ރައީސް މުއިއްޒު މިރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ވިދާޅުވީ ކައުންސިލްތަކުން ޒިންމާދާރު ކަމާ އެކު ހަރަދު ކުރަން ޖެހޭ ކަމަށް (ފޮޓޯ/ރައީސް އޮފިސް)
ކައުންސިލްތަކަށް ދޭ ފައިސާ ހަރަދު ނުކުރާތީ ރައީސްގެ ނުރުހުން
ކޮންމެ އަހަރަކު ވެސް ކައުންސިލްތަކަށް ބަޖެޓުން ދޭ ގުރާންޓުގެ ބޮޑު ބައެއް ބޭނުންނުކޮށް ކައުންސިލްތަކުން ބަހައްޓާފައި ހުންނާތީ ރައީސް މުހައްމަދު މުއިއްޒު އެކަމާ މެދު ކަންބޮޑުވުން މިރޭ ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، އޭދަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބަޖެޓުން ކައުންސިލްތަކަށް ކޮންމެ އަހަރަކު ވެސް ގުރާންޓުގެ ގޮތުގައި ބޮޑު އަދަދެއް ދެނީ ފެންވަރު ރަނގަޅު މުނިސިޕަލް ހިދުމަތްތަކެއް ރައްޔިތުންނަށް ޒިންމާދާރުކަމާ އެކު ފޯރުކޮށް ދިނުމަށް ކަމަށެވެ.
ނަމަވެސް ކައުންސިލްތަކުން އެ ކަންކަންނުކޮށް އެ ފައިސާ އެކައުންޓުގައި ބަހައްޓާ ކަމަށް ވިދާޅުވެ ކައުންސިލްތަކަށް ފާޑުވިދާޅުވި އެވެ.
"މި ފައިސާ މިދެނީ ކައުންސިލްތަކަށް މިދެނީ [ރައްޔިތުންނަށް] ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން. އެއީ ލާޒިމްކަމެއް އެ ފައިސާ ޒިންމާދާރުކަމާ އެކު ހަރަދުކޮށް އެ ރަށެއްގެ ފެންވަރު އެންމެ ރަނގަޅު މުނިސިޕަލް ހިދުމަތްތައް ދިނުން. އެކަމަކު މި ހުރީ ހަރަދު ނުކޮށް ބޭނުންނުކޮށް ބަހައްޓާފައި އެ ފައިސާ،" ރައީސް ވިދާޅުވި އެވެ.
ތަފްސީލް - އޭގެ ތަފްސީލަށް ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުން ބްލޮކް ގުރާންޓު ފައިސާ ބޭނުންކުރި ގޮތުގެ ތަފާސްހިސާބުތައް ވިދާޅުވެ ދެއްވައިފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
-
2.2 ބިލިއަން ރުފިޔާ މިދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި ނަމަވެސް އަހަރު ނިމުނު އިރު 1.4 ބިލިއަން ރުފިޔާ ހޭދަނުކޮށް ކައުންސިލްތަކުގެ އެކައުންޓްތަކުގައި އެބަހުރި
-
މި އަހަރު ދޫކުރި ފައިސާއިން ވެސް ހަރަދު ކުރުމުގެ ޓްރެންޑް ހުރީ ހަމަ އެކަހަލަ ގޮތަކަށް
-
މުނިސިޕަލް ކަންކަމަށް ހަރަދުނުކޮށް ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖެއާ ނުގުޅޭ ނިޒާމުތައް ހުންނަ ގައުމުތަކަށް ކައުންސިލްތަކުން ތަޖުރިބާ ދަތުރުތައް ދާކަން ފާހަގަކުރައްވައި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތް ދެއްވި
"ބަޖެޓް ފާސްކޮށްފައި އޮންނަ ގޮތަށް ހަރަދުނުކޮށް އެ ފައިސާ އެހެން ފޮރުވަން ބެހެއްޓުން އެއީ ކުރެވޭނެ ކަމެއް ނޫން. އެ އިންވެސްޓެއް ވެސް ކުރަނީކީ ނޫން ހަމަ ބަހައްޓަނީ. މިކަމާ މެދު ރައްޔިތުން ވެސް ކައުންސިލްތަކުން ވެސް ވިސްނުމަށް އަޅުގަނޑު މި ވާހަކަ މި ދޫކޮށްލީ،" ރައީސް ވިދާޅުވި އެވެ.
'ކަންކަން ކުރެވޭ ވަރަށް އިގްތިސާދު ރަނގަޅު ކުރެވިއްޖެ'
ރައީސް ވާހަކަ ފައްޓަވަމުން ވިދާޅުވީ އެ މަނިކުފާނު ސަރުކާރު ފަށަން ޖެހުނީ ބޮޑު ދަރަންޏާ އެކު ވާރުތަވި އިގްތިސާދީ ގިނަ މައްސަލަތަކާ އެކު ކަމަށެވެ. އަދި ފުރަތަމަ އަހަރަށް އޭރު އޮތް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ބަޖެޓް ފާސްކޮށްދިނީ އެ މަނިކުފާނުގެ މަޝްރޫއުތައް ހިންގޭ ގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މިހާރު އެ ހާލަތު ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ގިނަ ކަންކަން ހައްލުކުރަމުން އައިސް ވަރަށް ހަލުވި ސުޕީޑްގައި ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް އިގްތިސާދީ ކަންކަން މި އޮތީ މިހާރު ހަމަޖެއްސިފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެން މިއަހަރާއި އަންނަ އަހަރު މި ފަށާ މަޝްރޫއުތައް އެގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށް."
މިރޭގެ ރަސްމިއްޔާތުގައި ވަނީ އޭދަފުށީގައި ކުރިއަށް ގެންދަން ނިންމާފައިވާ:
-
ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި
-
އެ ރަށުގައި އަޅާ ގައުމީ ޔުނިވަސިޓީގެ ކެމްޕަސް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރި
-
ރައީސް ވަނީ އެ ރަށުގައި އަޅަން ވައުދުވެވަޑައިގެންނެވި 1،000 ހައުސިން ޔުނިޓުގެ މަޝްރޫއު ވެސް މިއަހަރު ފައްޓަވާނޭ ކަމުގެ ޔަގީންކަން ވެސް ދެއްވާފައި
މިހެން ކުރެވޭ މަސައްކަތްތައް ވަރަށް ސާފުކޮށް ފެންނަން އޮތަސް ކަންކަން އޮޅުވާލަން މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވި އެވެ. ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގަވާނޭ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
މާލެއަށް ދަތުރުނުކޮށް ބައެއް ހިދުމަތްތައް ރަށު އަދި އަތޮޅު ލެވަލްގައި ލިބޭނޭ ގޮތް ހައްދަވައި ދެއްވާނޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރައީސް ފާހަގަ ކުރެއްވި ކަންކަމަކީ:
-
ޕާސްޕޯޓާއި އައިޑީ ކާޑް ފަދަ ހިދުމަތްތައް ކޮންމެ އަތޮޅަކުން އެންމެ މަދުވެގެން އެއް ރަށުގައި ލިބޭނޭ ގޮތް ހެއްދެވުން
-
ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް މަރުކަޒެއް ގާއިމްކުރުން
-
އެސްޓީއޯއިން ވިއްކާ އަގުގައި ތެޔޮ ލިބޭނޭ ގޮތް ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ހަމަޖެއްސުން
ރައީސް ވަނީ ހިޔާލު ތަފާތުވީ ނަމަވެސް ގައުމީ ވިސްނުން ކުރިއަށް ނެރެ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ގޮވާލައްވައިފަ އެވެ.
ކޮމެންޓް (2)
ބާ އަތޮޅު ކައުންސިލް
ވާދޫ މީހާ