ރައީސް މުހައްމަދު މުއިއްޒު މިއަދު ބ. ފެހެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތައުލީމު

ފެހެންދޫގައި ހުންނާނެ ޓީޗަރަކު ހޯދަން އެބަ މަސައްކަތްކުރޭ: ރައީސް

ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި ހިންގާ ފެހެންދޫ ސްކޫލުގައި ކިޔަވަނީ 21 ދަރިވަރުން. ތަމްރީނު ލިބިފައިވާ ޓީޗަރެއް އެ ސްކޫލަކު ނުހުރޭ

އާބާދީ ކުޑަކަމުން ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި ހިންގަމުން އަންނަ ބ. ފެހެންދޫ ސްކޫލަށް، ރަށުގައި ގާއިމްވެގެން ހުންނާނެ ޓީޗަރެއް ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ބުރަކޮށް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސްމަންޒަރު - ގާތްގަނޑަކަށް 150 މީހުން ދިރިއުޅޭ ފެހެންދޫގައި ސްކޫލެއް އަޅައި، ކިޔަވައިދޭން ފެށީ 2022 ވަނަ އަހަރު އެވެ. ސްކޫލު ހިންގަނީ ސެޓެލައިޓް ނުވަތަ އޮންލައިން ސްކޫލެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އެ ރަށުގެ ކުދިން ކިޔަވަން ދިޔައީ، ކަނޑު ހުރަސްކޮށް، ކައިރީގައި އޮންނަ ގޮއިދުއަށެވެ.

އެކި ގްރޭޑްތައް ހިމެނޭ ގޮތަށް، ފެހެންދޫ ސްކޫލުގައި މި ވަގުތު 21 ކުއްޖަކު ކިޔަވަ އެވެ. އެކަމަކު ތަމްރީނު ލިބިފައިވާ ޓީޗަރަކު ސްކޫލުގައި ގާއިމްވެއެއް ނުހުރެ އެވެ. ދަރިވަރުންނަށް އެހީތެރިވެދޭނެ ދެ ޒުވާނަކު ހަރަކާތްތެރިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ބ. ފެހެންދޫ ސްކޫލުގެ ދަރިވަރުންތަކެއް 17 ޖެނުއަރީ 2022ގައި ސްކޫލުގައި: އެ ސްކޫލުގައި މި ވަގުތު 21 ދަރިވަރަކު އޮންލައިންކޮށް ކިޔަވާ (ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ)

ތަފްސީލް - ރައީސް ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެހެންދުއަށް މިއަދު ހަވީރު ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ އާބާދީ ކިތަންމެ ކުޑަޔަސް، ހިދުމަތް ދެއްވުމުގައި ތަފާތު ނުކުރައްވާނެ ކަމަށެވެ.

އެގޮތުން ރަށުގެ ތައުލީމަށް ވެސް އެ މަނިކުފާނު، ތަފާތެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު ބ. ފެހެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ އެ ރަށުގެ ސްކޫލުގައި ގްރޭޑް 6އިން މަތީގެ ކުދިންނަށް ކިޔަވައިދޭން، ރަށުގައި ގާއިމްވެ ހުންނާނެ ތަމްރީނު ލިބިފައިވާ ޓީޗަރަކު ހޯދުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެބަ، ހާއްސަ އިސްތިސްނާއެއްގެ ގޮތުގައި އެކަން ފަހިކޮށްދިނުމަށް މަސައްކަތްކުރަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ އެކަމުގައި ރަށުގެ ރައްޔިތުންނަށް ވެސް އަދި ސްކޫލަށް ވެސް ކަމެއް ކޮށްދެވެން އޮތް ނަމަ، އެކަމެއް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ އެންމެން ގުޅިގެން ކުރެވޭނެ ފަދަ ކަންކަން ކަމަށް ވިދާޅުވި އެވެ.

  • 12 އޮގަސްޓް 2025 - ރައީސް މުހައްމަދު މުއިއްޒު ބ. ފެހެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)
  • 12 އޮގަސްޓް 2025 - ރައީސް މުހައްމަދު މުއިއްޒު ބ. ފެހެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)
  • 12 އޮގަސްޓް 2025 - ރައީސް މުހައްމަދު މުއިއްޒު ބ. ފެހެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - ފެހެންދޫގެ އިތުރުން ވ. ތިނަދޫ އާއި ރަކީދޫގައި ވެސް ސަރުކާރުން ސެޓެލައިޓް ސްކޫލް ތައާރަފް ކުރި އެވެ. އެކަމަކު ދަރިވަރުން ނެތިގެން އެ ދެ ސްކޫލު މިހާރު ހުރީ ބަންދު ކުރާ ހިސާބުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް