13 އޮގަސްޓް 2025: ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން. (ފޮޓޯ/މަޖިލިސް)

އިންޑިއާ އައުޓް ޓީޝާޓު ނުލާ ކަމަށް ބުނުމުން ހަލީލާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް

'އިންޑިއާ އައުޓް' ޓީޝާޓު ތުރުނުކުރައްވާ ކަމަށް ވިދާޅުވުމުން ހުށަހަޅާފައިވާ އެ މައްސަލައާއެކު ހަލީލު ކޮވިޑް ދުވަސްވަރު އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި ކަމަށް ބުނާ ފޮޓޯއެއް ވެސް ހުށަހަޅާފައިވޭ

'އިންޑިއާ އައުޓް' ޖަހާފައިވާ ޓީޝާޓެއް ތުރުނުކުރައްވަން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ހަލީލަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އަމާޒު ކުރެއްވި ސުވާލުތަކުގެ ތެރޭގައި 'އިންޑިއާ އައުޓް' ޖެހި ޓީޝާޓެއްގައި ތުރުކުރެއްވައިގެން ހުންނެވިންތޯ ސުވާލުކުރެއްވި އެވެ. ޖަވާބުގައި ހަލީލު ވިދާޅުވީ:

  • އެފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ނޫޅޭ ކަމަށް 

  • އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ ކަމަށް

އެކަމަކު ޕީޕީއެމް-ޕީއެންސީ އިދިކޮޅުގައި އޮތް އިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕެއިންގައި އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލު ހުންނެވި ފޮޓޯގަނޑެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ތަފްސީލް - މި އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ މައްސަލައާއެކު ހަލީލު ކޮވިޑް ދުވަސްވަރު އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި ކަމަށް ބުނާ ފޮޓޯއެއް ވެސް ހުށަހަޅާފައިވެއެވެ.

މައްސަލާގައި ބުނެފައިވަނީ:

  • އެދުވަހުގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ހަލީލު އިތުރުފުޅު ހައްދަވާފައިވާ ކަމަށް

  • އެކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާއިން ފެންނަމުންދާ ކަމަށް

މަޖިލީހަށް ހުށަހެޅި އިމްތިޒާގެ މައްސަލައާއެކު އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލު ހުންނެވި ކަމަށް ބުނެ ހުށަހަޅާފައިވާ ފޮޓޯ

އެނގުން މުހިންމު - މަޖިލީހުގެ ގަވާއިދު ބުނާގޮތުން:

  • އިމްތިޔާޒާގުޅޭ ކަމެއް ހިނގާތާ ހަތް ދުވަހުގެ ދުވަހުގެ ތެރޭގައި މަޖިލީހަށް އެފަދަ މައްސަލައެއް ހުށަހެޅިދާނެ

  • އެއީ މަޖިލީހުގެ ނުވަތަ މެމްބަރުންގެ އިމްތިޔާޒާ ގުޅޭ މައްސަލައަކަށްވާންޖެހޭނެ

  • އެއ ީޝަރުތުތައް ފުރިހަމަނުވާ މައްސަލައެއް ކަމަށް މަޖިލީހުގެ ރައީސަށް ފެނިއްޖެނަމަ އެ މައްސަލައެއް ހުށަހެޅުމަށް ދިން ނޯޓިސް އިއްވައި އެ މައްސަލައެއް މަޖިލީހަށް ހުށައަޅަން ފުރުސަތު ނުދިނުމުގެ އިހުތިޔާރު އޮންނާނެ

  • އިމްތިޔާޒުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުން ބަލައިގަންނާނީ އެ މައްސަލައަކާމެދު ބަހުސްކުރުމަށް ފެނޭތޯ ނަގާ ވޯޓަކުން

ފާހަކޮށްލެވޭ ކަމެއް - 18 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހަލީލު، މަޖިލީހުގެ އެ ދައުރަށް ފަހު މާ ބޮޑަށް ސިޔާސީ ކަންކަމުގައި ނޫޅުއްވަ އެވެ. ނަމަވެސް 'އިންޑިއާ އައުޓް' ކެމްޕެއިންގެ ތެރެއިން ޔާމީން އޭރު ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އެ ދަތުރުގެ ބައެއް ފޮޓޯތަކުން ފެންނަނީ، 'މިނިވަން ކަމުގެ ދިފާއުގައި ދިވެހިން' ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލު ހުންނެވި ތަނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް