ގަސްތުގައި މީހަކު މަރާލުމުގައި އެ ތިން މީހުން ވެސް ބައިވެރިވެފައިވާ ކަމަށް ސާބިތުވޭ

އުދައްޔު މަރާލުމުގެ ދައުވާ، އިތުރު ޒުވާނެއް ކަމުގައިވާ ޝަރަފް ރަޝީދުގެ މައްޗަށް ވެސް އުފުލި އެވެ. އެކަމަކު އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި:

  • 1-

    'ކޭވަނެބެއްޔާ' މަގާއި 'ކަތިއްބެއްޔާ' މަގާ ގުޅުނު ހަތަރު އަނގޮޅީގައި މާރާމާރީ ހިންގި އިރު އެތަނުގައި ޝަރަފް ހުރި. އެކަމަކު އޭނާ އަތުގައި ހުރީ، އޭނާ އިން ސައިކަލުގައި އުދައްޔުގެ ބޭބެ ފައިން ޖަހާ ވައްޓާލުމުން

  • 2-

    އުދައްޔުއާ މާރާމާރީ ހިންގަމުން ދިޔައިރު، އޭނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަންކަން ހެކިތަކުން އެނގެން އޮތް 

  • 3-

    އެހެންވެ، އޭނާއަށް އެތަނުގައި ހުރެވުނީ، އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާއަކުން ކަމާއި މާރާމާރީ ހިންގުމުގައި ބައިވެރިވެފައި ނުވާ ކަމަށް  

އުދައްޔުގެ މަރުގެ ދައުވާގައި ދެން އޮންނާނީ، ކްރިމިނަލް ކޯޓުން ބުނިގޮތުގައި، ވާރިސުންގެ ހެކިބަސް ނެގުމާއި އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް އަންނަ އަހަރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް