ކ. ރިހިވެލި ރިސޯޓް (ދުރުން) އަދި އެ ރަށުގެ ފަޅުތެރޭގައި އޮންނަ ކުޑަ ރަށެއް. (ފޮޓޯ/ރިހިވެލި)
ރިހިވެލި މައްސަލަ: ފްރާންސް ކުންފުނިން ދައުވާކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް
ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއަށް ހަވާލުކުރި ސަބްލީޒް އެގްރީމަންޓް، އެ ރިސޯޓު ހިންގާ ރަށުގެ ހެޑްލީސް ހައްގުތައް އޮންނަ މާހަލް ޓުއާސް އިން ބާތިލުކުރި މައްސަލައިގައި، ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުން، ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.
މައްސަލައިގެ ފެށުން - މި މައްސަލަ އުފެދުނީ:
-
ސޭވް ދަ ޑްރީމް ފްރާންސާއި މާހަލް ޓުއާސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 15 ފެބުރުއަރީ 2018ގައި
-
ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ރިހިވެލި ސަބްލީސްކުރުމަށް ސޭވް ދަ ޑްރީމް ފްރާންސާއި މާހަލް ޓުއާސް އިން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެއް
-
ރިހިވެލި ރިސޯޓް ސަބްލީސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 8 މެއި 2018ގައި
-
މާހަލް އިން ސަބްލީސް އެގްރީމަންޓް ބާތިލުކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ސަބްލީސް ކުއްޔާއި ހެޑްލީސް ކުލި ނުދައްކާތީ
-
ސަބްލީސް އެއްބަސްވުން ބާތިލުކޮށް ޓާމިނޭޝަން ނޯޓިސް ފޮނުވީ 14 ސެޕްޓެމްބަރު 2020ގައި
އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާކުރީ ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުންނެވެ. ނަމަވެސް 30 ނޮވެމްބަރުގައި ހައި ކޯޓުން ބުނީ، މާހަލް ޓުއާސް އިން ރިހިވެލި ރިސޯޓް ސަބްލީސްކޮށްފައި ވަނީ ސޭވް ދަ ޑްރީމް ފްރާންސަށް ނޫން ކަމަށާއި، އެހެންކަމުން މައްސަލައިގައި ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ނެތް ކަމަށެވެ.
ތަފްސީލް - އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ގާނޫނީ ވަކީލު، ނާޒިމް ސައްތާރު ވިދާޅުވީ، އިސްތިއުނާފުގައި އެދުނީ ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަށް، ސުޕްރީމް ކޯޓުން ކަނޑައަޅައި މައްސަލަ އަލުން ބެލުމަށް ހައި ކޯޓަށް އެންގުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ، ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަސް ސޭވް ދަ ޑްރީމް ފްރާންސް އިން ބުނަނީ ދެ ސަބަބަކާ ހެދި ކަމަށެވެ. އެއީ:
-
1-
7 ޖުލައި 2021ގައި، ހައި ކޯޓުގެ އެހެން ބެންޗަކުން، ސޭވް ދަ ޑްރީމް ފްރާންސަށް، މި މައުލޫގައި ދައުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަށް ކަނޑައަޅާފައިވާތީ
-
2-
މިފަދަ މައްސަލަތަކުގައި ބަލަން ޖެހޭނީ މައްސަލައިގެ ޝަކުލިއްޔަތަށް ނޫން ކަމާއި މައްސަލައިގެ މައުލޫއަށް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ބުނެފައި ވާތީ
އެނގުން މުހިންމު - ރިހިވެލި ރިސޯޓާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިރު، އެ މައްސަލައަށް ސޭވް ދަ ޑްރީމް ފްރާންސުން ތަދައްހުލުވެ، ވަގުތީ އަމުރަކަށް އެދުމުން، އެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެ ފަރާތަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށް ސުޕްރީމް ކޯޓުން ވެސް އޮތީ ކަނޑައަޅައިފަ އެވެ.
އިތުރަށް ކިޔާލަން -