އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއޭސީއެލް

ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި އެމްއޭސީއެލްއިން ޕޮލިހަށް

އެމްއޭސީއެލް އިން ބުނީ ޑްރޯންތަކަށް މައްސަލަ ދިމާވީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެނޫން ގޮތަކަށް އިންޓަފިއާ ކުރުމުން ކަމަށް ޝޯ ކުރިއަށް ގެންދިޔަ ފަރާތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އެމްއޭސީއެލް)ގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ސޮއިކުރައްވާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް ފޮނުއްވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމަށް ޝަރީފްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޝަރީފްގެ ބަހެއް ނުލިބެ އެވެ. ނަމަވެސް އެއީ އެމްއޭސީއެލްއިން ފުލުހަށް ފޮނުވި ސިޓީއެއްކަން ޝަރީފް ވަނީ ބައެއް އެހެން ނޫސްތަކަށް ކަށަވަރުކޮށްެދެއްވައިފަ އެވެ. އަދި ސިއްރު ސިޓީއެއްގެ ގޮތުގައި ފޮނުވި އެ ސިޓީ އާންމުވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - އެމްއޭސީއެލްއިން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ކުއްލި މައްސަލައެއް ދިމާވެ ޑްރޯންތަކުގެ ސިގްނަލް ގެއްލުނު ކަމަށެވެ. އޭގެ ސަބަބުން ބައެއް ޑްރޯންތައް މޫދަށާއި ބިންމައްޗަށް ވެސް ވެއްޓުނު ކަމަށާއި ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

"މި ހާދިސާގައި މި ޑްރޯން ޝޯ އޮޕަރޭޓުކުރި ފަރާތަށާއި މި ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ،" މިދިޔަ ހޯމަ ދުވަހު ޝަރީފް ސޮއިކުރައްވާ ފުލުހަށް ފޮނުއްވި ސިޓީގައިވެ އެވެ.

އެމްއޭސީއެލްއިން ބުނީ ޑްރޯންތަކަށް މައްސަލަ ދިމާވީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެނޫން ގޮތަކަށް އިންޓަފިއާ ކުރުމުން ކަމަށް ޝޯ ކުރިއަށް ގެންދިޔަ ފަރާތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ރަސްމިއްޔާތުގެ ކުރިން ޝޯގެ ފުލް ރިހާސަލެއް ކުރިއަށް ގެންދިޔަ އިރު ވެސް އެއްވެސް މައްސަލައެއް ފާހަގަނުވާ ކަމަށ އެ ސިޓީގައި ބުންޏެވެ.

މީގެ އިތުރުން

  • ޑްރޯން މައްސަލަ ދިމާވި ވަގުތު ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި އުޅުނު ޓެކްނިކަލް މީހުންނަށް ވެސް ސިންނަލް އަދި ނެޓްވޯކު ގެއްލުން ފަދަ ކަންތައް ދިމާވި

  • ޑްރޯން ޝޯ ނިމުނު ފަހުން ސިސްޓަމް ރީސެޓު ކުރި އިރު ވެސް އެއްވެސް މައްސަލައެއް ދިމާވިކަން ފާހަގައެއް ނުވޭ

  • މި ހާދިސާ ހިނގި ގޮތް އެމްއޭސީއެލްއަށް އަދި ޑްރޯން ޝޯ ކުރިއަށް ގެންދިޔަ ފަރާތަށް ވެސް އަދި ދެނެ ނުގަނެވޭ

 ޝޯ ކުރިއަށް ގެންދިޔަ ފަރާތަށް ލިބުނު ގެއްލުން ދެނެ ގަތުމަށް މަސައްކަތް ކުރަމުން އަންނައިރު، އެފަރާތަށް ލިބުނު ގެއްލުމަކީ އެއްބަސްވުމުގައި އޮތް ގޮތަށް އެމްއޭސީއެލް އިން ޒިންމާވާން ޖެހޭ ފަދަ ގެއްލުމަކަށް ވެއްޖެ ނަމަ އޭގެ ސަބަބުން އެމްއޭސީއެލްއަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ސިޓީގައިވެ އެވެ.

"އެހެންކަމުން މި ހާދިސާ ހިނގައިދިޔަ ގޮތް ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށް މި ކުންފުނިން ދެކެމެވެ."

ފާހަގަކުރެވޭ - ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް ރަންވޭއަށް ވެސް ވެއްޓުނެވެ. އޭގެ ސަބަބުން ރަންވޭ ސާފުކުރުމަށް ގިނަ އިރުތަކެއް ވަންދެން ރަންވޭ ބަންދުކުރަން ޖެހި ބައެއް ފްލައިޓުތައް ޖެއްސުން ލަސްވި އެވެ.  

ކޮމެންޓް (2)

ސިގްނަލް ގެއްލުނު ތަޙްްޤީޤު

31 ޖުލައި 2025
ބޮޑު ޙަރަދު ކޮށްފައި އަތަށް ގޮވީމައި އާދައިގެ މުއައްޒަފުން ބޮލުގައި އަޅުވަން ކުރާ ކަމެއް. ޑްރޯން ވެއްޓުނު ވަގުތަކީ ރައީސްގެ މޮޓޯކޭޑު އެއަރޕޯރޓަށް ދަތުރު ކުރަމުންދިޔަ ވަގުތު، އެހެންކަމުން މޮޓޯ ކޭޑުގެ އެއް ވެހިކަލް އެއީ ސިގްނަލް ޖެމާރ ހަރުކޮށްފައި ހުންނަ ވެހިކަލެއް. ސިގްނަލް ޖޭމަރަށް ހިޓްވާ ކޮންމެ ސިގްނަލެއް ދުއްވާލާނެ. ތަޙްޤީޤު ނިމުނީ..
5 0

ކިނާރި މަނިކު

31 ޖުލައި 2025
ތިވެސް ރިކޯޑެއް ނޫންބާ؟ އެންމެ ގިނަ ޑްރޯން ވެއްޓުނު. ބަޔަކު އެއަރޕޯޓެއް ހަދައި ހުޅުވާލަން އެކަނި ހަވާލުކުރީމަ އެކަންވެސް ދިވެހިންނަށް އެންމެ ފައިދާހުރި ގޮތަކަށްވުރެ ރެކޯޑް ހަދަން މިބޭނުންކުރެވުނީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް