ޒަހިއްޔާ. ބުޅި ހެދުމުގެ މަސައްކަތުގައި އޭނާ ވަނީ އެތައް އަހަރެއް ވޭތުކޮށްފައި (ދައުރު ފޮޓޯ)

ގައުމީ އިނާމު

ބުޅި ހަދައިގެން ޒަހިއްޔާ ގައުމީ އިނާމު ހޯދައިފި

ޒަހިއްޔާ ބުޅި ހަދައިގެން އާމްދަނީ ހޯދާތާ މިހާރު 32 އަހަރު ވެއްޖެ. އެކަމަކު މިއީ އޭނާގެ މަސައްކަތް ސަރުކާރުން ފާހަގަ ކުރި ފުރަތަމަ ފަހަރު

މަސްވެރިކަމުގައި ބޭނުން ކުރާ ބުޅި ހެދުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ، އއ. އުކުޅަސް، ޒަހިއްޔާ މުހައްމަދަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިއްޖެ އެވެ.

ވީ ކިހިނެއް؟- އުކުޅަހު އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަގާމު ވެސް ފުރަމުން އަންނަ ޒަހިއްޔާ ހޯދީ، އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށް ނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން ގައުމީ އިނާމެވެ.

މިއަދު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، އެ އިނާމު އޭނާއަށް ދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޒަހިއްޔާ ބުޅި ހަދަނީ

ޒަހިއްޔާއަކީ ކާކު؟

އުމުރުން 13 އަހަރުގައި ޒަހިއްޔާ، ބުޅި ހެދުމުގެ މަސައްކަތް ދަސްކުރީ ފިޝަރީޒް މިނިސްޓްރީން އުކުޅަހު ސްކޫލުގައި ހިންގި ބުޅި ހަދަން ދަސްކޮށްދޭ ކޯހަކުންނެވެ. އެއީ މީގެ 31 އަހަރު ކުރިންނެވެ.

މިދިޔަ އަހަރު 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި ޒަހިއްޔާ ބުނިގޮތުގައި އެ ކޯހުގައި އެ މީހުން ދަސްކުރީ ގިރުނބާއަށް ލައި ހޫނުކޮށްގެން، ވަރުގަދައަށް ތަޅައިގެން 'އަނގަމަތި ބުޅި' ހަދާށެވެ. ދެން ދަސްކުރީ 'ހަވާއީ ބުޅި' އެވެ. ކުޑަކުޑަ ދެ އަތުން، ނަރުކެނޑީގައި ހިފަހައްޓައި، ދަގަނޑުކޮޅު ބުޅިއެއްގެ ބައްޓަމަށް ލަންބަން އުނދަގޫވި ނަމަވެސް، އެ މަސައްކަތް ޒަހިއްޔާ ދުލެއް ނުކުރި އެވެ. އޭނާއަކީ އެ ކޯހުން ކިޔަވައިގެން، މަސައްކަތުގައި މިހާތަނަށް ދެމިހުރި ހަމައެކަނި މީހާ އެވެ.

"މިއީ އަޅުގަނޑުގެ އުމުރުން 13 އަހަރުގައި ދަސްކުރި މަސައްކަތެއް. މިހާރު މާމަ ވެސް ކިޔައިފި. އެކަމަކު ހަމަ މިކަމުގައި ދެމި މި ހުރީ،" ހަތަރު ކުދިންގެ މަންމަ، ޒަހިއްޔާ ބުންޏެވެ.

"ދިރިއުޅުން ބިނާކޮށް، މި މަސައްކަތުން ލިބުނު އާމްދަނީއިން ކިތަންމެ ކަމެއް ކޮށްފިން."

ޒަހިއްޔާ އޭނާގެ ގޭގައި ބުޅި ހަދަނީ

ޒަހިއްޔާގެ ބުޅި އުކުޅަހާއި އަރިއަތޮޅުގައި މަޝްހޫރެވެ. ކޮންމެ މަހަކުހެން އެތައް ހާސް ބުޅިއެއް އޭނާ ވިއްކަން މާލެ ފޮނުވަ އެވެ. ފިރިމީހާ ކަނޑަށް ނުކުމެ، މަސްވެރިކަން ކުރާއިރު ޒަހިއްޔާ އިންނަނީ މޭޒު ދޮށުގައި ބުޅި ހަދާށެވެ. އެކަނިމާއެކަނި، މުޅި ދުވަސް އޭނާ އެ މަސައްކަތުގައި ހޭދަކުރެ އެވެ.

ޒަހިއްޔާ ފުުރަތަމަ ބުޅި ހަދަން ފެށީ، ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ނަމަވެސް، ފަހުން އޭނާ ވަނީ ޑިމާންޑާ އެއްގޮތަށް އެކި ބާވަތުގެ މަސްވެރިކަމަށް ހާއްސަކޮށްގެން ބުޅި ހަދަން ފަށާފަ އެވެ.

އެގޮތުން މުށިމަހާއި ރިތްމަހާއި ފަޅުތެރޭގައި އުޅޭ އެފަދަ އެހެން މަސް ބޭނޭ ފަދަ ގޮތަކަށް އޭނާ ބުޅި ފައްކާކުރި އެވެ. ފަޅުތެރޭގެ ފުން ހިސާބުތަކުގައި، ފަސޭހައިން އަޑިއަށް ދާގޮތަށް ތިމަރަ އަޅައިގެންނެވެ. ފަހުން ބުޅީގައި ފިޔަލައި އަނެއްކާ ވެސް އާ ޑިޒައިނެއް ތައާރަފް ކުރި އެވެ.

އޭނާ އެކަން ކުރަނީ ފިރިމީހާގެ އިރުޝާދާ އެކު އަމިއްލަ ހިޔާލަށެވެ. ބުޅީގައި މަސް ގަންނަ ގޮތާއި މަސްވެރިކަން ހުރިނެތް ގޮތް ކިޔައިދެނީ ފިރިމީހާ އެވެ. އެ ވާހަކަތަކަށް ބިނާކޮށް، ބުޅި ހަދަނީ އަމިއްލަ ވިސްނުމަށެވެ. މުޅިން އާ ގޮތަކަށް، ބާޒާރުން ބުޅި ގަނެ، ބަދަލުތައް ގެނަ އެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ޒަހިއްޔާގެ ބުޅީގެ ވިޔަފާރި އެތައް ގޮތަކުން ކުރިއަރައި ދިޔަ އެވެ.

އޭނާގެ އަތުން ބުޅި ގަންނަ އުކުޅަހު މީހުން ބަނދަރުމަތީގައި މަސް ބާނާތަން ބަލަން އޭނާ ދެ އެވެ. މަސް ބާނާ ގޮތާއި އޭނާގެ ބުޅިން އެކަން ކުރެވޭތޯ ބަލައި ދެން ގެންނަން ޖެހޭ އާޖުފާޖުތައް ދެނެގަތުމަށްޓަކަ އެވެ. އެ ތަޖުރިބާއަށް ބަލައި އަނެއްކާވެސް އާ ގޮތަކަށް އޭނާ ބުޅި ތައްޔާރު ކުރެ އެވެ.

ޒަހިއްޔާ ބުނިގޮތުގައި މަސްވެރިކަން ހުންނަ ގޮތުން ބުޅީގެ އޯޑަރެއް ނުލިބި ވެސް ދެ އެވެ. ބައެއް މަސްމަހު، މަސް ދަހި އިރެއްގައި ހަފްތާއަކު 3،000 ބުޅި ވެސް ހަދަން ޖެހިދާނެ އެވެ. އެގޮތަށް ބައެއް މަސްމަހު، ތިން ހަތަރު އޯޑަރު ލިބެ އެވެ. އެފަދަ ދުވަސްތަކުގައި ފަތިހު ބުޅި ހަދަން އިށީންނަ މީހާ މޭޒު ދޮށުން ތެދުވަނީ ނަމާދުކުރާށާއި ކާން އެކަންޏެވެ. އެގޮތަށް ރޭގަނޑު ވަންދެން ވެސް އޭނާ މަސައްކަތް ކުރަން ޖެހޭ ދުވަސްތައް އާދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް