ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު ފެރީއެއްގައި ނިދާފައި. ރާއްޖޭން ފެނުނީ ކޮންމެ މަސައްކަތެއްގައި ވެސް ބަންގްލަދޭޝް މީހުންގެ ހިއްސާ އޮންނަތަން ކަމަށް ފޮޓޯގްރާފަރު، އާކާޝް ބުނި (ފޮޓޯ: ޖީއެމްބީ އާކާޝް)

ބަންގްލަދޭޝް ފޮޓޯގްރާފަރުގެ ލެންސުން ރާއްޖެ: 'ފެނުނީ އެހެން މަންޒަރެއް'

ޖީއެމްބީ އާކާޝްއަކީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފޮޓޯޖާނަލިސްޓެއް؛ ރާއްޖެއަށް އެޜީއްސުރެ އޭނާއަށް ފެނުނީ ހުރިހާ މަސައްކަތެއްގައި ވެސް ބަންގްލަދޭޝްގެ މީހުން ހިއްސާވާތަން ކަމަށް އޭނާ ބުނި

ބަންގްލަދޭޝްގެ ފޮޓޯޖާނަލިސްޓު، ޖީއެމްބީ އާކާޝްއަކީ ސޯޝަލް މީޑިއާގައި މަޝްހޫރު، ގިނަ ބަޔަކު އޭނާގެ މަސައްކަތް ބަލައިގަންނަ ހުނަރުވެރިއެކެވެ. ފޮޓޯގެ ޒަރީއާއިން، މީހުންގެ ހަޔާތުގެ ވާހަކަތައް ވަރަށް އަސަރާއެކު އޭނާ ގެނެސްދެ އެވެ. ހާއްސަކޮށް، އުފަން ގައުމުގެ މީހުންގެ ދަތި ދިރިއުޅުމާއި ހިތްދަތިކަން މީހުންގެ ސަމާލުކަން ގެނެސް، އެ މީހުންގެ ދިރިއުޅުމަށް ބަދަލުތައް ގެނައުމަށް އެހީތެރިވެދީފައި ވެ އެވެ.

އެކަމަކު އެ ހުނަރުވެރިޔާ، ފުރަތަމަ ފަހަރަށް އިއްޔެ ރާއްޖެ އައިއިރު އޭނާއަށް ފެނުނީ އުއްމީދުކުރި ކަހަލަ މަންޒަރެއް ނޫނެވެ. އޭނާއަށް ފެނުނީ، ދިވެހިންގެ ކޮންމެ މަސައްކަތެއްގެ ފަހަތުގައި އޭނާގެ ގައުމުގެ މީހެއްގެ އަތެއް ވާތަނެވެ. ފެރީއަށް އެރިޔަސް، މަގުމައްޗަށް ނުކުތަސް، ހޮޓަލަށް ދިޔަޔަސް އެތަނުގައި އެހީވާން  އޭނާގެ ގައުމުގެ މީހުން ތިބޭ ތަނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު ފެރީއެއްގައި ނިދާފައި. (ފޮޓޯ: ޖީއެމްބީ އާކާޝް)
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ އެކި މަންޒަރުތައް، އެ ގައުމުގެ ފޮޓޯޖާނަލިސްޓު އާކާޝްގެ ލެންސުން

"މިހާ ގިނަ ބަންގްލަދޭޝްގެ ބަޔަކު ރާއްޖޭގައި އުޅޭ ކަމެއް، މަސައްކަތް ކުރާ ކަމެއް އަހަރެންނަކަށް ކުރިން ވަޒަން ކުރެވިފައެއް ވެސް ނުވެ އެވެ،" ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ އާބާދީ %57އަށް އަރާކަން ފާހަގަކުރަމުން އާކާޝް ލިޔުނެވެ.

"ފިހާރައަކަށް ދިޔަޔަސް އެ މީހުންނާ ދިމާވެ އެވެ. މާރުކޭޓަށް ދިޔަޔަސް، ރެސްޓޯރަންޓަކަށް ދިޔަޔަސް، މިސްކިތަށް އެރިޔަސް ކޮންމެ ތަނަކަށް ދިޔަޔަސް އެ މީހުންނާ ބައްދަލުވެ އެވެ. ހަމަހިމޭންކަމާއެކު، ފަރުދާގެ ފުރަގަހުގައި ތިބެގެން އެ މީހުންގެ ދިރިއުޅުން މިތަނުގައި ފައްކާ ކުރަނީ އެވެ."

އާކާޝް ބުނި ގޮތުގައި، ރާއްޖެއަށް އެރުމާ އެކު، ހުރިހާ ފަރާތަކުން ވެސް އޭނާއަށް އިވެން ފެށީ ބަންގާޅު ބަހުން ވާހަކަ ދައްކާ އަޑެވެ. އެހެންވެ، އިސާހިތަކު އޭނާއަށް ބީރައްޓެހިކަން ކެނޑި، ޓޫރިސްޓެއްގެ އިހުސާސް ނެތިއްޖެ އެވެ.

ޖީއެމްބީ އާކާޝް: އޭނާއަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފޮޓޯޖާނަލިސްޓެއް

އޭނާ ބުނި ގޮތުގައި، ރާއްޖެއާ މެދު ގިނަ ބަޔަކު ހީކުރަނީ މިއީ، ޕޯސްޓްކާޑުތަކުން ފެންނަ ފަދަ، ރީތި ލަގްޒަރީ މަންޒިލެއްގެ ގޮތުގަ އެވެ. އެކަމަކު ފެރީއަކަށް އަރާލައި ގާޑިޔަލެއް ކައިރީ މަޑުކޮށްލައި ފަތިސް ގަޑީގައި ހާބަރު ސަރަހައްދުގައި ހިނގާލައިފިނަމަ ފެންނާނީ އެހެން މަންޒަރެއް ކަމަށް ބުންޏެވެ.

އާކާޝް ދެކޭ ގޮތުގައި، އެ ހުރިހާ ތަނަކުން ވެސް ފެންނަނީ ސުވަރުގެއެއް ފަދަ މި ރީތި މަންޒިލް ކުރިއަށް ގެންގޮސްދޭ މަސައްކަތްތެރިންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ އޭނާގެ ގައުމުގެ މީހުން ކަމަށް ބުންޏެވެ.

"މަސައްކަތް ކުރާ ބޯޓު ފަހަރުގައި ގިނަ ބަޔަކު ނިދަ އެވެ. އެތަނުގައި އެނދެއް ނުހުރެ އެވެ. ފަންކާއެއް ނުހުރެ އެވެ. ހަމައެކަނި ބެންޗަކާއި ރާޅުތަކެވެ. އެކަމަކު ވެސް އެ މީހުން ތިބެނީ ހިނިތުންވެފަ އެވެ،" އާކާޝް ލިޔުނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ އެކި މަންޒަރުތައް، އެ ގައުމުގެ ފޮޓޯޖާނަލިސްޓު އާކާޝްގެ ލެންސުން
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ އެކި މަންޒަރުތައް، އެ ގައުމުގެ ފޮޓޯޖާނަލިސްޓު އާކާޝްގެ ލެންސުން

އޭނާ ބުނި ގޮތުގައި، އޭގެ ތެރެއިން ގިނަ މީހުން، އާއިލާއާ ބައްދަލު ނުވާތާ ވެސް އެތައް އަހަރެއް ވެއްޖެ އެވެ. މަންމަ އާއި އާއިލާގެ މީހުންގެ މަތިން އެ މީހުން ހަނދާންވެ އެވެ. ގޭގެ ބަދިގޭގައި އުދާފައި ހުންނަ ބައްތަވާގެ ވަސް އެ މީހުން ހަނދާން ވެ އެވެ. އެކަމަކު ބުރަކޮށް މަސައްކަތްކޮށް، ލާރި ހޯދައި އެ ލާރި ގެއަށް ފޮނުވަނީ ފޮނި އުއްމީދަކާ އެކުގައި ކަަމަށް އޭނާ ބުންޏެވެ.

އާކާޝް ރާއްޖެ އައީ ޓޫރިސްޓެއްގެ ގޮތުގަ އެވެ. އެކަމަކު އެ ފޮޓޯގްރާފަރުގެ ބަހުން ނަމަ އޭނާއަށް ފެނުނީ، ސުވަރުގެއެއް ފަދަ މި ރާއްޖެ ކުރިއަރުވަން މަސައްކަތް ކުރާ އޭނާގެ ރަށުގެ ގިނަ ބައެކެވެ. ރާއްޖޭގެ ރީތިކަމާއި މަޝްހޫރުކަމުގެ ފަހަތުގައި ތިބި، ނުފެންނަ އަތްތަކެކެވެ. އޭނާގެ ވާހަކަތަކުން ދޭހަވި ގޮތުގައި މިއީ އުއްމީދުކުރި ފަދަ މަންޒަރެއް ނޫނެވެ.

ކޮމެންޓް (3)

ފަހަތް

31 ޖުލައި 2025
އޭގެތެރޭގަ ގިނަވާނީ ވަޒީފާއަދާކުރާފަރާތަށް ފިލައިގެންއުޅޭ މީހުން. އެމީހުން ކީއަގެއްދީގެން މިހާރު ދިވެހިން މަސައްކަތްކުރުވަނީ.
3 0

ޞަމީ

29 ޖުލައި 2025
އޭނާ އެބުނަނީ ތެދެއް. އެކަމަކު ތިޔަ ހަބަރާ ގުޅޭ ކަހަލަ ފޮޓޯތަކެއް ނޫން ތިޔަހުރީ ޖަހާފަ.
12 1

ހުސީ

29 ޖުލައި 2025
@ޞަމީ އެއީ އޭނަގެ ވާހަކަ އޮތް ހަބަރެއް، އޭގަ ޖަހާފަ އެހުރީ އޭނަ ރާއްޖޭގައި ނަގާފަ ހުރި ފޮޓޯ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް