އެމްކިއުއޭގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު (ވ). (ފޮޓޯ/އެމްކިއުއޭ)
ފޭކު ސަނަދާ އެކު މުހިއްމު ދާއިރާތަކުގައި މީހުން ވަޒީފާގައި އުޅޭ: އެމްކިއުއޭ
ސައްހަ ނޫން ތައުލީމީ ސަނަދުތައް ބޭނުންކޮށްގެން، މުހިއްމު ދާއިރާތަކުން ވަޒީފާ ހޯދައިގެން މީހުން އުޅޭ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުސް އޮފީހުން އިއްޔެ ވަނީ ބުނެފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އާއްމުކުރި އެ ބަޔާނާ ގުޅިގެން ފޭސްބުކްގައި ލިޔުއްވަމުން ފިޒާނާ ވިދާޅުވީ އެންމެ ހިތާމަކުރައްވަނީ، އެފަދަ ސަނަދުތަކާ އެކު މުހިއްމު ދާއިރާތަކުގައި މީހުން ވަޒީފާ އަދާކުރާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ސަނަދެއް މިދިޔަ ހަފުތާގައި ވެސް އެމްކިއުއޭއަށް ވަނީ ލިބިފަ އެވެ.
ތަފްސީލް - މިފަދަ ފޭކު ސަނަދުތަކަށް މަގު ހުޅުވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފިޒާނާ ފާހަގަކުރެއްވީ، 2017ގައި އެމްކިއުއޭއިން، ރާއްޖޭގައި ހިންގާ ކޯސްތަކުގެ ސަނަދުގައި ވެލިޑޭޝަން ސްޓޭމްޕް ޖެހުން ހުއްޓާލުމާ ގުޅިގެންނެވެ. އެއާ އެކު އެ އިދާރާ އާއި ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރުމަށް ފަހު 'ވަރަށް ނުރަނގަޅު' އުސޫލެއް ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްކިއުއޭއިން މިދިޔަ އަހަރު ވަނީ އެ އުސޫލު ހުއްޓުވައިފަ އެވެ. އަދި އެއްވެސް މިނިސްޓްރީއަކުން ވަޒީފާ ދޭން އެމްކިއުއޭގެ ވެލިޑޭޝަން ސްޓޭމްޕް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އިއުލާނުކޮށްފައިވާނެ ކަމަށް ފިޒާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
އެމްކިއުއޭއިން މިހާރު ވެސް ދަނީ 2017 ވަނަ އަހަރު ކޮށްފައި ހުރި ޕްރޮގްރާމް އޮޑިޓް އަލުން ޗެކްކުރަމުން
-
އަލުން ޗެކް ކުރާއިރު، ފޯޖުކޮށްފައިވާ ސަނަދެއްގެ މައްޗަށް ކިޔަވާފައި ހުރި ނަމަ އެ ސަނަދެއް ބާތިލް ކުރުމަށް ފުލުހުންނަށް ހުށަހަޅާނެ
-
މި ގޮތަށް ފެނުނު ސަނަދުތަކެއް، މި އަހަރު ވެސް ވަނީ ފުލުހަށް ހުށަހަޅާފައި
"ހަގީގަތުގައި ވެސް މިހާރު ވަޒީފާގައި ތިބި މީހުންގެ ސަނަދުތައް އަލުން ވެރިފައި ކުރާވަރުވެއްޖެ،" ފިޒާނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުން ނުވަތަ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އެގޮތުން، ލިޔުމަށް ބަދަލު ގެނައުމާއި އެ ހަދާ ލިޔުން ނަކަލުކުރުމާއި އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި ޝަހުސު އޮޅުވާލުމަކީ ޖިނާއީ ކުށެކެވެ.
"މި ފަދަ ކަންކަމާ މެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދެމެވެ،" އިއްޔެ ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ކޮމެންޓް (2)
ށިސޭ
ތެފައާސާ.