އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހައްޔަރުކުރި ތިން މީހުން (ފޮޓޯ/އެމްވީ ކްރައިސިސް)
މާޅޮހު މަރު: ގާތިލުންނަށް ފެނުނީ އަބްދުއްރަހްމާން 'ސިހުރު ހަދާތަން'
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް އެ ރަށު އަބްދުއްރަހްމާން އާދަމް، 65، މަރާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީ ފަހުން ރޭ އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ގޮސް ގުޅެނީ ސިހުރާ ގުޅޭ ތުހުމަތުތަކާ އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު 13ގައި އަބްދުއްރަހްމާން މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.
މި މައްސަލައިގައި ދިގު ތަހުގީގެއް ހިންގުމަށް ފަހު ރޭ ފުލުހުން ހައްޔަރުކުރީ:
-
އަހުމަދު ފާރިސް، ފިނިވާގެ، 28 އަހަރު
-
އަހުމަދު އާޝިދު، ފިޔަ، 28 އަހަރު
-
މުހައްމަދު ވިސާމް، ލިލީފެހި، 23 އަހަރު
މިއީ މާޅޮހުގެ ތިން ޒުވާނުންނެވެ. އެ މީހުންގެ ބައެއް ރަހުމަތްތެރިންނާއި މާޅޮހުން 'ދައުރު'އާ ވާހަކަ ދެއްކި މީހުން ބުނިގޮތުގައި އަބްދުއްރަހްމާނަށް ހަމަލާދިނީ، އޭނާ ސިހުރު ހަދާތަން އެ މީހުންނަށް ފެނުނު ކަމަށް ބުނެ އެވެ.
"ފާރިސް ހިންގާ ފިހާރައެއްގެ ސީސީޓީވީ ކެމެރާއަށް އަރާފައި ހުރީ، އެތާ ކައިރީގައި ހުންނަ އާޝިދު މަންމަގެ ގެއަށް އަބްދުއްރަހްމާން އެއްޗެއް ކިޔަވާފައި އެއްލި ތަން،" މާޅޮހު ޒުވާނަކު ބުންޏެވެ.
"އޭރު އާޝިދު ވީ ފީނަން ގޮސް. އެ ވާހަކަ ބުނަން އޭނާ ވަރަށް އާޝިދަށް ގުޅިކަމަށް ވެސް ވޭ. ސިހުރު ހަދާތަން ފެންނަ އެ ވީޑިއޯ އޭނާގެ ގާތް މީހުންނަށް ފޮނުވަން ވެސް ފޮނުވި."
އެނގިފައިވާ ގޮތުގައި އެ ވީޑިއޯ ފާރިސް ފަހުން ވަނީ ސީސީޓީވީ ފުޓޭޖުންނާއި އެ ފޮނުވި މީހުންގެ އަތުން ފޮހެލައިފަ އެވެ. ފުޓޭޖް ހޯދުމަށް ފުލުހުން މަސައްކަތް ކުރިކަން ވެސް 'ދައުރު'އަށް އެނގިފައިވެ އެވެ.
ފާރިސް ވަޒީފާ އަދާކުރަނީ މާޅޮހުގައި ސްޓެލްކޯއިން ހިންގާ އިންޖީނުގޭގަ އެވެ.
އެރޭ ދަންވަރު، ފާރިސް ޑިއުޓީގައި ހުރެފައި، މާލޭގައި ހުންނަ އަބްދުއްރަހްމާންގެ ދަރިފުޅަށް ފޯނުން ގުޅި އެވެ. އެއީ ހާދިސާ ހިނގުމުގެ ކުރިންނެވެ. އެކަމަކު ދަރިފުޅު ފޯނަކަށް ޖަވާބެއް ނުދެ އެވެ.
"ފަހުން އޭނާ (އަބްދުއްރަހްމާންގެ ދަރިފުޅު) ބައްޕަގެ މަރުގެ ހަބަރު ލިބުމުން ފާރިސްއަށް ގުޅި. އޭނާ ބުނީ ގެ ކައިރިއަށް މީހުން އެއްވެ އުޅޭތީ ގުޅީ ކަމަށް. އެކަމަކު އޭނާ ގުޅާފައި އޮތީ އަބްދުއްރަހްމާން މަރުވިކަން މީހުންނަށް އެނގުމުގެ މާ ކުރިން. އަދި އެއީ މީގެ ކުރިން ދުވަހަކު ވެސް ވާހަކަ ދެއްކި ދެ މީހުންނެއް ވެސް ނޫން،" ފާރިސް ދަންނަ، މާޅޮހު ޒުވާނަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި އަބްދުއްރަހްމާން މަރުވެފައި އޮތްކަން އެނގުނީއްސުރެ، ތުހުމަތުގެ އިނގިލި އެންމެ ކުރިއްސުރެ ފާރިސަށާއި އާޝިދަށް ދިއްކުރެވެ އެވެ. އެކަމަކު އެއީ ކުށުގެ މާހައުލާ ދުރުގައި އުޅޭ، ވަޒީފާ ވެސް އަދާކުރާ މީހެއް ކަމުން އެކަކަށް ވެސް ޔަގީންކޮށް ބުނަން ނޭނގުނީ ކަމަށް ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ ފާރިސާއި އާޝިދުގެ އިތުރުން ވިޝާމަކީ ގާތް އެކުވެރިންނެވެ. ވިޝާމަކީ ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި އެ ރަށުގައި ހުންނަ މީހެކެވެ. މަސައްކަތް ކުރަނީ ސްޕޯޓްސް ކައުންސިލަރެއްގެ ގޮތުގައި ރަށުގެ ކައުންސިލްގަ އެވެ.
އާޝިދު އާއްމުކޮށް ދިރިއުޅެނީ މާލޭގަ އެވެ. އޭނާ ހައްޔަރުކުރީ ވެސް މާލެއިންނެވެ. އަނެއް ދެ މީހުން ފުލުހުން ރޭ ހައްޔަރުކުރީ މާޅޮހުންނެވެ.
ކޮމެންޓް (6)
ރަދީފްއޮފިޝަލް
ކޮސް
އުޖާލާ މާކަނާ
ރަދީފްއޮފިޝަލް
ހުސެން ސައިދު
ލިލިއަން