ސަލްޓަން ޕާކް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޕާކު

ސަލްޓަން ޕާކު ތަރައްގީ ކުރަން 3 މަހަށް ބަންދުކޮށްފި

ސަލްޓަން ޕާކަކީ ބޮޑެތި ގިނަ ގަސްތަކެއް ހުންނަ ތަނަކަށް ވުމުން، އަލުން އެތަން ހަދާނީ އެއް ގަހުން އަނެއް ގަހަށް ވެސް ދެވޭ ގޮތަށް، މަތީގައި ބައިތަކެއް ހިމަނައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން މިއަދުން ފެށިގެން އެ ޕާކު 3 މަހަށް ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ އެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ތަފްސީލް - ސަލްޓަން ޕާކުގައި އިތުރު ވަސީލަތްތަކާ އެކު ތަރައްގީކޮށް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ނަމަވެސް އެ ތަން އެކަށީގެންވާ ގޮތަށް ނުބެލެހެއްޓި އޮތީ ވީރާނާވާން ފަށައިފަ އެވެ.

ޕާކު އަލުން ތަރައްގީ ކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ އެ މަނިކުފާނުގެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގަ އެވެ.

މިދިޔަ އޭޕްރީލް މަހު ގެނެސްދިން އެޕިސޯޑުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ މާލޭގެ ސަލްޓަން ޕާކު ވަރަށް ޝައުގުވެރިކުރުވަނިވި ގޮތަކަށް އަލުން ތަރައްގީ ކުރުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަލްޓަން ޕާކަކީ ބޮޑެތި ގިނަ ގަސްތަކެއް ހުންނަ ތަނަކަށް ވުމުން، އަލުން އެ ތަން ހަދާނީ އެއް ގަހުން އަނެއް ގަހަށް ވެސް ދެވޭ ގޮތަށް، މަތީގައި ބައިތަކެއް ހިމަނައިގެން ކަމަށެވެ. ރައީސް އެ މާނަކުރެއްވީ ކޮންމެވެސް ކަހަލަ ބްރިޖަކުން އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ކަމަށް ބެލެވެ އެވެ.

"މިއީ ހަމައެކަނި ކުޑަކުދިންނަކަށް ނޫން. ބޮޑެތި މީހުންނާއި ޒުވާނުންނަށް ވެސް އެންޖޯއީ ކުރެވޭ ގޮތަށް، އެޑްވެންޗަރަސް ތަނެއްގެ ގޮތުގައި ދެން ތަރައްގީކުރާނީ،" ރައީސް ވިދާޅުވި އެވެ.

އެ ހުރިހާ ސިފަތަކާ އެކު އެ މަނިކުފާނު ވިދާޅުވީ 'ބިންމަތީގެ އިތުރުން މަތީގައި ވެސް ކުޑަ ޕާކެއް އަންނާނެ' ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް