ފޮރިން މިނިސްޓަރު ހަލީލު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެކު.
އަޅުގަނޑު 'އިންޑިއާ އައުޓް' ޓީޝާޓްލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް
ޕީޕީއެމް-ޕީއެންސީ އިދިކޮޅުގައި އޮތް އިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕެއިންގައި އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް އޭނާ ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑީއާ ނޫޅޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަލީލަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އަމާޒު ކުރެއްވި ސުވާލުތަކުގެ ތެރޭގައި 'އިންޑިއާ އައުޓް' ޖެހި ޓީޝާޓެއްގައި ހުންނެވިންތޯ ހިމެނެ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ އެފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ނޫޅޭ ކަމަށެވެ.
ބުނީ ކީކޭ؟ - "ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ ' އިންޑިއާ އައުޓް' ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓާ. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،" ނާޒިލްގެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވި އެވެ.
ހަލީލު ޕީއެސްއެމްގެ އިވެންޓެއްގައި މިފަހުން ދެއްކެވި ވާހަކަތަކެއްގައި ވިދާޅުވީ ބައެއް މީޑިއާތަކުން ގެނެސްދޭ ވާހަކަތަކުގެ ސަބަބުން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރުއަރާ ކަމަށެވެ. އެ ވާހަކަތަކާ ގުޅުވައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ، 'އިންޑިއާ އައުޓް' ކެމްޕެއިނަކީ އިދިކޮޅުގައި އޮތް އިރު ހެދި ގޯހެއް ކަމަށް ވަޒީރު ގަބޫލު ކުރައްވަންތޯ އެވެ.
އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ހަލީލު އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
"އިއްޒަތްތެރި މެންބަރަށް [ފައިސަލް]އަށް އެނގިވަޑައިގަންނަވާނެ، އިޒަތްތެރި މެންބަރު ނިސްބަތްވެވަޑައިގަންވާ ޕާޓީ [އެމްޑީޕީ]ން މީގެ ކުރިން އެބަހުރި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެކި ތަންތަނަށް ވަފުދު ހަދައިގެން ގޮސް، ބޮއިކޮޓް ކުރުމަށް މަސައްކަތްތަކެއް ކުރައްވާފައި،" ހަލީލު ވިދާޅުވި އެވެ.
އެގޮތަށް ވިލާތުގެ ބައެއް ގައުމުތަކަށް ވަޑައިގެން ވެސް ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ މަސައްކަތް އެމްޑީޕީ އިދިކޮޅުގައި އޮތް އިރު ކުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ. އަމިއްލަ މަސްލަހަތެއް ހާސިލުކުރުމަށް ކުރަން ހެޔޮވާވަރު ކަމެއް ނޫން، ދިވެހި ރައްޔިތުންނާއި ގައުމު ނިކަމެތިވާ ކަހަލަ ކަންތައްތައް ކުރެއްވުމަކީ،" 'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅޭ ސީދާ ސުވާލަށް ޖަވާބު ނުދެއްވައި ހަލީލު ވިދާޅުވި އެވެ.
ފާހަކޮށްލެވޭ ކަމެއް - 18 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހަލީލު، މަޖިލީހުގެ އެ ދައުރަށް ފަހު މާ ބޮޑަށް ސިޔާސީ ކަންކަމުގައި ނޫޅުއްވަ އެވެ. ނަމަވެސް 'އިންޑިއާ އައުޓް' ކެމްޕެއިންގެ ތެރެއިން ޔާމީން އޭރު ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވެ އެވެ.
އެ ދަތުރުގެ ބައެއް ފޮޓޯތަކުން ފެންނަނީ، 'މިނިވަން ކަމުގެ ދިފާއުގައި ދިވެހިން' ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލު ހުންނެވި ފޮޓޯ އެކެވެ. އެ ދަތުރުގައި ޔާމީން ހިމެނޭހެން މި ސަރުކާރުގެ ބައެއް ވަޒީރުން ވެސް އޭރު 'އިންޑިއާ އައުޓް' ޖެހި ޓީޝާޓް ތުރުކުރައްވާފައިވެ އެވެ.
'އިންޑިއާ އައުޓް' ޖެހި ޓީޝާޓް ތުރުކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އަދި އޭރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓް (2)
މާކުރަތު ފެން
ކިނާރީ މަނިކު