ކަނޑުވި މީހުން ފުލުހުން ސަލާމަތް ކުރަނީ
ދޯންޏެއް ފަރަށް އަރައި ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
ތ. ވޭމަންޑުއަށް ދަތުރުކުރި ދޯންޏެއް ކަނޑުވެ، އެއިން ދަތުރުކުރި މީހުން ފަރުމަތީގައި ތިއްބާ ފުލުހުން ސަލާމަތްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުސް އޮފީހުން ބުނި ގޮތުގައި، މާލެއިން ފުރައިގެން ވޭމަންޑުއަށް ދަތުރު ކުރި 'އަލްމަޖްރާ' ދޯނި ކަނޑުވީ ވ. ދިއްގިރި ކައިރީގައި އޮންނަ ފަރަކަށް އަރަ އެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި:
-
އެ ސަރަހައްދަށް ދިޔައިރު، ދޯނިން ދަތުރުކުރި ތިން މީހުން ވެސް ތިބީ އެ ފަރުމަތީގައި
-
ތިން މީހުންގެ ހާލު ވެސް ރަނގަޅު؛ އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުން
-
ފުލުހުން ވަނީ އެ މީހުން ސަލާމަތްކޮށްގެން، ވ. ފެލިދުއަށް ގެންގޮސްފައި
-
އެކަމަކު ދޯނި ވަނީ އަޑިއަށް ގޮސްފައި
ފުލުސް އޮފީހުން ބުނީ ފަރަށް އެރި ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލަ އާއި އެ ބާވަތުގެ ސާމާނު ހުންނާނެ ކަމަށެވެ. އަދި އެތަކެތި މިހާރު އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވުމަށް އެދުނެވެ.
އެނގުން މުހިއްމު - މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކަނޑުގަދަވެފައި މޫސުން ގޯހެވެ. އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން ބަލައިގެން ދަތުރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.