އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރާ އަބްދުއްގަނީ މުހައްމަދު --
އުއްތަމަ ފަނޑިޔާރަކަށް ގަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ 21 ޖުލައިގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެ މަގާމަށް ގަނީ އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނުމުން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ގަނީގެ ނަމެވެ. އަދި އިއްޔެ ޖުޑިޝަރީ ކޮމިޓީން ވަނީ ގަނީއަށް ރުހުން ދީފަ އެވެ.
ތަފްސީލް - ޖުޑީޝަރީ ކޮމިޓީން ތަޅުމަށް ހުށަހެޅި ގޮތަށް ގަނީއަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ތަޅުމުގައި ނެގި ވޯޓުގެ ނަތީޖާއަކީ:
-
ރުހުން ދޭން ފެންނަ ކަމަށް 62 މެންބަރުން
-
ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
ގަނީގެ ތައާރަފެއް - ގަނީއަކީ 2000 އިން 2004އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި 2004 އިން 2018އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ވެސް ހުންނެވި އެވެ.
ގަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރީ 2018ގަ އެވެ. ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ބަދަލުވި ފަހުން ވަކިކުރީ 2019ގަ އެވެ. އެ ގޮތުން:
-
ގަނީ ސުޕްރީމް ކޯޓަށް އައްޔަންކުރީ މަޝްހޫރު 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން ހުސްވި މަގާމަކަށް
-
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، ކުރީގެ ސުޕްރީމް ކޯޓުން ހިންގި ގޯސްތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓަކާ އެކު މުޅި ބެންޗު ބަދަލުކުރި އިރު ގަނީ ވެސް ވަކިކުރި
ގުޅުން ހުރި - މުއުތަސިމް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ ވަނީ ހަވާލުކޮށްފަ އެވެ.
ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ:
-
އާއިޝާ ޝުޖޫން މުހައްމަދު
-
އަލީ ރަޝީދު ހުސައިން
-
ޑރ. މުހައްމަދު އިބްރާހިމް
-
ހުސައިން ރަޝީދު
-
މުހައްމަދު ސަލީމް