މީގެ ކުރިން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޑޮލަރުގެ މައްސަލަ ހައްލުކުރަން ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ: ޗަމްޕާ މުހައްމަދު މޫސާ
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދެނޯ'ގެ ޕޮޑްކާސްޓެއްގައި ރޭ ވާހަކަ ދައްކަވަމުން މުހައްމަދު މޫސާ ވަނީ ރާއްޖެއަށް ވަންނަ ޑޮލަރާއި އެ ހަރަދުވާ ގޮތް އަދި ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނެ ގޮތާ މެދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ދަންނަވާލަފާނަން. ބައެއް ބޭފުޅުން ކޯފާ ވެސް ވެދާނެ ކަންނޭނގެ،" އެ ވާހަކަ ފައްޓަވަމުން އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަވާ މުހައްމަދު މޫސާ ވިދާޅުވި ގޮތުން، ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ ރާއްޖެއަކީ ގިނައިން ޑޮލަރު ލިބޭ ގައުމެކެވެ.
"ރާއްޖެ އަކީ ޑޮލަރު ވާރެ ވެހޭހެން ވެހޭ ތަނެއް، މުޅި ދުނިޔޭގެ ނިސްބަތުން. އެކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ. އެކަމަކު، އަޅުގަނޑުމެންގެ 200 އެތައް ރަށެއްގައި ރައްޔިތުން އެބަ އުޅުއްވާ. ކޮންމެ ރަށަކަށް ކޮށްދޭން ޖެހޭ އެބަ ހުރިހާ ކަންތައްތަކެއް. އެހެންވީމާ ހަރަދުތަކެއް ވެސް ހިނގާނެ. އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުން ނޫން ހަރަދު ކުރަނީ. ރައްޔިތުން ދޭ ލާރިއަކުން ކުރަނީ،" މުހައްމަދު މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އާބާދީ ކުޑަ ނަމަވެސް ރާއްޖެ އަކީ ކުޑަ ގައުމެކޭ ނުބުނެވޭނެ އެވެ.
ރައްޔިތުން ބުންޏަސް ނުވަތަ ނުބުންޏަސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކުރުމަށް ލޯނު ނަގަން ޖެހޭ ކަމަށާއި މި ހުރިހާ ކަމެއް ކުރަން ވެސް ބޭނުން ވަނީ ޑޮލަރު ކަމަށް މުހައްމަދު މޫސާ ވިދާޅުވި އެވެ.
"ރާއްޖެއަށް ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރަށްތައް ދުރުވެފައި ދަތުރުފަތުރު އުނދަގޫ ކަމުން އަދި އެއް ފަސްގަނޑަކަށް ނޯންނާތީ، ރައްޔިތުންނަށް ބޭނުންވާ ކަންތައް ކޮށްދޭން ގިނަ ހަރަދާއި ވަގުތު ހިނގަ އެވެ. އަނެއްކޮޅުން ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމަކީ ވެސް ޑޮލަރުގެ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ތަންތަނުގައި އެއްގަމުގައި ދުއްވާފައި ގޮސް ހުރިހާ ކަމެއް ނިންމާލެވޭ. އެ ތަންތަނުގައި އެ މީހުންގެ އަމިއްލަ ލަކުޑި އާއި ހުރިހާ އެއްޗެއް އެބަހުރި. ހިލަ އާއި ހިލަވެއްޔާއި ދަގަނޑާ ހުރިހާ އެއްޗެއް އެބަހުރި. މިތަނަކު ނެތް އެހެންނެއް. އެހެންވީމާ ވަރަށް މަސައްކަތުން ކަމެއް ކޮށްދެވެނީ ވެސް މި،" މުހައްމަދު މޫސާ ވިދާޅުވި އެވެ.
"އެހެންވީމާ މުއްދަތު މާ ކުޑައީ ވެރިންނަށް. ކޮންމެ ވެރިއަކު ހުއްޓަސް. އެހެންވީމާ އެންމެ މަދުވެގެން ވެސް 10 ވަރަކަށް، 15 ވަރަކަށް އަހަރު ވެރިއަކަށް ލިބިގެން ނޫނީ ނުކުރެވޭނެ މި ކަމެއް."
މުހައްމަދު މޫސާ ވިދާޅުވީ ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުކަމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ލޯނު ދެއްކުމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަދި ރައްޔިތުންގެ އަމިއްލަ ބޭނުންތަކަށް ވެސް ޑޮލަރު ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮމެންޓް (7)
ޗަމްޕީ
އައިޖޭ
ކޮސް
ކީކޭ ބުނާނީ
ރޯނުއެދުރު
ނޭނގޭ މީހަ
ސަލީމް