އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހައްޔަރުކުރި ތިން މީހުން.

މާޅޮހުގެ މަރު

އަބްދުއްރަހްމާން މަރާލުން: 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މުހައްމަދު ވިސާމް އަދި އަހުމަދު ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވޭ؛ އަހުމަދު އާޝިދު ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށް
22 އޯގަސްޓު 2025

އއ. މާޅޮހުގައި މިދިޔަ މަހުގެ ކުރީކޮޅު އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމްގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ޝަރީއަތް ނިމެންދެން އަދި ތިންވަނަ މީހާ ފަސް ދުވަހަށް ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 13ގައި އަބްދުއްރަހްމާން މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.

މި މައްސަލައިގައި ދިގު ތަހުގީގެއް ހިންގުމަށް ފަހު ފުލުހުން މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރީ މާޅޮހަށް ނިސްބަތްވާ:

  • އަހުމަދު ފާރިސް، 27، ފިނިވާގެ

  • އަހުމަދު އާޝިދު، 27، ފިޔަ

  • މުހައްމަދު ވިސާމް، 22، ލިލީފެހި

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ:

  • މުހައްމަދު ވިސާމް އަދި އަހުމަދު ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވޭ

  • އަހުމަދު އާޝިދު ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށް

އެނގުން މުހިންމު - ހައްޔަރުކުރި މީހުންގެ ބައެއް ރަހުމަތްތެރިންނާއި މާޅޮހުން 'ދައުރު'އާ ވާހަކަ ދެއްކި މީހުން އިއްޔެ ބުނި ގޮތުގައި، އަބްދުއްރަހްމާނަށް ހަމަލާދިނީ އޭނާ ސިހުރު ހަދާ ތަން އެ މީހުންނަށް ފެނުނު ކަމަށް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ވީޑިއޯ ފާރިސް ފަހުން ވަނީ ސީސީޓީވީ ފުޓޭޖުންނާއި އެ ފޮނުވި މީހުންގެ އަތުން ފޮހެލައިފަ އެވެ. ފުޓޭޖް ހޯދުމަށް ފުލުހުން މަސައްކަތް ކުރިކަން ވެސް 'ދައުރު'އަށް އެނގިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް