ހުރާގެ މޮނިއުމަންޓްގައި ހިމެނޭ ބޮޑު މާކަނާއަށް ގެއްލުންދީފައި.

ކ. ހުރާ

ހުރާގެ މޮނިއުމެންޓް ބެހެއްޓިތާ ހަފުތާއެއް ނުވެ ހަލާކުކޮށްލައިފި

ކައުންސިލުން ވަނީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައި

ކ. ހުރާގެ ބަނދަރު މަތީގައި އެ ރަށު ކައުންސިލުން ހަދަމުން އަންނަ މޮނިއުމަންޓް ނިންމާ، އެތަން ހުޅުވިތާ ހަފުތާއެއް ނުވެ ހަލާކުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ޗައިނާގެ ޓޫރިސްޓުންގެ މެދުގައި 'ކްރެބް އައިލެންޑް'ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ހުރާގެ ބަނދަރު މަތީގައި ބެހެއްޓި މޮނިއުމަންޓްގައި ވެސް، ރަށުގެ ނަމާއެކު ހަރުކޮށްފައިވަނީ ރަތްކުލައިގެ ބޮޑު ކަކުންޏެކެވެ. ދެން މާސިންގާ މާކަނާ އެކެވެ.

ތަފްސީލް - ހުރާ ކައުންސިލުން ބުނި ގޮތުގައި، ފައިބަރުން ހަދާފައިވާ އެ މޮނިއުމަންޓް ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަނީ ހަލާކުކޮށްލާފަ އެވެ. އާއްމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ މާކަނާގެ ހަށިގަނޑުން ވަނީ ތަންތަންގަނޑު ނައްޓާފަ އެވެ.

ހުރާ މޮނިއުމަންޓްގެ މަސައްކަތް ނިންމަނީ (ފޮޓޯ/މިދުއާމް)

"މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ހުރާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

އެ ކައުންސިލުން ވަނީ، މޮނިއުމަންޓަށް ގެއްލުން ދިން މީހުން ހޯދުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފަ އެވެ.

އެ ތަނުން ބުނި ގޮތުގައި:

  • މިއީ ރައްޔިތުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހެދި މޮނިއުމަންޓެއް

  • މިފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެޅޭނެ ހުރަހެއް

  • ރައްޔިތުން ހަދާ މި ފަދަ ތަންތަނަށް ގެއްލުންދީ، އެކަން ކުރި މީހުންނާ މެދު ފިޔަވަޅު ނާޅާ ނަމަ އެއީ ރަށު ތެރޭގައި ފަސާދަ އުފެދޭނެ ކަމެއް

"ވީމާ، މި ފަދަ ނާތަހުޒީބު އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވަމެވެ. އަދި މި އަމަލު ހިންގި މީހުން ހޯދައި ގާނޫނީ ގޮތުން އަޅަން ޖެހޭނެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ދަންނަވަމެވެ،" ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިއްމު - ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ބަނދަރުމަތީގައި މިހާރު ހުންނަނީ މި ގޮތަށް މޮނިއުމަންޓް ހަދާފަ އެވެ. ގިނައިން ހުންނަނީ ރަށުގެ ނަމާ އެކު، އެ ރަށް މަޝްހޫރުވެފައިވާ ކޮންމެވެސް އެއްޗެކެވެ. އެގޮތުން، މިޔަރާއި ކުއްޅަވަކާއި ވެލާ ފަދަ އެއްޗެހި ހުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް