ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ (ފޮޓޯ/އަރީޝާ)

ޒަކިއްޔާގެ މަރުގައި ފުލުހުން އިހުމާލުވެފައިވާތީ ދައުވާ ކުރުމާ މެދު ޕީޖީން މަޝްވަރާ ކުރަނީ

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ވަނީ ބުނެފައި

މީގެ އަހަރެއްހާ ދުވަސް ކުރިން، ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަޝްވަރާ ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޒަކިއްޔާއަށް އެހެން މީހެއްގެ ފުށުން އަނިޔާއެއް ލިބިފައިވާކަން ނުފެންނަ ކަމަށާއި ޒަކިއްޔާ މަރުވީ އަމިއްލައަށް ދިން ޒަހަމްތަތަކުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނި ނަމަވެސް އާއިލާއިންނާއި ހޮޅުދޫގެ ގިނަ ބަޔަކު އެ ކަން ގަބޫލެއް ނުކުރެ އެވެ.

ތަފްސީލް - ފުލުހުން އެ ތަހުގީގުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް އާއިލާއިން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެއާ އެކު، އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ބަލައި ފުލުހުންގެ އިހުމާލު އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ތަނުން ވެސް ވަނީ ބުނެފަ އެވެ.

މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު 'ދައުރު'އަށް ޔަގީންކޮށްދިން ގޮތުގައި، އެންއައިސީގެ މި ނިންމުމާ ގުޅިގެން ފުލުހުންނާ ދެކޮޅަށް ދައުވާ ކުރެވޭތޯ މިހާރު އަންނަނީ ބަލަމުންނެވެ. އަދި އެކަން މިހާރު އޮތީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް އެ ތަނުން ބުންޏެވެ.

ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މިހާރު ހުރި ހެކިތަކަށް ދައުވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށާއި ނެތް ނަމަ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެންއައިސީއަށް އަންގާނެ ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް، އެންއައިސީން ބުނާއިރު، ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ:

  • ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލު ހިންގައި، ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރުން

  • އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުން

  • ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުން 

އެނގުން މުހިއްމު - ފުލުހުންގެ ތަހުގީގާ މެދު ހިތްހަމަ ނުޖެހި، އެ މަރު ވަކި ކޮމިޝަނަކުން ތަހުގީގު ކުރުމަށް އެދި ޒަކިއްޔާގެ އާއިލާއިން މިދިޔަ އޭޕްރީލް މަހު ރައީސް މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފުލުހުން އެކަށީގެންވާ މައުލޫމާތު އާއިލާއަށް ނުދިނުމާއި އޭގެ ސަބަބުން ތަހުގީގާ މެދު ސުވާލު އުފެއްދުމުގެ ގިނަ ޖާގަތައް ލިބިފައިވާ ކަމެވެ.

ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް 3ޑީ ސްކޭނެއް ހެދިތޯ ސުވާލުކުރުމުން އެ ސުވާލަށް ފުލުހުން ޖަވާބު ދީފައެއް ނުވޭ

  • ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް ސްކޭން ހެދި ތާރީހެއް އަދި ސްކޭން ކުރި ޑޮކްޓަރެއް ބުނެ ނުދޭ

  • ފުލުހުން ފުރަތަމަ އޮޓޮޕްސީ ހެދުމުގެ ވިސްނުން ނުގެންގުޅެ، އޭގެ ހަ މަސް ފަހުން ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް އެފަދަ ސްކޭނެއް ހެދޭނެ ގޮތެއް ވެސް ބުނެ ނުދޭ

  • މި މައްސަލާގައި ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ ކަންކަން ހުރި ނަމަވެސް ތުހުމަތު އަމާޒުވާ މީހުންނާ ސުވާލުކޮށްފައެއް ނުވޭ، ފޯނުތައް އަތުލައި ތަހުލީލު ވެސް ނުކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް